Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފައިދާވި ފެނަކައަށް މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް މިލިއަނުން ފައިސާ ނުދީ އެބަހުރި

ފެނަކައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ ތަފާތު މަޝްރޫޢުތަކުގައި މަސައްކަތްކޮށްފައިވާ ކޮންޓްރެކްޓަރުންނަށް އެތައް މިލިއަން ރުފިޔާއެއް ނުދީ ހިފަހައްޓާފައިވާ މައްސަލަ ހާމަވެއްޖެއެވެ.

ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ކުންފުނިތަކަށް މަސައްކަތް ނިމުމަށްފަހު، ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ހިމެނޭ ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން "ދިޔަރެސް"ގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާ ގުޅައިގެން މައުލޫމާތު ހޯދުމަށް މަސައްކަތްކުރީމެވެ.

ނަން ނުޖެހުން ޝަރުޠުކުރައްވައި "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ކޮންޓްރެކްޓަރުން ވިދާޅުވި ގޮތުގައި މި ވަގުތު އިމާރާތްކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމާއެކު، ބަރޯސާވަމުންދަނީ ސަރުކާރުން ލިބޭ މަޝްރޫޢުތަކަށެވެ. އެގޮތަށް އެންމެ ގިނަ މަޝްރޫޢުތަކެއް އިއުލާނުކުރި ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން ކަމަށް އެ ކޮންޓްރެކްޓަރުން މައުލޫމާތު ދެއްވައެވެ.

ބީލަމަށް ކުރިމަތިލައިގެން ފެނަކައިގެ މަޝްރޫޢެއް ކާމިޔާބުކޮށް، ރާއްޖެތެރޭ ރަށެއްގައި އިމާރާތްކުރުމުގެ މަޝްރޫޢެއް ނިންމާލާފައިވާ ކުންފުންޏެއްގެ އޯނަރު ވިދާޅުވީ މިހާރު މުވައްޒަފުންނަށް މުސާރަ ނުދެވި 2 މަސް ފާއިތުވެއްޖެ ކަމަށެވެ. އަދި އަތްމަތި ދަތިވެ ކުލި ދެއްކޭނެ ގޮތެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މަޝްރޫޢު ކުރިއަށް ގެންދިޔައިރު މަސައްކަތަށް ބޭނުންވާ ސާމާލު ވިއްކި ކުންފުންޏަށް ފައިސާ ނުދެއްކެވި އެ ފަރާތްތަކާ މޫނު ކެނޑޭ ހިސާބަށް ގޮސްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ކިހާ ދެރަކަމެއް ދެއްތޯ މިއީ. އެންމެ 2.5 މިލިއަން ރުފިޔާ ނުދީ ހިފަހައްޓާލައިގެން މިއުޅެނީ. އަހަރެންގެ މުވައްޒަފުންނަށް މުސާރަ ނުދީ، އަހަރެންގެ އަމިއްލަ އެތައް ކަމެއް ނުކުރެވި މިހުންނަނީ މިހެންވެ. އާދޭސްކޮށްކޮށް ވަރުބަލިވެއްޖެ.
ފެނަކައަށް މަސައްކަތްކޮށްދީފައިވާ ކޮންޓްރެކްޓަރެއް

"ދިޔަރެސް"އަށް ނަން ނުޖެހުން ޝަރުޠުކުރައްވައި މައުލޫމާތު ދެއްވި އިތުރު ކޮންޓްރެކްޓަރަކު، އޭނާގެ ކުންފުނީގެ ފަރާތުން ފެނަކައަށް ފޮނުވާފައިވާ ވަކިވަކި އިންވޮއިސްތައްވެސް ދައްކަވައިލެއްވިއެވެ. އެ އިންވޮއިސްތަކުގެ ޖުމްލަ އަގު 13 މިލިއަނާ ގާތްކުރެއެވެ. އޭނާ ވިދާޅުވީ މިހާތަނަށް އޭނާގެ ކުންފުންޏަށް ފެނަކައިން އެންމެ ރުފިޔާއެއްވެސް ނުލިބޭ ކަމަށެވެ.

