Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ރައީސް ޔާމީނުގެ ޝަރީޢަތް އޮތް ދުވަހު ހައްޔަރުކުރި މީހުންނާމެދު އަމަލުކުރީ އިހާނެތިކޮށް

އެެންމެ ފަހުން ކުރިމިނަލް ކޯޓުގައި ރައީސް ޔާމީނުގެ ޝަރީޢަތް އޮތް ދުވަހު އެމަނިކުފާނު ދެކިލަން ދިޔަ ސަޕޯޓަރުންގެ ތެރެއިން ހައްޔަރުކުރި މީހުންނާމެދު ފުލުހުން އަމަލުކޮށްފައިވަނީ އިންސާނީ ޙައްޤުތަކާ ޚިލާފު ގޮތަކަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޔާމީނުގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު ބޭއްވިއިރު، އެމަނިކުފާނުގެ ސަޕޯޓަރުންވަނީ އެ ދުވަހު ކުރިމިނަލް ކޯޓު ކައިރިއަށް އެއްވެ އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފައެވެ. އެތަނުން ބައެއް ފަރާތްތައް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި ފަރާތްތަކާމެދު އިންސާނީ ޙައްޤުތަކާ ޚިލާފަށް އަމަލުކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެގޮތުން އެތަނުން ބުރާސްފަތިދުވަހު ހައްޔަރުކުރި 3 އަންހެނަކާމެދު ވަރަށް އިހާނެތިކޮށް ކަންކޮށްފައިވާ ކަމުގައި އެ ތިން މީހުން ބުނެފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އެ މީހުން ބޭތިއްބީ އިންސާނުން ތިބެން އެކަށީގެންނުވާ ތަނެއްގައި ކަމަށާއި، އެ މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައިނުވާ ކަމަށާއި، އެތައް އިރެއްވަންދެން ކާންނުދީ ބޭތިއްބި ކަމުގައިވެސް އެބަޔާނުގައި އެ މީހުންނާ ހަވާލާދީ ބުނެފައިވެއެވެ.
ހަމައެހެންމެ ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ހިމެނޭ ކަމަށާއި، އެ މީހާއާމެދުވެސް ކަންތައްކުރީ އިހާނެތި ގޮތަކަށް ކަމުގައި އެ ބަޔާނުގައި އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
އަދި ފުލުހުންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބައެއް ކަމަށާއި، ނަމަވެސް ސިޔާސީ މަޤުޞަދެއް ޙާޞިލުކުރަން ފުލުހުންގެ ބައެއް ވެރިން ކުރައްވާ އަމުރުތަކުގެ ސަބަބުން ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުމަށް ހީނަރުކަން ލިބުމަކީ އެ ކޯލިޝަނުން ހިތާމަކުރާ ކަމެއް ކަމުގައިވެސް އެ ބަޔާނުގައި އިދިކޮޅުން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