Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު މުވައްޒަފުން

ރިސޯޓު މުވައްޒަފުންނަށް އާއިލާތަކާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދީ: ޓީމް

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މީހުންގެ ޢާއިލާތަކާ ބައްދަލުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤައުމާއި އިޤުތިޞާދަށްޓަކައި ޢާއިލާއާ ދުރުގައި ބުރަ މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ޢާއިލާތަކާ ބައްދަލުވުމަށް ސަރުކާރާއި އެޗްޕީއޭ އަދި މަދު ވިޔަފާރިވެރިންތަކެއް ގުޅިގެން ހުރަސްއަޅާފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި ޖަލުގައި ތިބޭ ޤައިދީންނަށްވެސް މަހަކު އެއްފަހަރު އަނބިދަރިންނާއި ބައްދަލުވެ، އަނބިފިރިންނާއެކު އެކަހެރިވުމުގެ ޙައްޤު ލިބޭއިރު، ރިސޯޓު މުވައްޒަފުންނަށް އެ ޙައްޤު ނުލިބި، މަހުރޫމުވެފައިވާތީ ކަންބޮޑުވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

އޭގެ އިތުރަށް އެ ކުންފުނިން ފާހަގަކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން ރިސޯޓުތަކުން މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތައް އުވައިލާ ކުރިން މުސާރަ ހުރި މިންވަރަށް އަދިވެސް އިޢާދަނުކޮށް ބައި މުސާރާގައި މުވައްޒަފުން ލައްވައި މަސައްކަތްކުރުވަމުންދާ ކަމަށެވެ. ހަމައެހެންމެ، ރިސޯޓުތައް އޮޕަރޭޓުކުރަމުންދަނީ ކުރިއަށްވުރެ މުވައްޒަފުން މަދުކޮށް ކަމުން، އަރާމުކޮށްލާނެ ވަގުތެއް ނުދީ މުވައްޒަފުންނަށް ހުސް ގަނޑިއެއްވެސް ނުދީ މުވައްޒަފުން ލައްވައި ބުރަކޮށް މަސައްކަތްކުރުވަމުން އަންނާތީ ކަންބޮޑުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެއާޕޯޓާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަކީ ބޭރުން އަންނަ ފަތުރުވެރިންނާ މުއާމަލާތްކުރާ، އިސްސަފުގައި މަސައްކަތްކުރާ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަށް ސިޔާސަތު ބަދަލުކުރުމަށްވެސް ޓީމްއިން ގޮވާލާފައިވެއެވެ.

ރިސޯޓު މުވައްޒަފުންނަށް އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް ފުރުޞަތު ދިނުމަށް އެޗްޕީއޭގެ އުޞޫލުތަކަށް ގެނެވޭނެ ބައެއް ބަދަލުވެސް ޓީމުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ރަށަށް ދެވޭނެ ގޮތް ހެދުން، ނުވަތަ ކަރަންޓީނު މުއްދަތު ކުރުކުރުން، ނުވަތަ ރިސޯޓުގައި ޢާއިލާއާއެކު ވަގުތު ހޭދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ ގޮތްތައް ހުށަހަޅާފައިވެއެވެ.

އެ ޖަމްޢިއްޔާއިން ބުނެފައިވަނީ ރައްކާތެރި ގޮތެއް އިންތިޒާމުކޮށްގެން މިހާރަށްވުރެ ފަސޭހައިން ރިސޯޓު މުވައްޒަފުންނަށް ޢާއިލާއާ ބައްދަލުވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރާއި ކަމާބެހޭ ހުރިހާ އިދާރާތަކަށް ގޮވާލައްވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