އިސްލާމްދީނުގެ އަސާސީ މަބްދައުތަކުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުމެއް ނެތް ކަމުގައި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޑރ.ޝަހީމު ވިދާޅުވީ ޝަރުޢީ ތަކުލީފުތަކުގައާއި ކުށްކުރުމުން ޢުޤޫބާތް ދިނުމަގައާއި، ހެޔޮ ޢަމަލުކުރުމުން ސަވާބުދެއްވުންފަދަ އިސްލާމްދީނުގެ އަސާސީ މަބާދިއުތަކުގައި ދެ ޖިންސުގެ މެދުގައި ތަފާތުތަކެއް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ނުވާ ކަމުގައެވެ.
ހަމައެހެންމެ ޤައުމު ބިނާކުރުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަގުން ކަމުގެ ޤާބިލުކަން ހުރި ޢިލްމީ އަންހެން ބޭފުޅުންނަށް އިންސާފުވެރި ފުރުޞަތު އޮތުމަކީ އިސްލާމީ ތަޞައްވުރެގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ޑރ.ޝަހީމު ވިދާޅުވިއެވެ. ހަމައެހެންމެ އެއީ އިސްލާމްދީނުގެ ޢަލަމީވަންތަކަން ކަށަވަރުވާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ.ޝަހީމު މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު ކުރިން މަސައްކަތްކުރެއްވި ޢަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރުގައި އޮންނަ އޮތުން ދަމަހައްޓައި ހަމައެކަނި ނައިބުރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރަށް އިސްލާހެއް ގެނެސްފައިވާ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
ޝަހީމު އިތުރަށް ވިދާޅުވީ އިސްލާމީ އުންމަތުގެ ތާރީޚުގެ އެކި މަރުހަލާތަކަށް ބަލާއިރު ޢިލްމީ އިޖުތިމާޢީ އިޤުތިޞާދީ އެކި ދާރިރާތަކުން އަންހެން ކަނބަލުން ކުރެއްވި އަގުހުރި ޚިދުމަތް ފެންނަ ކަމަށެވެ. އަދި އިސްލާމީ ޙަޟާރަތު ކުރިއެރީ ދެ ޖިންސުގެ ހިއްސާ އޮވެގެން ކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.