އެ ބޭފުޅާ ވިދާޅުވީ މި މައްސަލާގައި މަޖިލިސް ބައެއް މެންބަރުންގެ އަރިހަށްވެސް ވަޑައިގެންނެވި ކަމުގައެވެ. ނަމަވެސް މަޖިލިސް މެންބަރުން ވިދާޅުވަމުން ގެންދަވަނީ އެކަމާ އުޅުއްވައިފިނަމަ އެ ބޭފުޅުންގެ ދާއިރާތަކަށް އެއްވެސް ކަމެއް ނުކޮށްދޭނެ ކަމަށެވެ. "ކަލޭމެންގެ ކަންކަމާ އުޅޭނީ ކަލޭމެން" ކަމަށް މަޖިލިހުގެ މެންބަރަކު ވިދާޅުވިކަމަށް ކޮންޓުރެކްޓަރު ވިދާޅުވެދެއްވިއެވެ.

އޭނާ ވިދާޅުވެދެއްވި ގޮތުގައި ފެނަކައިން ފައިސާ ނުލިބޭ 60 ވަރަކަށް ކުންފުނި އެބައޮތެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ހިންގި މަޝްރޫޢުތަކުގައި މަސައްކަތްކުރުމަށްފަހު އެ މަސައްކަތުގެ އުޖޫރަ ނުލިބޭ ކުންފުނިތަކެވެ. އެއިން ބައެއް ކުންފުނީގެ ނަމާއެކު އެ ކުންފުނިތަކުން މަސައްކަތްކުރި ރަށްތަކާއި ނުލިބި ހުރި ފައިސާގެ ޢަދަދުވެސް އޭނާ ވިދާޅުވެދެއްވިއެވެ. އެގޮތުން ބައެއް ކުންފުންޏަށް ދެތިން މިލިއަން ރުފިޔާ ނުލިބިހުރިއިރު އަނެއްބައި ކުންފުންޏަށް ނުލިބިހުރީ 10، 12 މިލިއަން ރުފިޔާއެވެ.

އިތުރު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މެދުފަންތީގެ ދިވެހި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ހިފަހައްޓާއިރު، އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ މޯހަން މޫތާއަށް ބަރާބަރަށް ފެނަކައިން ފައިސާދެމުންދާ ކަމެވެ. އަދި އޭގެ އިތުރަށް ފާއިތުވި އަހަރު ފެނަކައަށް 35 މިލިއަން ރުފިޔާގެ ފައިދާވި ކަމުގައި އެ ކުންފުނިން ބުނާއިރު، އެ ކުންފުނިން ދޭންޖެހި ނުދީ ހުރި ފައިސާ އެއަށްވުރެ ގިނަވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މި ފައިސާ ނުލިބޭ މައްސަލަ އެއްވެސް އިދާރާއަކަށް ހުށަނާޅުއްވާ ސަބަބާމެދު ސުވާލު ދެންނެވުމުން ވިދާޅުވީ މި ވަގުތު ޤައުމުގައި މަސައްކަތް ލިބެން އޮތް ހަމައެކަނި ތަނަކީ ފެނަކައަށްވެފައި ފައިސާ ނުލިބޭ މައްސަލަ އެއްވެސް އިދާރާއަކަށް ހުށަހަޅައިފިނަމަ، އިތުރު މަސައްކަތް އެ ކުންފުނިން ހޯދަން ދަތިވާނެތީ އިހަށް މަޑުކުރަނީ ކަމަށެވެ.

"ދިޔަރެސް"އިން ގުޅި ކޮންޓްރެކްޓަރުންގެ ތެރެއިން ބައެއް ކޮންޓްރެކްޓަރުން މައުލޫމާތު ދެއްވަން ދެކޮޅު ހެއްދެވި ނަމަވެސް އެ ބޭފުޅުން ކުރެއްވި މަސައްކަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަމަށް އިންކާރުނުކުރައްވައެވެ.

މި ލިއުމާއި ގުޅޭ