Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އިންޓަނެޓު އަގުހެޔޮކުރަން ސަރުކާރުގެ ސިޔާސަތެއް ނެތް!

ސަރުކާރެއް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުތައް ވެގެންނެވެ. ސަރުކާރެއްގެ ވަޢުދުތައް ފުއްދުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅަންޖެހެއެވެ. އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ވަޒީރުންނާއި އެނޫންވެސް ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސެވެ. ސަރުކާރެއްގެ ސިޔާސަތު އޮތް ނެތް ގޮތް ރައްޔިތުންނަށް ސާފުވަނީ ރައީސާއި ވަޒީރުންނާއި އެނޫންވެސް ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި ހާމަކުރައްވާ ކަންކަމުންނެވެ.

އިންޓަނެޓުގެ އަގުހެޔޮކުރުން ސަރުކާރުގެ ވަޢުދެއް!

އިންޓަނެޓުގެ އަގުހެޔޮކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި އެހެންވެސް ގިނަ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ދިވެހިންގެ ސަމާލުކަން ހޯދި ވަޢުދެކެވެ. އެއީ 100 ދުވަސްތެރޭގައި މުޅި ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެއްވާނެ ކަމުގައި ވިދާޅުވެ ރައީސް ވެވަޑައިގެންނެވި ވަޢުދުފަދައިން ދިވެހިންގެ ސަމާލުކަމުން ކެހިގެން ހިނގައިދާނެ ޒާތުގެ ވަޢުދެއް ނޫނެވެ. ގިނަ ބަޔަކަށް މިހާރު ޟަރޫރީ ބޭނުމަކަށްވެފައިވާ އިންޓަނެޓު އަގުހެޔޮކުރުމަކީ އެންމެންގެ ސަމާލުކަން އެ ވަޢުދަކަށް ހުއްޓުނު ވަޢުދެކެވެ.

އިންޓަނެޓު އަގުހެޔޮކުރުމުގެ ވަޢުދަކީ ހަމައެކަނި ރައީސް ޞާލިޙުގެ ވަޢުދެއްވެސް ނޫނެވެ. އެއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިއްސާކުރެއްވި ރިޔާސީ ވަޢުދެއްވެސްމެއެވެ. އެ ވަޢުދު އިއުލާނުކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ބޭއްވެވި ޖަލްސާއެއްގައެވެ. ވަޢުދާއެކު އެކަން ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުވެސް ހާމަކުރެއްވިއެވެ. ބޭރުން ފައިބާ ކޭބަލްއެއް ދިވެހި ދައުލަތަށް ބައްލަވައިގަންނަވާނެ ކަމަށާއި، އެ ކޭބަލްއިން އެހެން ބައެއް ޤައުމުތަކަށްވެސް އިންޓަނެޓު ޚިދުމަތް ފޯރުކޮށްދޭން ވިސްނަވާ ކަމަށާއި، ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެ ކޭބަލް ބޭނުންކުރަން ފެށުމުން އިންޓަނެޓު ޚިދުމަތުގެ އަގު އެތައް ގުނައެއް ހެޔޮވާނެ ކަމުގައި ވިދާޅުވިއެވެ.

އެމްޑީޕީންވެސް އިންޓަނެޓު އަގުހެޔޮކުރާނެ ވާހަކަ ދެއްކިއެވެ. ރައީސް ޞާލިޙުވެސް އެކަން ކުރައްވާނެ ކަމުގައި ވިދާޅުވެއެވެ. ނަމަވެސް ކަން ކުރައްވާނެ ގޮތުގެ މައްޗަށް އަލިއަޅުވައިނުލައްވައެވެ. އިންޓަނެޓު އަގުހެޔޮކުރައްވައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެއެވެ. އަދި އެކަން ޙާޞިލުކުރާނެ ތާރީޚުތައްވެސް ސަރުކާރުން އެކި ދުވަސްވަރު ހާމަކުރައްވައެވެ.

މިނިސްޓަރު އެކި ދުވަހު އެކި ގޮތަށް!

