އަވަށްޓެރި އިންޑިއާގައި ބާރު ސްޕީޑުގައި ދޫނި ރޯގާ ފެތުރެން ފަށައިފިއެވެ.
މިހާތަނަށް އިންޑިއާގެ 9 ސްޓޭޓަކުން ދޫނި ރޯގާ ފެނިފައިވާއިރު އިތުރު ބައެއް ސްޓޭޓް ތަކުންވެސް ވަނީ ދޫނި ރޯގާގެ އަލާމާތްތައް ހުރި ދޫނިތަކެއް ފެނިފައެވެ. އެންމެ ފަހުން ދޫނި ރޯގާގެ ކޭސްތައް ފެނިފައިވަނީ ނިއު ދީއްލީން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެކަމާއި ގުޅިގެން އިންޑިއާގެ ސްޓޭޓްތަކުން ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު ނިއު ދިއްލީގައި ހުންނަ މަޝްހޫރު ދޫނި ބާޒާރެއް ކަމަށްވާ ގަޒިޕޫރު މާކެޓު ވަނީ ބަންދުކޮށްފައެވެ. އެ މާކެޓުން 200 އެއްހާ ދޫނި ވަނީ މަރުވެފައެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ޕާކުތަކާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މީހުން ދިޔުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.
އިންޑިއާގެ މަހާރަޝްތްރާ ސްޓޭޓުގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި އެ ސްޓޭޓުން އެކަނި ފާއިތުވި 2 ދުވަސް ތެރޭ 800 ކުކުޅު ވަނީ މަރުވެފައެވެ. އަދި މަރުވި ކުކުޅުތަކުގެ ސާމްޕަލްތަކުން ދައްކާގޮތުން އެ ކުކުޅުތަކަށް ވަނީ ދޫނި ރޯގާ ޖެހިފައިކަން ވަނީ ކަށަވަރު ކުރެވިފައެވެ.
އެހެން ބައެއް ސްޓޭޓްތަކުގައިވެސް ދޫނި ރޯގާ ފެތުރުން ހުއްޓުވަން މިހާރު ޒޫތަކާއި އެފަދަ ދިރޭތަކެތި ގެންގުޅޭ ތަންތަން ދަނީ ބަންދު ކުރަމުންނެވެ.