Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

ދިވެހި ރިސޯޓަކަށް އިންޑިޔާ ބޭންކުގެ އިންޒާރު

ދިވެހި ވިޔަފާރިވެރިއެއްގެ މިލްކިއްޔާތުގައި އޮތް ރިސޯޓަކަށް ސްޓޭޓު ބޭންކް އޮފް އިންޑިޔާއިން އިންޒާރުގެ ސިޓީއެއް ފޮނުވައިފިއެވެ. އެ ބޭންކުން އިންޒާރުގެ ސިޓީއެއް ފޮނުވާފައިވަނީ ޕާމް ބީޗް ރިސޯޓް އެންޑް ސްޕާއަށެވެ.
މި ރިސޯޓާއި ބޭންކުގެ މެދުގައި އުފެދިފައިވާ މައްސަލައަކީ މޮނާޒާ ކޮންސްޓްރަކްޝަނުން ނެގި ލޯނަކަށް އެ ރިސޯޓުގެ އޯނަރު ޖާމިނުވެވަޑައިގަތުމަށްފަހު، އެ ފައިސާ މޮނާޒާއަށް ނުދެއްކުމާ ގުޅިގެން އުފެދިފައިވާ ޚުޞޫމަތެކެވެ. މި މައްސަލާގައި އެސްބީއައިއިން ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުންވަނީ 40,343,117.63 (ސާޅީސް މިލިއަން ތިންލައްކަ ސާޅީސް ތިންހާސް އެއްސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ތިންލާރި) ރުފިޔާ ދައްކަން ރިސޯޓުގެ މައްޗަށް ހުކުމްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީކޮށް ދެ ފަރާތުންވަނީ ކޯޓުން ބޭރުގައި ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން ފައިސާގެ 10 އިންސައްތަ ދެއްކުމަށާއި، ދައްކަންޖެހޭ ފައިސާ ދައްކާނެ އިންވަސްޓަރެއް ހޯދުމަށާއި، އިންވެސްޓަރާއެކު އެމްއޯޔޫއެއް އެކުލަވައިލުމަށް އެއްބަސްވެވުނެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި 2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި 110،000 އެމެރިކާ ޑޮލަރު ބޭންކަށް ދެއްކުމަށްފަހު ރިސޯޓުން އެދިފައިވަނީ ބާކީހުރި ފައިސާ އެއްފަހަރާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
ނަމަވެސް ކޯޓުން ބޭރުގައި މި އަހަރު ފެބްރުއަރީ މަހު އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ބޭންކުން ކަންތައް ކުރާ ކަމުގައި ރިސޯޓަށް ޤަބޫލުކުރެވި އެކަމާ ގުޅޭ ގޮތުން ބޭންކަށް ލިޔުމުން އެކި ވާހަކަތައް ހުށަހަޅައި މަޝްވަރާކުރަމުން ދަނިކޮށް ނޮވެންބަރު މަހުގެ ތެރޭގައި ރިސޯޓު ވިއްކައިލަން ބޭންކުން ހުޅުވައިލިއެވެ. 137 ކޮޓަރީގެ ރިސޯޓު ވިއްކައިލަން ބޭންކުން ހުޅުވައިލީ 14 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ ރިސޯޓަކީ 70 މިލިއަނަށްވުރެ އަގުހުރި އިންވެސްޓުމެންޓެއް ކަމުގައި ރިސޯޓުން ބުނެއެވެ.
އެންމެފަހުން އެސްބީއައިއިން ރިސޯޓަށް ފޮނުވި މެއިލުގައި ބުނެފައިވަނީ، ރިސޯޓު ވިއްކައިލި ބީލަން ކާމިޔާބުކުރި ފަރާތުގެ ޓީމެއް މި މަހުގެ 5 ވަނަ ދުވަހު ރިސޯޓަށް ބޭންކުގެ ޓީމަކާއެކު ޑިއު ޑެލިޖެންސް ހެދުމަށް ދާނެ ކަމަށެވެ. އަދި އެއްވެސް ކަހަލަ ލަދުވެތިވަނިވި ޙާލަތެއް ކުރިމަތިވިޔަ ނުދިނުމަށް ރިސޯޓުގެ މުވައްޒަފުންނަށް އެންގުމަށެވެ. އެއާއެކު ރިސޯޓުގެ ހުރިހާ އިމާރާތްތަކެއްގެ ތަޅުދަނޑިތައް ރިސޯޓުގައި ބެހެއްޓުމަށާއި އެ ހުރިހާ އެސެޓުތަކެއް ބީލަން ކާމިޔާބުކުރި ފަރާތުގެ ޓީމަށް ދެއްކުމަށް މުވައްޒަފުންނަށް އިރުޝާދު ދިނުމަށެވެ.
އަދި ރިސޯޓުގެ ތަޅުދަނޑި ރިސޯޓުގައި ބަހައްޓަން އުދަގޫވާނަމަ އެންމެ ކައިރީގައި ހުރި ފުލުސް ސްޓޭޝަނަކަށް ހަވާލުކުރުމަށްފަހު އެންގުމަށާއި އެއިރުން ބޭންކުން ތަޅުދަނޑިތައް ފުލުހުން މެދުވެރިކޮށް ހަވާލުވެދާނެ ކަމުގައިވެސް އެ މެއިލުގައި ބުނެފައިވެއެވެ. އެސްއައިބީގެ ސީނިއާ ވައިސް ޕްރެޒިޑެންޓު ސޮއިކުރައްވައި ފޮނުއްވި މެއިލުގައި ދިވެހި ފުލުހުން މެދުވެރިކޮށް ރިސޯޓުގެ އިމާރާތްތަކާއި އޮފީސްތަކުގެ ދޮރުތައް ސުންނާފަތިކޮށްގެން ވަންނަން ފުރުޞަތު ނުދިނުމަށް އިންޒާރުކޮށްފައިވެއެވެ.
މީގެ ކުރިންވެސް މި މައްސަލައާ ގުޅިގެން ޕާމް ބީޗް ރިސޯޓުން ނެރުނު ބެޔާން ބައެއް ނޫސްތަކުން ކަވަރުކުރުމުން އެސްބީއައިއިން އެ ނޫސްތަކަށް މެއިލުކޮށް އެ ޚަބަރު ނަގަންވެސް ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