Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ރައީސް ޔާމީން ޖަލުގައި 400 އަށްވުރެ ގިނަ ދުވަސް: ޝަރީޢަތުން ފެށިގެން އަދާހަމައަށް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އެމަނިކުފާނު ޖަލަށް ވަޑައިގެންނެވި ފަހުން މިއަދަށް 400 އެތައް ދުވަހެއް ފާއިތުވީއެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތާއި އެމަނިކުފާނުގެ މައްޗަށް އިއްވުނު ހުކުމާއި އެ ހުކުމަށްފަހު އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމާއި، ޖަލުގައި ހުންނަވައި ދެއްވާ މެސެޖުތަކަކީ ވަރަށް ގިނަ ރައްޔިތުންތަކެއް ޝައުޤުވެރިކަމާއެކު ގާތުން ބަލަމުން ގެންދާ ކަންކެމެވެ.

ޝަރީޢަތް: އިދިކޮޅުން ބުނަނީ ސިޔާސީ ޝަރީޢަތެއް ކަމުގައި

ރައީސް ޔާމީނުގެ ޝަރީޢަތަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ސިފަކުރާ ގޮތުގައި ސިޔާސީ ޝަރީޢަތެކެވެ. އެގޮތުން އެކަމުގެ ހެކީގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދެތިން ނުކުތާއެއް ފާހަގަކުރެއެވެ. އެންމެ ފުރަތަމަ ކަމަކީ ރައީސް ޔާމީނުގެ ޝަރީޢަތް ކުރިއަށް ގެންދެވި ކުރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޙައިލަމްގެ ސަސްޕެންޑުކުރުމެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ޙައިލަމް ސަސްޕެންޑުކުރީ ޗެޓު ގުރޫޕެއްގައި ހިއްސާކުރެއްވި ފޮޓޯއެއްގެ މައްސަލައިގައެވެ.

އޭގެ އިތުރަށް އިދިކޮޅު ފަރާތްތަކުން އެ ޝަރީޢަތުގެ އިންސާފުވެރިކަމާމެދު އެންމެ ބޮޑަށް ސުވާލު އުފައްދަނީ އެ މައްސަލާގައި ފަހުން ހުކުމްކުރި ބެންޗުގައި އިސްކޮށް ހުންނެވި ޤާޟީ އަދި ކުރިމިނަލް ކޯޓު ހިންގެވުމާ އެވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޤާޟީ ޢަލީ ރަޝީދު ޙުސައިނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމެވެ. އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ ޢަލީ ރަޝީދު ސުޕްރީމް ކޯޓަށް ގެންދިޔައީ ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމުގެ ބަދަލުގައި ދިން ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.

ޝަރީޢަތަކީ ސިޔާސީ ޝަރީޢަތަކަށްނުވި ނަމަވެސް ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ގިނަ ކަންތައްތަކެއް ފާހަގަކުރިއެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާހަގަކުރައްވާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ވައްކަމާއި ކޮރަޕްޝަން ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ޚިލާފު ނިންމުމެއް ކަމުގައެވެ.

އޭގެ އިތުރަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި އަދީބު އަދި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދީފައިވަނީ ޤާނޫނީ ގޮތުން ޞައްޙަ ގޮތެއްގައި ނޫންކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ހެކިބަހަށް ބުރަދަން ދިން ލިޔުންތަކުން އެ ބޭފުޅުން ދެއްކެވި ވާހަކަފުޅާ ގުޅޭ އިތުރު ހެއްކެއް އުފަންނުވާ ކަމުގައި ޑރ.ޖަމީލު ހައިކޯޓުގައި އޮތް އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

އިސްތިއުނާފު އަޑުއެހުންތައް ނިމި ހުކުމާހަމައަށް ގޮސް ލަސްވެފައި

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ގިނަ ނުކުތާތަކެއް ފާހަގަކޮށް އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުންތައް މި އަހަރުގެ ކުރީ ކޮޅުގައި ފެށިގެން ދިޔައެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގަތީ އިސްތިއުނާފު ނިމެންދެން ކަފާލަތުގެ އުޞޫލުން މިނިވަންކުރެއްވުމަށެވެ. ނަމަވެސް "ޕެންޑިން އެޕީލް ބެއިލް" ނުވަތަ ޕޯސްޓް ކޮންވިކްޝަން ބެއިލް ދެވެން ނެތް ކަމުގައި ހައިކޯޓުން ނިންމިއެވެ.

