ވަޓްފޯޑާ މެންޗެސްޓާ ޔުނައިޓެޑުގެ މެޗުގައި ޔުނައިޓެޑުގެ ކިބައިން ފެނުނީ ޢާންމުކޮށް އެ ޓީމުން ފެންނަ ހަލުއި ކުޅުމަށްވުރެ ދުވެލި މަޑު ކުޅުމެކެވެ. ކޯޗު އޫލާ ގޫނާ ޝޯސްޖެކްގެ ކިބައިން އެކަމާ މާބޮޑު ހާސްކަމެއް ނުފެނެއެވެ.
ރޭގެ މެޗުގައި މެންޗެސްޓާއަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ. އެ ގޯލު އޭނާ ކާމިޔާބުކުރީ މެޗުގެ ފަސްވަނަ މިނިޓުގައި އެލެކްސް ޓެލެސް ނަގައިދިން ކޯނަރު ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.
ރޭގެ މެޗުގައި ބޯޅަ ކޮންޓުރޯލުކޮށް މެޗުގެ ކޮންޓުރޯލު ގިަނ ވަގުތު ހިފަހެއްޓީ ޔުނައިޓެޑުންނެވެ. ނަމަވެސް ވަޓްފޯޑުންވެސް ދޭތެރެއަކުން ހަމަލަތައް އުފައްދައެވެ. ޚާއްޞަކޮށް ސެޓް ޕީސްތަކުގައި ޔުނައިޓެޑަށް ސިހުން ލިބޭފަދަ ހަމަލާތަކެއް އެ ޓީމުން އުފެއްދިއެވެ.
ގިނަ ހަމަލަތަކެއް ވަޓްފޯޑުން އުފެއްދި ނަމަވެސް އެއްވެސް ހަމަލައެއް ގޯލުގެ ދާގަނޑަށް އަމާޒުނުވުމާއެކު މެޗު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެގެންނެވެ.