Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ވެމްކޯއަށް ފައިސާ ނުދޭ މައްސަލަ ހައްލުކުރުމަށް ކުނީގެ ފީ ޔޫޓިލިޓީ ބިލުގައި ހިމަނަން މަޝްވަރާކުރަނީ

ވެމްކޯއިން ކުނި ނަގައި އެއްކުރުމަށް ނަގާ ފީ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ޔޫޓިލިޓީ ޚިދުމަތް ދޭ ކުންފުންޏެއްގެ ބިލުގެ ތެރެއަށް ކުނި ނެގުމުގެ ފީ އިތުރުކުރުމާމެދު މަޝްވަރާކުރަމުންދާ ކަމުގައި އެންވިޔަރަމަންޓު މިނިސްޓްރީން ބުނެފިއެވެ.
ވަރަށް ގިނަ ފަރާތްތަކުން ވެމްކޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މައްސަލަ ފެންމަތިވެފައިވާ ކަމުގައި ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓު މިނިސްޓުރީގެ ޑިރެކްޓާ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވިއެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، އެ މައްސަލައަށް މި ވަގުތު ގެނެވޭނެ އެންމެ ރަނގަޅު ހައްލަކީ ކުނި ނެގުމުގެ ފީ ކޮންމެވެސް ޔޫޓިލިޓީ ބިލެއްގައި ހިމެނުން ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޤާނޫނަށް އިސްލާހެއް ގެންނަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުނި ނެގުމާއި އުކައިލުމަކީ ޔޫޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ޤާނޫނުގައި ބަޔާންނުކުރާތީ އެ ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޔޫޓިލިޓީ ޚިދުމަތްތަކުގެ އަގުން ޖީއެސްޓީ ނެގުން ޤާނޫނުގައި ނޯީވެއެވެ.
އެހެންނަމަވެސް ވެމްކޯއަށް އެބަޖެހޭ ޖީއެސްޓީ ދައްކަން. އެހެންކަމުން އެކަމަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. އެއްގޮތަކީ ޓެކްސްގެ ގާނޫނަށް ބަދަލުގެނައުން. އެގާނޫނަށް ބަދަލު ގެނައުމުގެ އިތުރުން ކުނިމެނެޖްކުރުމާއި ބެހޭ ގާނޫނަށް ގެންނަންޖެހޭ ޑްރާފްޓް ކޮށްފައި. މިވަގުތު ސަރުކާރުގެ ޕޮލިސީތަކަށް މިއައި ބަދަލާއި ގުޅިގެން އެންޑޯޒް ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން މިދަނީ.
އެންވިޔަރަމެންޓު މިނިސްޓްރީގެ ޑީޖީ އަޙްމަދު މުރުތަޟާ
ވެމްކޯއިން ހާމަކުރި ގޮތުގައި އެ ކުންފުނީގައި ކުނި އުކަން ރަޖިސްޓަރީކޮށްފައިވާ ގެތަކުގެ ތެރެއިން %20 ގެއިންވެސް ފީ ދައްކަމުން ނުދެއެވެ. އަދި ފައިސާ ނުދައްކާ މައްސަލައަކީ ވެމްކޯ އުފެދުނީއްސުރެ ކުރިމަތިވަމުން އަންނަ މައްސަލައެއް ކަމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓާ އާދަމް މުޙައްމަދު ވިދާޅުވިއެވެ.
މި ވަގުތު މާލޭގެ 34،000 ގޭބީސީގެ ތެރެއިން 19،000 އެއްހައި ގޭބީސީންވަނީ ވެމްކޯއިން ކުނި އުކުމަށް ރަޖިސްޓަރީކޮށްފައި ކަމަށް އެމްޑީ ވިދާޅުވިއެވެ.
މުރުތަޟާ ވިދާޅުވީ ޒިންމާ ނެގުމަކީ ވެމްކޯއިން ކުނި ނަގަން އަންނަންވާއިރަށް ކުނި ނެރުން ނޫން ކަމަށެވެ. ވެމްކޯއަށްވެސް ފައިސާ ނުލިބޭނަމަ، ޚިދުމަތް ދިނުމަށް ދަތިވާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