ފާއިތުވި ދެ އަހަރުގެ ތެރޭގައި މި ސަރުކާރަށް ސިޔާސަތުތަކުގެ ހުރިހާ ދާއިރާތަކަކުން ގިނަ ކަންތައްތަކެއް ޙާޞިލުކުރެވި ކާމިޔާބުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އީމެއިލް މެދުވެރިކޮށް "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރު ޙާޞިލުކުރެވުނު ކާމިޔާބުތަކުގެ ތެރޭގައި ހިލޭ ޑިގުރީއަށް ކިޔަވައިދިނުމުގެ ޕްރޮގުރާމު ފެށުމާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފެށުމާއި، އަދި ވެރިކަންކުރާ މާލެއިން ބޭރުގައި ޓާޝިއަރީ ހޮސްޕިޓާ ތަރައްޤީކުރުމުގެ މަސައްކަތްވެސް ފާށާފައިވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ލާމަރުކަޒީ ޤާނޫނު އިތުރަށް ހަރުދަނާކޮށް ރަށްފުށުގެ ރައްޔިތުން ބާރުވެރިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މަރުކަޒުކުރުމުގެ ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައްވެސް ހިމެނޭ ގޮތަށް އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިންތީގެ ހަމަހަކަން ޤާއިމުކުރުމުގެ ގޮތުން ކައުންސިލުތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްޞަކޮށްފައިވާވުމަކީވެސް ސަރުކާރުގެ ކާމިޔާބެއްގެ ގޮތުގައި ރައީސް ޞިފަކުރެއްވިއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރިން ހުރި އަނިޔާވެރި ޤާނޫނުތައް އުވައިލެއްވި ކަމަށާއި، އެ ގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ހިމާޔަތްކުރުމުގެ ޤާނޫނު އުވައިލައްވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ނޫސްވެރިންނާއެކީ މަސައްކަތްކުރުމުގެ ތެދު ނިޔަތް ސަރުކާރުން ދައްކުވައިދީފައިވާ ކަމަށާއި ޚާއްޞަކޮށް ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ސަރުކާރުން ދައްކައިދިން ކަމުގައި ރައީސް ވިދާޅުވިއެވެ.