ފަނޑިޔާރުން ކަފާލާތު ދެވެން ނެތް ކަމުގައި ފާހަގަކުރެއްވިއިރު އެއް ފަނޑިޔާރު ފިޔަވައި ދެން ތިއްބެވި ދެ ފަނޑިޔާރުން އެ ބާވަތުގެ ބެއިލަކީ ދެވިދާނެ އެއްޗެއް ކަމުގައި ވިދާޅުވިއެވެ. ފަނޑިޔާރު ޙުސައިން މަޒީދު ވިދާޅުވީ އެފަދަ ބެއިލަކީ ރާއްޖޭގެ ޤާނޫނު ދަންނަ އެއްޗެއް ނޫން ކަމުގައެވެ. މީގެ ކުރިންވެސް ސިޔާސީ ބައެއް ބޭފުޅުންނަށް ހައިކޯޓުން، ހައިކޯޓުގެ ޤަވާޢިދުގެ ދަށުން މި ބާވަތުގެ ބެއިލް ދީފައިވާކަން ރައީސް ޔާމީނުގެ ވަކީލުން ހައިކޯޓުގައި ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އާ ގުޅިގެން އެޅިގެންދިޔަ ފިޔަވަޅުތަކުގެ ތެރޭގައި ރައީސް ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލނުކުރެއްވި ގިނަ ދުވަސްތަކެއް ހޭދަވެގެންދިޔައެވެ. އަދި އެ ދުވަސްވަރު ބޭއްވި އަޑުއެހުމެއްގައި ހައިކޯޓުގައި އެކަން ވަކީލުން ފާހަގަކުރެއްވިއެވެ. ހައިކޯޓުގެ ފަނޑިޔާރުންވަނީ އެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތަށް އަންގަވާފައެވެ. ނަމަވެސް ވަކީލުންނަށް ބައްދަލުނުކުރެވި، އެކަމުގެ ޝަކުވާގައި ވަކީލުން ތިއްބަވަނިކޮށް ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި އިތުރު ދައުވާއެއް ދައުލަތުން އުފުލިއެވެ.

އެންމެ ފަހުން ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖެހުނީ ކުރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ރައީސް ޔާމީނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވާނެ ކަމުގައި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އެއިރުވެސް ދޭތެރެއަކުން ވިދާޅުވެއެވެ. ރައީސް ޔާމީނުގެ ވަކީލުން އޭނާގެ ވާހަކަފުޅު ތަކުރާރުކޮށް ދޮގުކުރައްވާފައިވެއެވެ.

ރައީސް ޔާމީނުގެ އިސްތިއުނާފު ޝަރީޢަތުގެ އަޑުއެހުންތައް 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުވަނީ ނިމިފައެވެ. އެ މައްސަލާގައި ހުކުމްކުރުން ލަސްވަމުންދާތީ އެމަނިކުފާނުގެ ވަކީލުންނާއި އިދިކޮޅު އިއްތިހާދުގެ ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ތުހުމަތުކުރައްވާ ގޮތުގައި ހުކުމް ފަސްކުރަނީ ޖޭއެސްސީން ކޯޓަށް ނުފޫޒު ފޯރުވައިގެންނެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ ޖޭއެސްސީ ކޯޓުން ބޭރަށްވެސް ނުނުކުންނަ ކަމަށެވެ.

ބޭރަށް ވަޑައިގަންނަވާނެ ފުރުޞަތަށް ކުރެއްވީ އިންކާރު

ރައީސް ޔާމީނު ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނު އަރިހަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވަޑައިގެން އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދެންނެވި ކަމުގެ މައުލޫމާތު އިތުބާރު ހުރި މަޞްދަރަކުން "ދިޔަރެސް" ނޫހަށް ލިބުނީ ފާއިތުވި އަހަރުގެ ކުރީ ކޮޅުގައެވެ. އަދި ޢިމްރާނުގެ ހުށަހެޅުއްވުމަށް އިންކާރުކުރައްވައި އެމަނިކުފާނު ޖަލުގައި ހުންނަވަންޖެހިވަޑައިގަތަސް ޤައުމު ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މިވާހަކައަށް އިތުރު ބުރަދަނެއް ލިބުނީ ފާއިތުވި އަހަރުގެ ފަހުކޮޅުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވި ވާހަކަފުޅަކުންނެވެ. ރައީސް ޔާމީނަށް ޖަލުން މިނިވަންވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނު އެ ފުރުޞަތު ބޭނުންނުކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް އެ ފުރުޞަތު ލިބިވަޑައިގަތުމުން ބޭނުން ހިއްޕެވި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެފަހުން 2020 ވަނަ އަހަރު އިދިކޮޅު އިއްތިޙާދުން ކާނިވަލުގައި "ވިސްނާ" ނަމުގައި ބޭއްވި ޖަލްސާގަޢި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރައްވައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދެންނެވުމުން، އެކަން ނުކުރައްވާނެ ކަމަށާއި، ހުންނަވާނީ ރާއްޖޭގައި ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. ރައީސް ޔާމީނުގެ ވަކީލު ޑރ.ޖަމީލުވެސް ވިދާޅުވީ އެމަނިކުފާނު ރާއްޖެ ދޫކުރެއްވުމުގެ ވިސްނުންފުޅެއް އެއްވެސް މިންވަރަކަށް ނުގެންގުޅުއްވާ ކަމުގައެވެ.

