Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އަލްޤައިދާ މިހާރު ހިންގަނީ އިރާނުގައި ޤާއިމްވެ ތިބެގެން: ޕޮމްޕެއޯ

އަލްޤައިދާ ޖަމާއަތް މިހާރު ހިންގަނީ އިރާނުގައި ޤާއިމްވެ ތިބެގެން ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވި ނަމަވެސް މިކަމާއި ގުޅޭ އެއްވެސް ހެއްކެތް އޭނާ ދައްކަވާފައި ނުވެއެވެ. އަދި އިރާނުން ވަނީ މިކަން ދޮގުކޮށްފައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮމްޕެއޯ ވިދާޅުވި ގޮތުގައި، އަލްޤައިދާގެ ލީޑަރު އައިމަން އަލްޒަވާހިރީގެ ދަށުން ތިބޭ ފަރާތްތައް މިހާރު ދިރިއުޅެނީ އިރާނުގައި ކަމަށެވެ. އަދި އެ ޖަމާއަތް ހިންގަނީ އިރާނުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން ޕޮމްޕެއޯ ވިދާޅުވީ، އިރާނާއި އަލްޤައިދާ އާއި ދެމެދު އޮތް ގުޅުން ރަނގަޅުވާން ފެށީ އިރާނާއި އެމެރިކާ އާއި ދެމެދު ނިއުކުލިއާ އެއްބަސްވުމަކާއި ހަމައަށް އަންނަން 2015 ވަނަ އަހަރު މަޝްވަރާ ކުރެވެމުން ދިޔަ ދުވަސްވަރުގައި ކަމަށެވެ.

އިރާނަކީ ޝީއާ ޤައުމަކަށްވާއިރު އަލްޤައިދާ އަކީ ސުންނީ މުސްލިމުންގެ މައްޗަށް އެކުލެވޭ ހަނގުރާމަވެރި ޖަމާއަތެކެވެ. އެ ޖަމާއަތަކީ ދިވެހިރާއްޖެއިން ޓެރަރިސްޓު ޖަމާއަތްތަކުގެ ތެރޭގައި ހިމަނާފައިވާ ޖަމާއަތެއްކަން ފާހަގަކޮށްލެވެއެވެ. އަދި އަލްޤައިދާ އާއި އިރާނަކީ އަބަދުވެސް ދުޝްމަނުންނެވެ. އެހެން ނަމަވެސް އިރާނާއި ގުޅިގެން އަލްޤައިދާ ކޮންމެވެސް ވަރަކަށް އޮޕަރޭޓު ކުރާކަމަށް މީގެ ކުރިންވެސް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފައިވެއެވެ.

އިއްޔެ ދެއްވި ޕްރެސްގައި ޕޮމްޕެއޯ ވިދާޅުވީ އިރާނަކީ މިހާރު އާ އަފްޣާނިސްތާން ކަމަށެވެ. އަދި އެއަށްވުރެ ވެސް ހާލަތު ގޯސްކަމަށް ވިދާޅުވިއެވެ. މިގޮތުން އަލްޤައިދާ އޮޕަރޭޓުކުރަމުން ދަނީ އިރާނުގެ ސަރުކާރުގެ މަދަދާއި އެކުގައި ކަމަށްވެސް ޕޮމްޕެއޯ ތުހުމަތުކުރެއެވެ.

އެމެރިކާގެ ސަރުކާރަކީ މީގެ ކުރިންވެސް އިސްލާމީ ޤައުމުތަކާއި ގުޅޭގޮތުން ބޮޑެތި ދޮގުތައް ހަދާފައިވާ ބައެއްކަން ފާހަގަކުރެވެއެވެ. މިގޮތުން 2003 ވަނަ އަހަރު އިރާގަށް އެރި އިރު އެމެރިކާ އިން ބުނަމުން ދިޔައީ އިރާގުގައި ފާނާކުރަނިވި ގެއްލުންދޭ ހަތިޔާރު އެ ޤައުމުގައި ހުރި ކަމަށެވެ. އެހެން ނަމަވެސް ފަހުން އެއީ މުޅިން ދޮގުކަން ވަނީ ސާބިތުވެފައެވެ.

މި ލިއުމާއި ގުޅޭ