ވެރިކަން ކުރާ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސް ޝަމްޢޫން ސަޢީދު އޭނާގެ ކުރީގެ އަނބިމީހާގެ ގެއަށް ވަދެ އެ ގޭގައި ހުރި މުދަލަށް ގެއްލުން ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެގޮތުން ޝަމްޢޫނާއި އޭނާގެ މިހާރު އަނބިމީހާއާއެކު ވަރިކޮށް އިއްދާގައި މިވަގުތު އިން ކުރީގެ އަންހެނުންގެ ގެއަށް ވަދެ، އުމުރުން 9 އަހަރުގެ ދަރިފުޅު ކުރިމަތީގައި އެގޭގައި ހުރި މުދަލަށް ދީފައިވާ ގެއްލުން ފެންނަ ވީޑިޔޯއެއް ޓުވިޓާގައި އާންމުވެފައިވެއެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާއާ ގުޅިގެން މީސްމީޑިޔާގައި އާންމުވެފައިވާ ވީޑިޔޯއަށް ބަލާއިރު އެގޭގައި ހުރި އެތައް އެއްޗެއް ހަލާކުކޮށް ގޭގެ އެކި ތަންތަނަށް އެކިވަރުގެ ގެއްލުން ދީފައިވާ މަންޒަރު ފެނެއެވެ.
މި ވީޑިޔޯ މީސްމީޑިޔާގައި ހިއްސާކުރި ފަރާތުންވަނީ އެކަނިވެރި މަޔަކަށް ސަރުކާރުގެ އިސް މަޤާމެއްގައި ހުރި މީހަކު ކުރަމުންދާ ގޯނާގެ މައްސަލަ ބަލައި އެ މައްސަލާގައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް ޤާނޫނީ ގޮތުން އެޅުމަށް ގޮވާލާފައެވެ.
އަދި އެކަނިވެރި މަޔަކު ދިރިއުޅެމުން އައި ގެއަށް ވަދެ ދީފައިވާ ގެއްލުން ބަލައިނުގަނެވޭނެ ކަމުގައިވެސް އެ ޓުވޫޓުގައި ބުނެފައިވެއެވެ. އިންސާފު ލިބެންޖެހޭނެ ކަމަށާއި އިންސާފު ހޯދުމަށް ކުރެވެން އޮތް ކަމެއް ކުރާނެ ކަމަށް ބުނެފައިވެއެވެ.