Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ޤާނޫނުތަކުގެ ބޭނުމާއި އަމާޒުން ކަސިޔާރުވުމަކީ ޚުދުމުޚުތާރު ކަމުގެ ސިފައެއްކަން ޔަޤީން

ޤާނޫނަކީ ކޮބައިކަން ދޭހަކުރުން

ޤާނޫނަކީ ކޮބައިކަން ބަޔާންކޮށް ދެއްވުމަށްޓަކައި، ރާއްޖޭގައި ފާހަގަ ކޮށްލެވުނު ޢިލްމުވެރިއެއްކަމުގައިވާ، ފަޟީލަތުއްޝައިޚް އަލްމަރުޙޫމް މޫސާފަތުޙީ އަލްއަޒުހަރީ، ޤާނޫނަށްމަގެއް މިނަމުގައި ސިލްސިލާކޮށް ލިއުއްވި ލިއުންތަކުގައި ބަޔާން ކުރައްވާފައިވާ ބައެއް ނުކުތާތައް މިތާނގައި ނަކަލު ކޮށްލަމެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުންނަމަ، ލަފްޒީގޮތުން ޤާނޫނަކީ ދުނިޔޭގެ އެކިއެކި ކަންތައް ވަކި ތަރުތީބެއްގެ މަތީން ގަވާއިދަކުން، ހިނގަމުންދާ ނިޒާމަށް ކިޔާ ނަމެކެވެ. މިސާލަކަށް، ރޭދުވާ ތަކުރާރުވަމުން ދިއުމުގެ ޤާނޫނު، މަރުގެ ޤާނޫނު ޖާޒުބިއްޔަތުގެ ޤާނޫނު، މިއީ މުޅިންވެސް މި މާނައިގައި ޤާނޫނޭ ކިޔޭ ކަންތަކެވެ. ޠަބީޢަތުގެ ޤާނޫނަކީ ބާރެކެވެ. އަޚްލާޤުގެ ޤާނޫނަކީ ހެޔޮގޮތެވެ. މަންޠިޤުގެ ޤާނޫނަކީ ޙައްޤެވެ. ޢަދާލަތުގެ ޤާނޫނަކީ މީސްތަކުންގެ މެދުގައި އިންޞާފަށް ޙުކުމް ކުރުމެވެ. ނަމަވެސް ޤާނޫނީ ޢިލްމުވެރިންގެ ނަޒަރުގައި ޤާނޫނަކީ އަދި މިއެއް ނޫނެވެ. ޤާނޫނީ ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޤާނޫނަކީ ޖަމާޢަތެއްގެ ތެރޭގައި މީހުންގެ ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމުކުރާ އަދި އެންމެން އެއަށް ބޯލަނބައި ކިޔަމަން ކުރުވުމަށް ވެރިކަމުގެ ފަރާތުން ބޭނުން ކުރަންޖެހިއްޖެ ހިންދެއްގައި އޭގެ ބޭނުންކުރާ ހުރިހާ ގަވާއިދުތަކެވެ.

