Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ރައީސް ޔާމީން ދައުލަތަށް: ހުކުރު ޚުޠުބާއަށްވެސް ރައީސް ނުފޫޒުފޯރުވާނެތޯ؟

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާގެ ޝަރީޢަތުގެ މިއަދު ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ ދެ ދަޢުވާއާ ގުޅިގެން ބައެއް ސުވާލުތައް ދައުލަތާ އެމަނިކުފާނުވަނީ އަމާޒުކުރައްވާފައެވެ.

ދަޢުވާ ސާފެއްނުވޭ: ދައުވާގައި ހިމެނޭ މީހުންނާ ގުޅުވައިދޭ ގޮތެއް ނޭނގުނު

ރައީސް ޔާމީނުގެ މައްޗަށް އެންމެ ފުރަތަމަ ދައުލަތުން އުފުލި ދަޢުވާއަކީ ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާއެވެ. އެ ދަޢުވާއަކީ ކުރިކް ރިޟާ މެދުވެރިކޮށް، ރިޝަވަތު ނަންގަވައި އެ ފައިސާ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓެމެންޓު ދެ ކުންފުނީގެ އެކައުންޓުތަކަށް ލެއްވުމަށްފަހު އަމިއްލަ އެކައުންޓަށް ގެންނަވައިގެން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކޮށް އުފުލާފައިވާ ދަޢުވާއެވެ.
ދައުލަތުގެ ފަރާތުން މި ދައުވާ ހުށަހަޅައި ނިންމެވުމުން ދައުލަތުން ކުރި ދަޢުވާ ސާފުވެއްޖެ ކަމުގައި މައްސަލަ ބައްލަވާ ޤާޟީ ސުވާލުކުރެއްވުމުން ރައީސް ޔާމީނު ވިދާޅުވީ، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ ސާފުނުވާ ކަމުގައެވެ. އަދި ސާފުނުވަނީ ކޮން ކަމެއްތޯ ސުވާލުކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާ އެ މައްސަލަ ގުޅޭ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމުގައެވެ.
ރައީސް ޔާމީނުގެ މި ސުވާލާ ގުޅިގެން ދައުލަތުން ފާހަގަކޮށްފައިވަނީ ޝަފަހީ ހެކި ނަންބަރު 1 އަދި ޝަފަހީ ހެކި ނަންބަރު 2 ގެ ހެކި ބަހުން ރައީސް ޔާމީނާއި ކުރިކް ރިޟާ ހިންގަވާފައިވާ މުޢާމަލާތްތައް ގުޅުވޭ ކަމުގައެވެ.
އަޅުގަނޑަކަށް ސާފުނުވޭ ކާކު ކާކަށްތޯ ރިޝްވަތަށް ދިނީ. ރިޝްވަތު ދޭންޖެހޭ ޙާލަތެއް އަދި ސަބަބެއް ވިދާޅުވެއް. ދެ ފަހަރެއްގެ މަތިން ކުރިކް އަޙްމަދު ރިޟާއަށް ފައިސާދިން ކަމަށް ބުނާ އެ ފައިސާއާއި އަޅުގަނޑު މުޅިން އެހެން މުއާމަލާތެއްގައި ޖަމާކުރި ފައިސާއާ ގުޅެނީ ކިހިނެއްކަން ސާފެއްނުވޭ
ރައީސް ޢަބްދުﷲ ޔާމީން
އަދި އޭގެ އިތުރަށް ރައީސް ޔާމީން ވިދާޅުވީ ދެ ފަހަރެއްގެ މަތިން ކުރިކް ރިޟާއަށް ލިބިވަޑައިގެންނެވި ފައިސާ ކަމުގައި ބުނާ ފައިސާއެއްގެ ވާހަކަ ދައްކާއިރު އެ ފައިސާއާއި އެމަނިކުފާނުގެ އެކައުންޓަށް ސަންގެ ކުންފުނިތަކުން ޖަމާކުރި ފައިސާއާ އޮތް ގުޅުމެއް ދައުލަތަށް ބުނެ ނުދެވޭ ކަމުގައެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ކިހިނެއް ވަން ފައިސާކަން ތަފުސީލުކޮށް ބުނެދެއްވާފައިވާނެ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުކުރު ޚުޠުބާއަށްވެސް ނުފޫޒު ފޯރުވާތޯ؟

