Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙަތު

އަވަހަށް ނިދުމުން ލިބޭ 4 ފައިދާ

ނިދުމަކީ ކޮންމެ އިންސާނަކަށްވެސް ސަލާމަތް ސިއްހަތެއްގައި ހުރުމަށް އެންމެ މުހިންމު އެއްކަމެވެ. މަދުން ނިދުމަކީ އެކަމުގައި ނުހަނު ގެއްލުން އެކުލެވޭ ކަމެކެވެ. އަދި ރޭގަނޑު އަވަހަށް ނިދުމަކީ ހީނުކުރާހާ ގިނަގުނަ ފައިދާތައް ހަށިގަނޑަށް ލިއްބައިދޭކަމެކެވެ. މި ލިޔުމުގައި މިގެނެސް ދެނީ އެގޮތުން އަވަހަށް ނިދުމުން ލިބޭ 5 ފައިދާ އެކެވެ.

ބަލިތަކުން ރައްކާތެރިކޮށްދޭ

ބައެއް ސިއްހީ ދިރާސާތަކުން ދައްކާގޮތުގައި އަވަހަށް ނިދުމަކީ ކެންސަރުފަދަ ބޮޑެތި ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. މިގޮތުން އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލުން ހާމަކޮށްފައިވާ ގޮތުގައި ރަނގަޅަށް ނިދުމަކީ ބޮޑެތި ބަލިތަކުން އިންސާނާ ރައްކާތެރިކޮށްދޭ ކަމެކެވެ. އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ނިއުރޯ ސައިންސް ޕްރޮފެސަރެއް ކަމަށްވާ މެތިއު ވޯކާރ ހެދި ދިރާސާއަކުން ދައްކާގޮތުގައި 7 ގަޑިއިރަށްވުރެ މަދުން ނިދާ މީހުން ކެންސަރު ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑެވެ.

ހަނދާނުގެ ބާރުގަދަކޮށްދޭ

ދިރާސާތައް ދައްކާގޮތުން ދުވާލަކު 7 ގަޑިއިރަށް އާންމުކޮށް ނިދާ މީހުންގެ ހަނދާނުގެ ބާރުގަދަވެއެވެ. މިގޮތުން ގަވާއިދުން އަދި ގަޑިއަށް ނިދާ މީހުން ހޭލާ ތިބޭ ވަގުތު ތަކުގައި ކަންކަމަށް ދޭ ސަމާލުކަން އިތުރުވެއެވެ. ހަމައަށް ނުނިދާ ނަމަ ކަންކަމަށް ސަމާލުކަން ނުދެވި ކަންކަމާއި މެދު ވިސްނޭ މިންވަރުވެސް މަދުވެއެވެ. އަދި އެހެން ކަމުން ހަނދާނުގައި ބަހައްޓަން ބޭނުންވާ ކަންކަން ހަނދާނުގައި ބަހައްޓަން އުނދަގޫވެއެވެ.

ބަރުދަން އެއް މިންވަރެއްގައި ހިފެހެއްޓޭ

ހޯދުންތަކުން ދައްކާގޮތުގައި ހަމައަށް ނުނިދޭނަމަ ބަރުދަން އިތުރު ވުމާއި ހަކުރު ބަލިޖެހުމަށް މަގުފަހިވެއެވެ. އަދި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުން މަދުން ނިދާނަމަ އިންސާނާގެ ހަށިގަނޑުގެ ޖީންތަކަށް ބަދަލުތަކެއް އައިސް މެޓަބޮލިޒަމް ދަށްވެ ފަލަވުމަށް މަގުފަހިވެއެވެ. ބައެއް ހޯދުން ތަކުން ދައްކާ ގޮތުގައި ޖެހިޖެހިގެން 5 ރޭ، ނިދަން ވާވަރަށް ވުރެ މަދުން ނިދައިފިނަމަވެސް ބަރުދަން އިތުރުވެއެވެ. އަދި ހަމައެހެންމެ މަދުން ނިދާ މީހުންނަށް ދުވާލު ގަޑީ، މަސައްކަތް ކުރުމުގައި ދަތިތަށް ކުރިމަތިވެއެވެ. މިގޮތުން ކަސްރަތު ކުރުން ފަދަ ކަންކަން ކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ.

އުފާވެރިކަން އިތުރުކޮށްދޭ

އަވަހަށް ނިދުމަކީ އިންސާނާގެ އުފާވެރިކަންވެސް އިތުރުކޮށްދޭ ކަމެކެވެ. މީގެ އެއް ސަބަބަކީ އަވަހަށް ނިދާ، އަވަހަށް ހޭލާނަމަ އިރުގެ އަލިކަމުގައި ގިނަ ވަގުތު ހޭދަ ކުރެވެއެވެ. އިރުގެ އަލި ޖެހުމުން ސިކުނޑިން ސެރޮޓޮނިން ކިޔާ ހޯމޯނެއް އުފައްދާނެއެވެ. އަދި މިއީ އިންސާނާއަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވާ ހޯމޯންއެކެވެ. އިނގިރޭސިިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ނޭޝަނަލް ސެންޓާ ފޯ ސޯޝަލް ރިސާޗުން ހެދި ދިރާސާއަކުން ދައްކާގޮތުގައި އެ ޤައުމުގެ މީހުން ދެކޭ ގޮތުގައި ރަނގަޅަށް ނިދުމަކީ އުފާވެރިކަމުގެ ތަޅުދަނޑިއެވެ.

މި ލިއުމާއި ގުޅޭ