އެމްޑީޕީ އިން އަނެއްކާވެސް އައްޑޫ ސިޓީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަސައްކަތް ފަށައިފިކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުންނާއި އެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވުމުން ޓުވިޓާއިން ދެއްވި ރައްދެއްގައެވެ. މޮސްޓާ ވިދާޅުވީ ގޮތުގައި މިހާތަނަށްވެސް އައްޑޫ ސިޓީ ކައުންސިލްގައި ތިބީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ކަމަށާއި ވީކަމެއް ނެތް ކަމަށެވެ.
އަދި އަނެއްކާވެސް އެމްޑީޕީ އިން އުޅެނީ މޮޅު ހުވަފެން ދައްކައިގެން ރައްޔިތުން ވާވައްދަންކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި ހެޔޮ އެދޭނަމަ ކޮންމެ ފަހަރަކު އަސްލަމް ގުރުބާން ބަކައްޓަކަށް ހަދަނީ ކީއްވެތޯ މޮސްޓާ ސުވާލުކުރެއްވިއެވެ.
މޮސްޓާ އެ އިޝާރާޓް ކުރެއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަށްކަމަށް ބެލެވެއެވެ. 2013 ވަނަ އަހަރު ރިޔާސީ އިންތިހަބުގައި ރައީސް ނަޝީދު ވަނީ އަސްލަމްއަށް ރަނިންމޭޓުކަން ދޭނެކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ފަހުވަގުތު އަސްލަމްއަށް އެ މަޤާމު ނުދިނެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ވާދަކުރައްވަން ނިންމަވައި އެކަމަށް ރައީސް ނަޝީދުގެ ތާއީދުވެސް ހޯޢްދެވުމަށްފަހު އެންމެފަހު ވަގުތު ރައީސް ނަޝީދުގެ އެދިލެއްވުމަކަށް އަސްލަމް ވަނީ އަނބުރާ ނަންގެންދަވާފައެވެ. އަދި އެ ފަހުން އެމްޑީޕީގެ ރައީސް ކަމަށް އަސްލަމް ކުރިމަތިލެއްވުމުން ރައީސް ނަޝީދު ވަނީ އަޑިއަޑިން އަސްލަމް އާއި ދެކޮޅަށް ކެމްޕެއިންކޮށްފައެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އައްޑޫއަށް ވަރަށް ބޮޑެތި ވައުދުތައްވެވަޑައިގެންފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އައްޑޫއަށް މާބޮޑު ކަމެއް ކޮށްނުދެވެއެވެ.