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ވިއްކުމުގެ މުޢާމަލާތަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވި ކަމުގައި ތުހުމަތުކުރާ މައްސަލައާ ގުޅިގެން ދައުލަތަށް ރައީސް ޔާމީނުވަނީ ރައްދުދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ދަށުގައި ތިއްބަވާ ވަޒީރުން ލައްވައި ޤާނޫނާ ޚިލާފަށް ބޭނުންހާ ގޮތަކަށް އަމަލުކުރެއްވޭ ގޮތަކަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަންވެފައި ނޯންނަ ކަމަށެވެ. އަދި ކޮންމެ މީހަކީވެސް ޤާނޫނަށް ތަބާވުން ލާޒިމު މީހެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތަށް ވިދާޅުވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާލާނަން ތަންކޮޅެއް ހަމަ އާދައިގެ މިސާލެއް، ހުކުރު ޚުޠުބާގައި ލިޔާ އެއްޗަކަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ފޯރުއްވޭނެ. ޓުއަރިޒަމަށް ރައްތަށް ދޫކުރުމަކީ ހެކްޓަރޭޖަށް ބަލައިގެން ޢާންމުކޮށް ކަނޑައަޅައި ހާމަކޮށްފައި އޮންނަ އުޞޫލެއްގެ ދަށުން ކުރާ ކަމެއް. އެހެން އޮންނަ އިއުލާނުކޮށްފައި އޮންނަ އެއްޗަކަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒުފޯރުވާނެ ކަމުގައި ވިދާޅުވާ އެއްޗެއް އަޅުގަނޑަކަށް ސާފުނުވޭ
ރައީސް ޢަބްދުﷲ ޔާމީން
ރައީސް ޔާމީނުގެ މި ވާހަކަފުޅާ ގުޅިގެން ދައުލަތުން ރުޖޫޢަކޮށްފައިވަނީ 2 ހެކީގެ ބަހަކަށެވެ. އެއީ ހެކި ނަންބަރު 1 އަދި ހެކި ނަންބަރު 2 ދީފައިވާ ޝަފަހީ ހެކިބަހެވެ. އެއީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔަތުގެ ހެކި ބަސް ކަމުގައި ބެލެވެއެވެ.

ޙައްޖަށް ދާން ޑޮލަރު ގަތުމަކީވެސް ވިޔަފާރިއެއްތޯ؟

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާކުރަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި ވިޔަފާރިކުރައްވައިގެން ނުވާނެ ކަމުގައި ދައުލަތުން ބުނެފައިވުމާއި، އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޑޮލަރަކީ ވިޔަފާރިކޮށްގެން ހޯއްދެވި ފައިސާ ކަމުގައި ތުހުމަތުކުރާ މައްސަލައާ ގުޅިގެން ރައީސް ޔާމީންވަނީ ދައުލަތަށް ރައްދުދެއްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން އެމަނިކުފާނު ކުރެއްވި ވިޔަފާރިއަކީ ކޮބައިކަމެއް ދައުލަތަށް ސާފުކޮށްދެވިފައިނުވާ ކަމުގައެވެ. އަދި ވިޔަފާރިކުރި ގޮތެއްވެސް ދައުލަތަށް ބުނެނުދެވޭ ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށްވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށްވެސް އަދި އެމީހެއްގެ އާމްދަނީގެ ގޮތުގައިވެސް ފައިސާ ލިބޭނެ ކަމުގައި ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އެހެން ފައިސާއަކާ ޕްރޮސެކިއުޝަނަށް ހެކި ނެތި ނުގުޅުވޭނެ ކަމަށެވެ.
އެގޮތަށް ތުހުމަތުކުރާނަމަ، ޙައްޖަށް ދާ އެންމެންވެސް އެ ގަންނަނީ ޑޮލަރު، އެ ކުރަނީ ވިޔަފާރި. މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަށް ބަދަލުކުރުމަކީ ވިޔަފާރިއެއް ނޫން
ރައީސް ޔާމީން
ކުރިކް ރިޟާއަށް ލިބުނު ކަމަށް ދައުލަތުން ބުނާ ފައިސާއަކީ އެމަނިކުފާނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ ފައިސާއާއި އެމަނިކުފާނާ ގުޅޭ ގޮތެއް ދައުލަތަށް ބުނެނުދެވޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ދިވެހި ފައިސާތަކެއް ޑޮލަރަށް މާރުކުރެއްވުމަކީ ވިޔަފާރިއެއް ކަމަށް ދައުލަތުން ބުނާ ކަމަށެވެ.