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ޤާނޫނާއި މުޖުތަމަޢު މިނަމުގައި ލިއުއްވާފައިވާ ފޮތުގައި ބަޔާން ކުރައްވަނީ ޤާނޫނު މަފްހޫމްކުރުމުގެ އާލަމީ ތައުރީފެއް ނުވާކަމުގައެވެ. އެކިމީހުން ޤާނޫނު މާނަކުރަނީ އެކިގޮތަށް ކަމަށް ބަޔާން ކުރައްވަމުން، ގިނަބަޔަކު ބުނާ ގޮތުގައި ޤާނޫނަކީ މުޖުތަމަޢުގައި ހިމެނޭ ފަރުދުންގެ ޢަމަލުތަކާއި އުޅުމާއި ގުޅުންތައް އިންތިޒާމުކޮށް ތަރުތީބު ކުރުމަށްޓަކައި ދައުލަތުން ހަދައި ތަންފީޒުކުރާ އެންމެހައި ގަވައިދުތަކެއް ކަމުގައި ވިދާޅުވެއެވެ. އަދި ޖޯން އޮސްޓިން އަށް ޙަވާލާދެއްވާ ވިދާޅުވެފައިވަނީ، ޤާނޫނަކީ ބުއްދިވެރި އިންސާނަކަށް މަގުދެއްކުމަށްޓަކައި އޭނާގެ މައްޗަށް ބާރު ހިންގޭ މަގާމެއްގައި ހުރި ބުއްދިވެރި އިންސާނަކު ހަދާ ގަވައިދުކަމުގައެވެ. މިބީދައިން ތޯމަސްހޮބްސް އަށް ޙަވާލާދެއްވައި، ޤާނޫނަކީ ބިންގަލުން ރޫޅިފައިވާ މުޖުތަމަޢުތައް އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓާ ތެރަހެއްކަމުގައި ވިދާޅުވެއެވެ.

ޤާނޫނުތަކުގެ ބާވަތާއި ދަރަޖަތަކަށް ނަޒަރު ހިންގުން

ޤާނޫނުތަކުގެ ތެރޭގައި އެންމެ އިސްކަންދެވޭ ޤާނޫނުތަކަކީ އިންސާނާގެ ބާރުނުފޯރާ ޤާނޫނުތަކެވެ. މީގެތެރޭގައި ހިމެނޭ އެއްބަޔަކީ ދާއިމަށްދެމިގެންދާ ޤާނޫނެވެ. އެއީ ފެށުނީއްސުރެ ދުނިޔޭގެ ނިމުމާއިހަޔަށްވެސް ދެމިއޮންނަ ޤާނޫނުތަކެވެ. ނުވަތަ ޢާލަމީ ޤާނޫނެވެ. އިރުހަނދާއި ރޭދުވާ ތަކުރާރުވުން ފަދަ ކަންކަން ހިނގަމުންދަނީ މިފަދަ ޤާނޫނުގެ ދަށުންނެވެ. މިއާއެކު މިފަދަ އަނެއް ޤާނޫނަކީ އިލާހީ ޤާނޫނެވެ. އެއީ މުޅިޢާލަމްތަކާއި އެންމެހައި މަޚްލޫޤުންވެރި މާތްﷲ އިންސާނުންނަށްޓަކައި ކަނޑައެޅުއްވި ޝަރީޢަތެވެ. މާތް ﷲ ކަނޑައަޅުއްވާފައިވާ ޝަރީޢަތް ނުވަތަ ޤާނޫނަށް އެއްވެސް ބަދަލެއް ގެނައުމަކީ ނުވަތަ އެއަށް ގޮންޖެހުމަކީ އިންސާނާއަށް ލިބިފައިވާ ޢިލްމެއްނޫނެވެ. ޤާނޫނީ ޢިލްމުވެރީން ބަޔާންކުރާ އަނެއް ޤާނޫނަކީ ޠަބީޢީ ޤާނޫނެވެ. ނުވަތަ ޤުދުރަތީ ޤާނޫނެވެ. އެއީ ދިރުންހުރި ތަކެއްޗާއި ގުޅިފައިވާ ޤާނޫނެވެ. އުފަންވުމާއި މަރުވުމާއި ނިދުމާއި ހޭލުމާއި އުފާލިބުމާއި ހިތާމަ ލިބުންފަދަ ކަންކަމަކީ މިޤާނޫނުގައި ކަނޑައެޅިފައިވާ ގޮތެއްގެމަތީން ހިނގަމުންދާ ކަންކަމެވެ.