ކަން ދިމާކުރި ގޮތުން މި މުހިއްމު ޒިންމާ މަތިކުރެވުނީ މި ސަރުކާރުގެ މިނިސްޓްރީ އޮފް ކޮމުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީއާއެވެ. އެ ވުޒާރާ ހަވާލުކުރެއްވީ އެމްޑީޕީގެ ބޭފުޅަކާއެއް ނޫނެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުޙައްމަދު މަލީޙު ޖަމާލާއެވެ. އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެން މާ ގިނަ ދުވަސްތަކެއް ނުވަނީސް އިންޓަނެޓު އަގުހެޔޮކުރުމުގެ މަސައްކަތް ފެއްޓެވިކަން އިޢުލާނުކުރެއްވިއެވެ. އެއީ 2018 ވަނަ އަހަރުގެ ޑިސެންބަރު 8 ވަނަ ދުވަހުއެވެ. އެ ދުވަހު ހުރިހާ ނޫހެއްގެ ސުރުޚީތަކުން މި ދެންނެވި ޚަބަރު އަދިވެސް ފެނިވަޑައިގަންނަވާނެއެވެ.

އޭގެ މަހެއްހައި ދުވަސްފަހުން 2019 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހު މިނިސްޓަރު މަލީޙު ވިދާޅުވަނީ "އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން މަސް ނިމޭއިރު، އެ މީހަކު ގަންނަ ޕެކޭޖުގެ ބާކީ ހުންނަ ޑޭޓާތައް ދެން އަންނަ މަހަކަށް ޓްރާންސްފާ ނުވާ ގޮތަށް ނޫނިއްޔާ ގެއްލުންވާ ގޮތަށް ސިޔާސަތު ބައްޓަން ވުން. ނަގާފައި ހުންނަ ޕެކޭޖެއް ހުސްވީމާ އަންލިމިޓެޑްގެ ގޮތުގައި މިހާރު ޕްރޮމޯޓް ކުރަނީ. އެކަމަކު އެއީ ހަގީގީ މާނައިގައި އަންލިމިޓެޑް ވުމެއް ނޫން." މިފަދައިންނެވެ. އަދި މަލީޙު އެ ދުވަހު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ އަގު ބޮޑު ކަމަށެވެ. އަގުހެޔޮކުރަންޖެހޭ ކަމުގައެވެ.

އަދި ހަމަ އެ ދުވަހު ބައެއް ނޫސްތަކަށް ދެއްވި ބަސްދީގަތުމެއްގައި މަލީޙު ވިދާޅުވީ އިންޓަނެޓު އަގުހެޔޮކުރުމާ ގުޅޭ ދިރާސާތައް މިހާރު ފައްޓަވާފައިވާ ކަމަށެވެ. އޭގެ ދެތިން މަސް ފަހުން 2019 ވަނަ އަހަރުގެ މޭ 17 ވަނަ ދުވަހު މިނިސްޓަރު ވިދާޅުވީ އިންޓަނެޓުގެ އަގުހެޔޮކުރައްވާނީ ދެ ފަރާތަށްވެސް ފައިދާވާނެ ގޮތަށް ކަމުގައެވެ. އެއީ ޚިދުމަތް ހޯދާ ފަރާތާއި ޚިދުމަތް ދޭ ފަރާތެވެ. އަދި އިންޓަނެޓުގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށް ހެއްދެވުމަކީ އަމާޒެއް ކަމުގައިވެސް މަލީޙު ވިދާޅުވިއެވެ.

އިންޓަނެޓުގެ ޚިދުމަތް އަގުހެޔޮކުރުމުގެ ގޮތުން އައު ކުންފުނިތަކަށް ފުރުޞަތު ދޭންޖެހިދާނެ ކަމުގައި މޭ މަހުގެ 19 ވަނަ ދުވަހު މިނިސްޓަރު މަލީޙު އިއުލާނުކުރެއްވިއެވެ. 2019 ވަނަ އަހަރުގެ މޭ މަހުގައި ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރީ އިންޓަނެޓު ޚިދުމަތް އަގުހެޔޮކުރުމާ ގުޅޭ މަޝްވަރާތައް ނިމި ދެ މަސްވީ ވާހަކައެވެ. އެ އަހަރުގެ 25 އޯގަސްޓުގައި މިނިސްޓަރު ވިދާޅުވީ އިންޓަނެޓާ ގުޅޭ އުފާވެރި ޚަބަރު މާ ލަސްތަކެއް ނުވެ އިވޭނެ ކަމުގައެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން އިއުލާނުކުރީ އިންޓަނެޓު އަގުހެޔޮކުރާނެ އަހަރަކީ 2021 ވަނަ އަހަރު ކަމަށެވެ.