ޖަލުން ދެއްވާ މެސެޖު: ޤައުމަށް ފާރަވެރިވޭ!

ރައީސް ޔާމީނުގެ ވަކީލުން މެދުވެރިކުރައްވައި އަދި އެމަނިކުފާނުގެ ޕާޓީގެ ކަންކަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޢަބްދުއްރަޙީމް މެދުވެރިކުރައްވައި ދޭތެރެއަކުން ރައްޔިތުންނަށް މެސެޖުތައް ދެއްވައެވެ. އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުން ކިބައިން ކޮންމެ ފަހަރަކުވެސް އެދިވަޑައިގަންނަވާނީ ޤައުމަށް ފާރަވެރިވުމަށެވެ. ޤައުމުގެ އެސެޓުތައް ބޭރު ފަރާތްތަކަށް ވިއްކިޔަ ނުދިނުމަށް އެދިވަޑައިގެން މެސެޖެއް ފޮނުއްވީ ބަޖެޓު ފޫބެއްދުމަށް ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ވިއްކާނެކަން ސަރުކާރުން ހާމަކުރުމުންނެވެ. ބޭރުގެ ޤައުމުތަކުގެ އަތްމައްޗަށް ރާއްޖޭގެ ސިޔާދަތު ދިޔަނުދިނުމަށް އެދިވަޑައިގަތީ ރާއްޖޭގައި އިންޑިޔާގެ ނުފޫޒު ގަދަވަމުންދާ ކަމުގެ އަޑުތައް އިންތިހާއަށް އިތުރުވި ދުވަސްވަރުއެވެ.

ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް ދައްކަވަނީ އެއް ވާހަކައެއް. ގަވާނޭންސް ހަލާކުކޮށް ވެރިކަމުގެ ނިޒާމު ހަލާކުވާތީ އެކަމަށް ވާހަކަދައްކަވާ. އަދި އެހެން ބައެއްގެ ފައިބުޑަށް ނުވެއްޓި ޤައުމު ބިނާކުރަން ކުރެއްވި މަސައްކަތް ހުއްޓުނު ވާހަކަ ދައްކަވާ
ރައީސް ޔާމީނުގެ ވަކީލު ޑރ.ޖަމީލު

"ދިޔަރެސް"އާ ވާހަކަދައްކަވަމުން ޑރ.ޖަމީލު ވިދާޅުވީ ރައީސް ޔާމީން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ އަމިއްލަ ސިޔާދަތީ ބާރު ލިބިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް ކުރެއްވި މަސައްކަތް ހުއްޓެމުންދާތީ ކަމުގައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އެ ދާއިރާއިން ކުރިމަތިވެވަޑައިގެންނެވި ބައެއް ގޮންޖެހުންތައް ވިދާޅުވެދެއްވަމުން އަވަށްޓެރި ޤައުމަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ވަޒީރަކު އެމަނިކުފާނު އަރިހަށް ވަޑައިގެން މި ސަރަހައްދު ގުޅިގެން ތަރައްޤީވުން ފަދަ ބައެއް ކަންކަމާ މަޝްވަރާކުރެއްވުމުން، ރާއްޖޭގައި އެއަށްވުރެ މުހިއްމު، އެއަށްވުރެ ހަލުއިކޮށް ހައްލުކުރަންޖެހިފައިހުރި މައްސަލަތައް ހުރި ކަމުގައި ވިދާޅުވި ކަމަށާއި، އެއަށްފަހު ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދަމުން އައި ގޮތަށްވެސް ބަދަލުތައް ގެންނެވި ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް ޑރ.ޖަމީލު ވިދާޅުވެދެއްވިއެވެ.

އެދިވަޑައިގަންނަވަނީ ހެޔޮ ދުޢާއަށް

ރައީސް ޔާމީނު ޖަލުގައި ހުންނަވާތާ 1 އަހަރު ފުރުނު ދުވަހު އެމަނިކުފާނުގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީން ޗެނަލް 13 އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ފަސް އަހަރަކީ ޤައުމަށް އައި ތިޔާގި ފާގަތި 5 އަހަރު ކަމުގައިވީ ނަމަވެސް އެ 5 އަހަރަކީ ޢާއިލާއަށް ހިތްދަތި 5 އަހަރު ކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ރައީސް ޔާމީން ދެމިހުންނެވީ ސާބިތުކަންމަތީގައި ކަމަށެވެ.

މިހާރު ޖަލުގައި ހުންނެވިއިރުވެސް އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަންމަތީގައި ކަމަށް ޒޭން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދިވެހިރައްޔިތުން ކިބައިން އެދިވަޑައިގަންނަވަނީ ހަމައެކަނި ހެޔޮ ދުޢާއަށް ކަމުގައިވެސް ޒޭން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