ކުރީން ބަޔާންކުރި ޤާނޫނުތަކާއި ޚިލާފަށް އިންސާނުން ހަދާ ޤާނޫނުތަކަކީ މުޅީން ތަފާތު އެއްޗެކެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު މިފަދަ ޤާނޫނުގެ ބާވަތްތައް ވަކިކުރެވި އަދި ދަރަޖަތަކަށް ބައިވެސް ކުރެވިދާނެއެވެ. ދައުލަތެއްގައި އޮންނަ ދުސްތޫރު ނުވަތަ ޤާނޫނުއަސާސީއަކީ އެދައުލަތެއްގެ ހުރިހާކަމެއްގެ ޤާނޫނީ މައިގަނޑު ހަމަތައް ހީރަސްކޮށް ހިފަހައްޓައިދޭ އެންމެ ވަރުގަދަ ޢަޤުދެވެ. ދުސްތޫރުގައި ކަނޑައަޅާފައިވާ ކަމެއް ނަފީކުރާ ނުވަތަ އޭގައިވާ ހަމައެއް ގެއްލިގެންދާ އުޞޫލެއް ނުވަތަ ޤަވައިދެއް ނުވަތަ ޤާނޫނެއް އުފަންވެއްޖެނަމަ އެގެއްލިގެންދަނީ ޤާނޫނުގެ ބާރުވެރިކަމެވެ. ނުވަތަ އެބޭއިހުތިރާމު ކުރެވެނީ އެންމެންގެ ޢާންމު ޤަބޫލުކުރުން ތަކަށެވެ. ދުސްތޫރީ އެންމެ މަތީބާރުގެ މައްޗަށް އެއްވެސް ފިއްތުމެއް އަންނަ ނަމަ ދައުލަތުގެ ސާބިތުކަން ގެއްލި، އެންމެންވެސް ޤާނޫނަށް ބޯލަނބަށް އޮންނަ ހަމަ ގެއްލި ދާނެއެވެ.

ޤާނޫނުގެ ބޭނުމަކީ ކޮބައިކަމާމެދު ވިސްނާލުން

ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ މަޝްހޫރު މުރުޝިދު އަލްއުސްތާޛް މޫސާ ފަތުޙީ އަލްއަޒުހަރީ، ވިދާޅުވެފައިވާ ގޮތަށް ބަލާއިރު، ޤާނޫނު ވާންވާނީ ޢާއްމު އެއްޗަކަށެވެ. އަދި އެއީ ވަކިމީހަކު ވަކި ވަޒީފާއަކަށް އައްޔަންކުރުމަށް ކަނޑައަޅާ ކަނޑައެޅުމަކަށް ނުވަތަ ވަކި ފިހާރައެއް ބަންދު ކުރުމަށް ކަނޑައަޅާ ކަނޑައެޅުމަކަށް ނުވަތަ ވަކިމީހެއްގެ މިލްކިއްޔާ މުޞާދަރާ ކުރުމަށް ކަނޑައަޅާ ކަނޑައެޅުމަކަށް ވެގެންނުވާނޭ ކަމަށް ވިދާޅުވެއެވެ. އަދި އެފަދަ ކަނޑައެޅުން އެއީ ޤާނޫނެއް ކަމަކަށް ނުބެލެވޭނެ ކަމަށް ވިދާޅުވެއެވެ. ޤާނޫނަށް ބޯލަނބައި ކިޔަމަންވުން އެންމެންގެ މައްޗަށް ލާޒިމުވާކަމުގެ ޤަބޫލުކުރުމަކީ އިންކާރެއް އެމައްޗަށް އޮތްކަމެއް ނޫނެވެ. އެހެނީ ޤާނޫނުތައް ހެދިފައިވަނީ މުޖްތަމަޢުގައި ދިރިއުޅޭ އެންމެންގެ ކަންތައްތައް ތަންޒީމު ކުރުމަށެވެ. މިގޮތުން މިކަންތައްތައް ތަންޒީމު ކުރެވޭނީ އެއަށް ކިޔަމަންވުމަށް އެންމެންގެ މައްޗަށް އެއްހަމައެއްގައި މަޖްބޫރުކަން އޮވެގެންނެވެ. ކޮންމެ ޤާނޫނެއްގައިވެސް ކިޔަމަންނުވި މީހަކަށް އޮންނަ ޖަޒާއަކީ ބޯލެނބުމަށް ބާރުއަޅައިދޭ ކަމެކެވެ.