ފާއިތުވި 2020 ވަނަ އަހަރުގައިވެސް އެކި ތާރީޚުގައި އެކި ގޮތަށް އިންޓަނެޓު އަގުހެޔޮކުރުމުގެ ވާހަކަ ދެކެވުނެވެ. އެންމެ ފަހުން ރައީސް އޮފީހުން ބުނީ އިންޓަނެޓު އަގުހެޔޮކުރުން 2021 ވަނަ އަހަރުން 2022 ވަނަ އަހަރަށް ފަސްކުރި ކަމަށެވެ. އަދިވެސް މިހައިތަނަށްވެސް ހާމަނުކުރެވި ނޭނގި އޮތް ކަމަކީ އިންޓަނެޓުގެ އަގުހެޔޮކުރާ ގޮތެވެ. އިންޓަނެޓުގެ އަގު ބޮޑުވެގެން އުޅެނީ ޚިދުމަތް ފޯރުކޮށްދެނީ އަމިއްލަ ކުންފުނިތަކަކުން ކަމުގައިވުމާއި، އެކަމަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކުގެ އަގު ބޮޑުވުންފަދަ އެތައް ސަބަބެއް މެދުވެރިވެގެންނެވެ. ދިވެހި ދައުލަތުގެ މުވާސަލާތީ ކުންފުނި ދިރާގުގައި އޮތް ދައުލަތުގެ ހިއްސާ ވިއްކާލުމުން މިއަދު ދިވެހި ސަރުކާރަށް އަދި ދައުލަތަށް ދިރާގުގެ ސިޔާސަތު ކަނޑައެޅުމުގައި ޙަޤީޤީ މާނާގައި ބާރެއް ނެތުމަކީވެސް އިންޓަނެޓުގެ އަގުހެޔޮކުރަން ކުރިމަތިވެފައި އޮތް ހުރަހެއް ކަމުގައި ތަޖުރިބާކާރުން ވިދާޅުވެއެވެ.

މައްސަލައަކީ މަލީޙު ހެއްޔެވެ؟

އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި، އެކްޓިވިސްޓުން އާންމުންނަށް ވިސްނައިދޭން މަސައްކަތްކުރާ ގޮތުން އިންޓަނެޓު އަގުހެޔޮނުކުރެވި ފޭލިވަނީ މިނިސްޓަރު މަލީޙެވެ. އެ ބޭފުޅުންގެ ވާހަކަފުޅުތަކަށް ބަލާއިރު މިނިސްޓަރު މަލީޙަކީ މިކަމަށް ސިޔާސަތު އެކުލަވައިލައްވަން ޖެހޭ ބޭފުޅާއެވެ. އަދި އެ ސިޔާސަތު ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާނީވެސް މަލީޙަށެވެ. އެހެންވީމާ އިންޓަނެޓުގެ އަގުހެޔޮ ނުކުރެވި ފަސްވެގެންދާ ކޮންމެ ދުވަހަކީ އެމަނިކުފާނު ފޭލިވެ، ނާކާމިޔާބުވާ ދުވަހެއްގެ ގޮތުގައި އެމްޑީޕީގެ މި ދެންނެވި ބޭފުޅުން ސިފަކުރައްވައެވެ. މަލީޙުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލިހަށް ހުށަހަޅުއްވަނީވެސް މިދެންނެވި އަންބާއެއް ވިދާޅުވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ކުރީގައި ވަޒީރުކަންކުރެއްވި ބައެއް ބޭފުޅުންގެ ޚިޔާލު މުޅިން ތަފާތެވެ. ކުރީގައި ވަޒީރުކަން ކުރެއްވި ބޭފުޅަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަޒީރުންނަކީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ އަންގަވާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަން ތިއްބަވާ ބޭފުޅުންތަކެއް ކަމުގައެވެ. އެ ސިޔާސަތު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތައް ގިރާކުރައްވައި، ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯއްދަވައި ސިޔާސަތު އަމަލީ ގޮތުން ޙަޤީޤަތަކަށް ހައްދަވައި ރައީސް ބޭނުންފުޅުވާ ލަނޑުދަނޑި ޙާޞިލުކުރެއްވުމަކީ ވަޒީރުންގެ ޒިންމާއެވެ. "ޓެކްނިކަލީ މޮޅު، ޤާބިލު ވަޒީރަކު ހުއްޓަސް، ތަންފީޒުކުރަންވީ ޕޮލިސީއަކީ ކޮބައިކަން ނޭނގެންޏާ ދެން ކިހިނެއް ކަމެއް ކުރާނީ؟" "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ކުރީގެ ވަޒީރަކު ވިދާޅުވިއެވެ.

