މުޅި ދިވެހިރާއްޖެ ހައި-ސްޕީޓު ލޯންޗު ނިޒާމުން ގުޅައިލުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ހިންގުން އެމްޓީސީސީއާ ހަވާލުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
މި މަޝްރޫޢަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގެ ނަމުގައި ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރަން ރައީސް ނިންމެވީ އަންގާރަދުވަހު އޮތް ކެބިނެޓު ބައްދަލުވުމެއްގައެވެ.
މި މަޝްރޫޢާ ގުޅޭ ކަރުދާހެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓުރަކްޗާއިން ވަޒީރުންގެ މަޖިލިހަށް ހުށަހަޅައި ވަޒީރުންގެ މެދުގައި އެ ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި މި ނިޒާމުގެ ބޭނުމަކީ ދަތުރުފަތުރުކުރުމުގައި ރާއްޖޭގައި ހުރި ދަތިތައް ނައްތާލައި އިޤުތިޞާދީ ދުވެލި އަވަސްކޮށް ތަރައްޤީގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ލިބޭނެ މަގުފަހިކުރުމަށް ފެރީ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމުގައި ރައީސް އޮފީހުން ބުންޏެވެ.
މި ނިޒާމުގެ ދަށުން 3 ޒޯންއާއި 6 ރީޖަން ގުޅުވައިދޭނެ ކަމަށައި، ފެރީ ނެޓުވޯކުން 6 ރީޖަނުގައި އެކުލެވޭ ހުރިހާ ރަށެއް ގުޅިގެންދާއިރު ހުރިހާ ރީޖަންތަކެއްވެސް އެ ނިޒާމުން ގުޅުވައިލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އަތޮޅުތަކުގެ އެތެރޭގައި ރީޖަންތަކުގެ ރަށްތައް ގުޅުވައިލަނީ ކޮމިއުޓު ލިންކުންނެވެ. އަދި އެ ލިންކަކަީ ޟަރޫރީ ބޭނުންތަކަށާއި ޢާންމުކޮށް ކުރާ ދަތުރުތަކަށް ޚާއްޞަ ލިންކެވެ. ނަން ކޮމިއުޓު ލިންކަކީ ދިގު ދަތުރުތަކަށް ޚާއްޞަކޮށްފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެކި ސަރަހައްދުތައް ގުޅުވައިލާ ވިއުގައެވެ.
މީހުން ދަތުރުކުރުމުގެ އިތުރަށް މުދާ އުފުލުމަށް ޚާއްޞަ ދަތުރުފަތުރުގެ ނިޒާމެއްވެސް ޤާއިމުކުރާނެ ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އެ ޚިދުމަތުން ހުރިހާ ރަށްތަކެއް އެ ރަށްތައް އޮންނަ ސަރަހައްދުގެ ވިޔަފާރި ބަނދަރާ ގުޅުވައިލާނެ ކަމަށް ބުނެފައިވެއެވެ.