ޤާނޫނުތަކުގެ މަޤްޞަދު ނުވަތަ ބޭނުންތައް ނެގެހެއްޓުމަކީ ދައުލަތާއި އަފުރާދުންގެ ޒިންމާއެކެވެ. ޤާނޫނަކާއި ޚިލާފުވެއްޖެނަމަ ޖަޒާ ނުވަތަ އަދަބު ދިނުމަށް ކަނޑައަޅަނީ މިބޭނުމަށެވެ. މިގޮތުން ކަނޑައަޅާ އެއްޖަޒާއަކީ ޤާނޫނާއި ޚިލާފުވުމުގެ ކުރީން ދެވޭ ޖަޒާއެވެ. ބޭނުމަކީ އެއްގޮތަކަށްވެސް އެފަދަ ޢަމަލެއް ހިންގުމުގެ ފުރުޞަތު ނުބޭއްވުމެވެ. މިބާވަތުގެ ޖަޒާއަށް "ކުރިޔަނުދޭ ޖަޒާ" އޭ ކިޔަމާބަހީއެވެ. މިފަދަ ޖަޒާއަކީ ވަރަށް ނާދިރު އެއްޗެކެވެ. ޢާންމުގޮތެއްގައި ޤާނޫނީގޮތުން އަދަބެއް ނުވަތަ ޖަޒާއެއް މީހަކަށް ދެވޭނީ އޭނާގެ ކުރިމަތީގައި ފެންނަންއޮތް ޤާނޫނަކާއި ޚިލާފުވުމަށްފަހު ގައެވެ. އެއީ ކުށުގެ ސަބަބުން އޭނާގެ ނަފްސަށް ބުރައެއް އުފުލަން ޖެއްސުމާއި، އެނޫން މީހުންނަށް އިބްރަތަކަށްވެ ކުށުންބަރީއަ ވުމަށް ބާރުއެޅުމެވެ. މިއީ ތައުދީބީ ޖަޒާއެވެ.

ޤާނޫނުތަކުގެ ތެރެއިން ކަންކަމަށް ފަރުވާހޯދުން

މުޖުތަމަޢުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ޤާނޫނީ ފަރުވާއަކީ މިއަދު ވަރަށް މުހިންމުވާ ފަރުވާއެކެވެ. އެހާމެ ބޭނުންތެރި އެއްޗެއްމެއެވެ. ހުރިހާގޮތަކުންވެސް އިންޞާފުވެރި ތަފާތުކުރުންތަކުން މިންޖުވެފައިވާ ފަރުވާއަކުން މެނުވީ އެދެވޭ އުފަލެއް އުފަންވުމަކީ މުސްތަޙީލު ކަމެކެވެ. އަދި އެހެންމެ މިގޮތުން އީޖާދުކުރެވޭ ޤާނޫނީ ފަރުވާއަކީ ހަމަކުއްލިއަކަށް ދިމާވާ ކަމަކަށް އަމާޒުކުރެވޭ ކުއްލި ފަރުވާއަކަށް ނުވުމަކީ ދުނިޔޭގެ ތަހްޛީބު ބަލައިގެންފައިވާ ގޮތެވެ. ޤާނޫނުތަކެއް ވުޖޫދުކޮށްގެން ޙާޞިލު ކުރަންޖެހޭނީ އެންމެންގެ މަންފާއެވެ. ހުޅުވަންޖެހޭނީ އުފާވެރި ދޮރުތަކެވެ. ހިމާޔަތްވާން ޖެހޭނީ ޢާންމު މަޞްލަޙަތެވެ. އަމުދުން ހީލަތްތެރިކަމާއި، ކެހިވެރިކަމާއި، ބަދަލުހިފުމާއި، ޒާތީބަދަލު ހިފުމަށް ޖާގައޮތުމަކީ ޤާނޫނީފަރުވާގެ މަފްހޫމުން ބޭރުގައިވާ ޢަމަލުތަކެކެވެ. ޤާނޫނަކީ އަދި ޤާނޫނުގެ ހެދުމުގެ ނިޔަތް އެއީ، އެއްވެސް ގޮތަކުން މީހުން ބަނުމަށްޓަކައި ސިއްރިއްޔާތުގައި ހަދާ މަޅިފައްޗަކަށް ވެގެން ނުވާނެއެވެ. ޚާއްޞަކޮށް ދިގުމާޒީއެއްގެ ތެރެއަށްގޮސްފައިވާ ކަންތައްތަކެއްގެ މުތުނަށް ފީނައިގެން މިއަދުގެ ޙާލަތަށް ހެދޭ ޤާނޫނަކުން މާޒީއެނބުރި އަލުން އުފަންކުރުވާ ކާނާއަކަށް ޤާނޫނުތަކުގެ މާއްދާތައް އަތުރާލެވިގެން ނުވާނެއެވެ. އަދި ބައެއްގެ މައުސޫމުކަން ނައްތާލުމަށްޓަކައި ކެހިވެރި ދަލެއްގެ ގޮތުގައި ޤާނޫނު ވިޔުމަކީ އޭގެ ފައިދާއަށްވުރެ މުޖުތަމަޢަށް ގެއްލުން ލިބިގެންދާނޭ ކަމެއްކަމުގައި ސަލާމަތް ބުއްދި ބުނެދެއެވެ.