ކުރިންވެސް ޝަރީޢަތް ނިމުނީ ލިޔެކިޔުން ނުލިބި

ރައީސް ޔާމީނުގެ މައްޗަށް ކުރިން އުފުލި ދަޢުވާގެ ޝަރީޢަތް ނިމުނީ އެ ޝަރީޢަތުގައި ދިފާޢުވެވަޑައިގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ލިބިވަޑައިނުގެން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ އެ ޝަރީޢަތުގައިވެސް ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަހާ ގުޅޭ މުހިއްމު ލިޔެކިޔުންތަކެއް ހޯއްދަވަން އެދިވަޑައިގަތުމުން އެ ލިޔެކިޔުން ޝަރީޢަތް ނިމުނުއިރުވެސް ނުލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއިރު މައްސަލަ ބެއްލެވި އިސް ފަނޑިޔާރު ވިދާޅުވީ ޝަރީޢަތް ކުރިއަށްދާއިރު މި ލިޔެކިޔުން ހޯއްދަވައިދެއްވާނަމޭ. އެހެންނަމަވެސް ޝަރީޢަތް ނިމިގެން ދިޔައިރު، ޢިއްޒަތްތެރި އިސް ޤާޟީއަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަކަށް މި ލިޔުންތަކެއް ނުލިބޭ. ދިފާޢުން ހުށަޅަންޖެހޭ އެތައް ކަމެއް ހުށަނޭޅި ދިޔައީ. ނަމަވެސް ހުކުމް އިއްވެވިއިރު އެ ކަންކަމަށް ރިޢާޔަތްނުކުރެވި ހުކުމްކުރެވިގެން ދިޔައީ
ރައީސް ޢަބްދުﷲ ޔާމީން
ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ގެންދެވީ ޝަރީޢަތުގައި ދިފާޢު ބިނާކުރަން މުހިއްމު ކޮންމެހެންވެސް ބޭނުންވާ ލިޔުންތަކެއް ނުލިބޭ ކަމުގައި ވިދާޅުވެ، އެ ލިޔުންތައް ހޯދައިދިނުމުގެ އަމުރެއް ނެރުއްވިދާނެތޯ ނުވަތަ ނޫންތޯ ނިންމެވުމަށް އެދިވަޑައިގަންނަވަމުންނެވެ. ޝަރީޢަތުން މިއަދު ނިންމީ އެ އަމުރު ނެރެންޖެހޭ މަރުހަލާގައި ނެރެންޖެހޭނަމަ ނެރުއްވާނެ ކަމުގައެވެ. އަދި ފަހުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގަތީ އެ ނިންމެވުން ލިޔުމުން ދެއްވުމަށެވެ.
ރައީސް ޔާމީނު އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ލިޔުންތަކާ ގުޅޭ ގޮތުން ފަނޑިޔާރު ނިންމެވި ނިންމެވުން ހައިކޯޓުގައި އިސްތިއުނާފުކުރައްވަން ބޭނުންވާ ކަމުގައެވެ.
މި ލިއުމާއި ގުޅޭ