މިހާތަނަށް އިންޓަނެޓު އަގުހެޔޮކުރުމުގެ ވަޢުދު ތަކުރާރުކޮށް އަޑުއިވުނު ނަމަވެސް ސަރުކާރުން އެކަންކުރަން ވިސްނާ ގޮތެއް ސާފުކޮށް އެނގިފައިނެތެވެ. އިތުރު ކުންފުންޏެއް ގެނެސްގެން އިންޓަނެޓު އަގުހެޔޮކުރާ ވާހަކަ 2019 ވަނަ އަހަރު މިނިސްޓަރު މަލީޙު ދެއްކެވިއެވެ. 10 މޭ 2020 ވަނަ ދުވަހު މިނިސްޓަރު ވިދާޅުވީ އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށްވާތީ ސަރުކާރުން އެ ޚިދުމަތް ދޭންޖެހޭ ކަމަށެވެ. އައު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން އިންޓަނެޓު އަގުހެޔޮކުރާނީތޯ ނުވަތަ ސަރުކާރުން އިންޓަނެޓު ޚިދުމަތަށް ޚާއްޞަ ކުންފުންޏެއް ވުޖޫދަށް ގެނެސްގެން އެކަންކުރާނީތޯ ނިންމަވާނީ ރައީސެވެ. މިނިސްޓަރަށް ވިދާޅުވެވޭނީ ފެނިވަޑައިގަންނަވާ ގޮތެކެވެ.

ސަރުކާރުގައި ސިޔާސަތެއް ނެތް

ރައީސް ޞާލިޙުގެ ވަރަށް ގިނަ ވަޢުދުތަކެކޭ އެއްގޮތަށް އިންޓަނެޓު އަގުހެޔޮކުރުމުގެ ވަޢުދުގެ ފަހަތުގައި ދިރާސާކުރެވިގެން އެކުލަވައިލެވިފައިވާ ސިޔާސަތެއް ނެތް ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. "ދިޔަރެސް" އަށް މައުލޫމާތު ދެއްވި މުވާސަލާތީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އިންޓަނެޓުގެ އަގު ބޮޑުވުމަށް މެދުވެރިވާ ސަބަބުތައްވެސް ސަރުކާރަށް ރަނގަޅަށް ނުވިސްނޭ ކަމަށެވެ. މުވާސަލާތީ ދާއިރާގައި ދިރާގާއި އޫރީދޫގެ "ޑުއޮޕޮލީ" ނުވަތަ ދެ ކުންފުނިން ބާޒާރު މުޅިން މޮނޮޕޮލައިޒްކޮށްފައި އޮތުމަކީ އެއިން އެއް ގޮންޖެހުމެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އިތުރު ކުންފުންޏަކަށް ފުރުޞަތު ހުޅުވައިލުމުން ނުފުދޭ ކަމުގައެވެ. މުވާސަލާތީ ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް އިންފްރަސްޓްރަކްޗާ ނުވަތަ އުމްރާނީ ވަސީލަތްތައް ސަރުކާރުން ޤާއިމުކުރަން ޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެއީ ބޮޑު އިންވެސްޓުމެންޓެއް ކަމަށާއި، އެކަމަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ވަސީލަތްތައް ސަރުކާރުން ޤާއިމުކޮށްފިނަމަ، އިންޓަނެޓާއި މުވާސަލާތީ އެ ނޫންވެސް ޚިދުމަތްތަކުގެ އަގު ތިރިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ އިިތުރަށް ވިދާޅުވީ މިހާތަނަށް މިނިސްޓަރު ދައްކަވާ ވާހަކަފުޅާއި ސަރުކާރުން އަމަލުކުރާ ގޮތަށް ބަލާއިރު، މިހާތަނަށް ފެންނަނީ މިކަމުގައި ސަރުކާރުގެ ސިޔާސަތެއް ނެތްކަން ކަމުގައެވެ. ހަރުދަނާ ސިޔާސަތެއް އޮތްނަމަ، ކަންކުރާނެ ގޮތް މިހާރު ހާމަކޮށް، އެމަގުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ވަޒީރު ބަދަލުކުރި ނަމަވެސް ސަރުކާރުގައި ނެތް ސިޔާސަތެއް ތަންފީޒުނުވާނެ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