ހަތިޔާރެއްގެ ގޮތުގައި ޤާނޫނު އަތަށްނެގުމަކީ ބޮޑުނުރައްކަލެއް

ރައްޔިތުންނާއި ދައުލަތާއި ދެމުދުގައިވާ ގުޅުންތައް ގުޅުވައިދޭ އެއް ވަޞީލަތަކަކީ ޤާނޫނުތަކެވެ. މިގުޅުންތައް އެއީ ބަދަހި އަދި އެދެމެދުގައި ލޯތްބާއި ކުލުނުއޮތް ގުޅުމަކަށް ހަދާ މައިގަނޑު އެއްޗަކީވެސް ޤާނޫނުތަކެވެ. އެއްފަރާތުން އަނެއްފަރާތަށް އަދާކުރަންޖެހޭ ޒިންމާތަކާއި، ތަބާވާންޖެހޭ ހަމަތަކާއި، ޙިމާޔަތްކޮށްދޭ މަސްލަޙަތު ބުނެދެނީ ޤާނޫނުތަކުގެ ޛަރީޢާއިންނެވެ. ޤާނޫނުހެދުމާއި، ތަންފީޒުކުރުމަކީ ދައުލަތުގެ މައިބަދަ ހިފަހައްޓައިދޭ އަސާސީބާރެވެ. ޤާނޫނުހެދޭ ގޮތަކުން ނުވަތަ ޤާނޫނު ތަންފީޒު ކުރާ ގޮތަކުން ދައުލަތުގެ މައިބަދަ ބިނދި ދައުލަތް ބިންމައްޗަށް ވެއްޓިދިއުމުގެ ނަތީޖާ އުފަން ވެދާނެއެވެ. އެހާލަތުގައި އަފުރާދުންގެ ޖަޒުބާތު ނުރައްކަލަށް ބަދަލުވެ ފަރުދުންނަށް އޮތް ބިރުވެރިކަމަކަށް ބަދަލުވެ ގެއްލުންދެނިވި ވޭނީ ދިރިއުޅުމަކަށް މުޅި މުޖުތަމަޢު ބަދަލުވެދާނެއެވެ. މިފަހަކަށްއައިސް ދިވެހިރާއްޖޭގެ ޝޫރާމަޖިލިސް ތެރެއިން ފެންނަމުންދަނީ ޤާނޫނުގެ ފުޅާ މަޤާޞިދަށްވުރެ ހަނިކުރެވިފައިވާ މަޤުޞަދުތަކުގެ މައްޗަށް ބިލްތައް ލިޔެވިގެންދާ ތަނެވެ. އަދި ދުނިޔެ ޤަބޫލުކުރާ ޢާންމު ޤާނޫނީހަމަތަކާއި ޚިލާފު ހަމަތަކަކަށް ކުއްލިއަކަށް އަވަސް އަރުވާލައިގެން ހަނިއަމާޒުތަކެއް ޙާޞިލުކުރެވޭ ބީދަޔަކަށް ޤާނޫނީ ބިލްތައް ފަރުމާ ކުރެވިގެންދާ މަންޒަރެވެ.

