ކަނބާއައިސާ ރަނި ހިނގުމުގައި މި ސަރުކާރުން ތަރައްޤީކުރި ތަންކޮޅަކީ 100 މީޓަރު ހަމަނުވާ މިންވަރުގެ ތަންކޮޅެއް ކަމުގައާއި އެތަނަށް 100 ކިލޯމީޓަރުގެ މަގެއް ހެދުމަށް ޚަރަދުވާ މިންވަރަށް ފައިސާ ޚަރަދުކުރި ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ ކަނބާ އައިސާ ރަނި ހިނގުމުގައި ކުޑަ ތަންކޮޅެއްގައި މަގުގެ ގާ ނަގައި އަލުން ގާ އެތުރުމަށްފަހުގައި، އެ މަގުގައި ބޯކޮށް ވާރޭ ވެހުނަސް ފެންބޮޑުނުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވަނިކޮށް އެ މަގުގައި މިއަދު ފެންބޮޑުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުން އިއްޔެވަނީ ދެ އަހަރު ތެރޭގައި މި ސަރުކާރުން މާލޭގައި ހިންގި މަގު ހެދުމުގެ ހަމައެކަނި މަޝްރޫޢުގެ ކާމިޔާބީ އިހުތިފާލުކޮށް މީސްމީޑިޔާގައި ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ.
އަދި މި މަގުގައި ވާރޭ ވެހުނަސް ފެންބޮޑުނުވާ ކަމަށް ބުނެ ސަރުކާރަށް ތާއީދުކުރާ ނޫސްތަކުން އާޓިކަލްތައް ލިޔެ، ޓީވީތަކުން ރިޕޯޓުތައް ތައްޔާރުކޮށްފައިވެއެވެ.
ޝިޔާމުވަނީ ކަނބާ އައިސާ ރަނި ހިނގުމަށް ބޮޑު ހޭދައެއް ކުރުމަށްފަހުގައި އެ މަގުގައި ފެންބޮޑުވުމުން އެކަމަށް ކިިޔާނީ ސޯލިހުވުންތޯ ނޫނީ ޝިފާވުންތޯ ސުވާލު އުފައްދަވާފައެވެ. ކުރީ ސަރުކާރުގެ ވެރިކަމުގައި މާލޭގައި ފެންބޮޑުވެއްޖެނަމަ، އެއީ މުޢިއްޒުވުން ކަމުގައި ބުނެ، އެއިރުގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒަށް މަލާމާތްކުރުމަކީ ސޯޝަލް މީޑިޔާގަިއ އެމްޑީޕީ އެކްޓިވިސްޓުންގެ ޢާންމު ކަމެކެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ ޔަޤީނުންވެސް އެނގިގެން ގޮސްފައިވާ ކަމަކީ ޑރ.މުޢިއްޒު ކަންކުރެއްވި ގޮތަށް އެ ދުވެލީގައި މި ސަރުކާރަށް ކަންކަން ހިންގަން ނޭނގޭ ކަން ކަމުގައެވެ.