މިގޮތުން ފާހަގަ ކުރެވުނު އެއްކަމަކީ ޤާނޫނުއަސާސީގެ ތެރެއިން އުފެދިފައިވާ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށްޓަކައި ޤާނޫނުތަކެއްގެ ސިފައިގާ ނުވަތަ ފަށަލަ ތަކެއްގެގޮތުގައި ވަކިކޮމިޝަންތަކެއް އުފެއްދުމެވެ. އަދި އެފަދަ ކޮމިޝަންތަކުގެ މަޤުޞަދާއި، އަމާޒާއި، ދާއިރާތައް ބިނާ ކޮށްފައިވަނީ، ވަކިވަކި ބަޔަކަށް ބަލައި ވަކި ނަތީޖާތަކެއް ނެރެހޯދައި އުފަން ކުރުމުގެ މައްޗަށެވެ. ދެވަނަކަމަކަށް ފާހަގަ ވެގެންދިޔައީ، ބަދަލުހިފުމާއި، ބިރުދެއްކުމުގެ އަސާސްތަކަށް ބުރަވާ ޤާނޫނުތަކެއް އުފަން ކުރުމެވެ. މިގޮތުން އިންތިޤާލީ ޢަދާލަތުގެ ނަމުގައި އުފަންކުރި ޤާނޫނަކީ އޭގެސަބަބުން، ބާރުވެރިކަން ލިބިގެން މިއަދު މަހުކަމާތަކުގައި ތިބި ބާރުވެރި ފަރާތްތަކުން އަނެކުންނަށް ބިރުދެއްކުމަށް މަގު ކޮށައިދީފައިވާ ޤާނޫނެކެވެ. ޢަދުލުވެރިކަމާއި އިންޞާފުވެރި ކަމަށްވުރެ "މަށަށް ފެންނަ ގޮތަށް" ކަންކުރަށް ހުޅުވިދޮރެއްގެ ސިފައޮތް ޤާނޫނެކެވެ. ތިންވަނަ ކަމަކަށް ފާހަގަކުރެވެނީ ބޮޑެތިމުއައްސަސާތަކުގެ ހައިބަތާއި ބާރުވެރިކަން ސިޔާސީވެރިންގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސުމަށްޓަކައި ޤާނޫނުތަކަށް ބަދަލު ގެނައުމެވެ. އަލަށް އެކުލަވާލައި ފާސްކޮށްފައިވާ ފުލުހުންގެ ޤާނޫނަކީ މިކަމުގެ މިސާލެކެވެ. މީގައި ބުނަންއޮތީ ހީލަތްތެރިކަމުގެ ނަތީޖާއަކީ ހިތިއެއްޗެކެވެ. ތިމާމެންނަށް އޭގެ ހިތިކަން ތަހައްމަލު ކުރަންވެސް ޖެހިދާނެއެވެ. އަނެކުންނަކީ މޮޔައިންކަމަށް ނުބަލާށެވެ. ޤާނޫނު ހެދުމުގައި ބުއްދި އިސްކުރާށެވެ. ޢަދުލާއި އިންޞާފަށް ޖާގަދޭށެވެ.

މި ލިއުމާއި ގުޅޭ