Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ނިކަލޯ މަކިއަވެލީގެ "ދަ ޕްރިންސް": ސިޔާސީންގެ އަތްމަތީ ފޮތް

ކޮންމެ ފަންނެއްގެ މީހުންވެސް އެ ފަންނެއްގެ މަސައްކަތްކުރުމުގައި ތަބާވާ އުޞޫލުތަކަކާ ހަމަތަކެއް ހުރެއެވެ. އެ ފަންނެއްގައި ހަރަކާތްތެރިވުމުގައި ގެންގުޅޭ މިންގަނޑުތަކެއްވެސް ހުރެއެވެ. ބައެއް މިންގަނޑުތަކަކީ އެއީ އޭގެ ޒާތުގައި ރަނގަޅު ނުވަތަ ރަނގަޅު ނޫން މިންގަނޑުތަކެއް ކަމުގައި އެކި މަންޒޫރު (ޕާސްޕެކްޓިވް)އިން ބެލުމުން ފެނިދާނެއެވެ. އެ އުޞޫލުތަކާއި ހަމަތަކުގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާނީ އެ އުޞޫލުތަކާމެދު ފިކުރު ހިންގާ މީހެއްގެ ޟަމީރާއި ޤަބޫލުކުރުންތަކުގެ ދުރުމިން އެ އުޞޫލުތައް ބެލުމަށް ފަހުގައެވެ.

ކޮންމެއަކަސް ސިޔާސި މަސައްކަތަކީވެސް ފަންނެކެވެ. ވެރިކަންކުރުމާއި ސިޔާސީ ވާދަވެރިންނާ ވާދަވެރި މާހައުލެއްގައި ކުރިމަތިލައި ކާމިޔާބު ހޯދުމަކީ ހުނަރުތަކަކަށް ބޭނުންވާ ކަމެކެވެ. މި ދެންނެވުނު ދާއިރާގައި ކަންކަން ކުރަންވާ ގޮތާ ގުޅޭ ގޮތުން ވަރަށް ބައިވަރު ފޮތް ލިޔެވިފައި އެބަހުއްޓެވެ. ނަމަވެސް އިޓަލީގެ ފަލްސަފާވެރިޔާ އަދި ސިޔާސީ މުފައްކިރު ނިކޮލޯ މަކިއަވެލީގެ "ދަ ޕްރިންސް"އަކީ މި ދެންނެވި ފޮތްތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެންމެ މުހިއްމު އަދި އެންމެ ގިނަ ބައެއްގެ ފިކުރު ބައްޓަންކުރި ފޮތް ކަމުގައި ދެންނެވިދާނެއެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗާއާއި، ޓޯނީ ބްލެއާ އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފަދަ ބޭފުޅުން މި ފޮތް ވިދާޅުވާ ކަމަށް އެ ބޭފުޅުން ގާތުގައި މަސައްކަތްކުރެއްވި މުސްތަޝާރުންނާއި އެހީތެރިން ވިދާޅުވެއެވެ.

ނިކޮލޯ މަކިއަވެލީ: ފޮތް ލިޔުއްވީ މަޤާމަށް އަނބުރާ ވަޑައިގަތުމަށް

މަކިއަވެލީ ދުނިޔޭގެ އަލިކަން ދެކަވަޑައިގަތީ 1469 ވަނަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހުގައި އިޓަލީގެ ފްލޮރެންސްގައެވެ. އެ ސިޓީއަކީ އިޓަލީގެ ރިނައިސޭންސް ނުވަތަ ޙަޟާރީ އައު ހޭލުމުގެ ޙަރަކާތުގެ މައި ކޯއްޓޭއެވެ. ފްލޮރެންޓީނުގައި ޤާއިމުކުރެވުނު ޖުމްހޫރިއްޔާގެ ސެކްރެޓަރީކަން އޭނާ ކުރެއްވިއެވެ. އޭނާވީ މޮޅު ކުޅަދާނަ ޑިޕްލޮމެޓެއް ކަމުގައެވެ. އޭނާގެ ފޮތް "ދަ ޕްރިންސް"ގެ ސަބަބުން މުލްޙިދެއް ކަމުގައާއި، ދުނިޔެއާމެދު ވަރަށް އަނދިރި ގޮތަކަށް ދެކެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި އޭނާ މަޝްހޫރުވިއެވެ.

މަކިއަވެލީ ފްލޮރެންސްގެ ޗާންސެލަރީއަށް އައްޔަންކުރެވުނީ ފްލޮރެންސްގައި ވެރިކަންކުރަމުން އައި މެޑީޗީ ޢާއިލާގެ ބާރު ކަނޑުވައިލި އިންޤިލާބަށްފަހު ޤާއިމުކުރެވުނު ޖުމްހޫރިއްޔަތުގައެވެ. އޭނާގެ މަސައްކަތުގައި ދެއްކެވި ޤާބިލުކަމާއި ކުޅަދާނަކަމުގެ ސަބަބުން ފްލޮރެންސްގެ ފަރާތުން އަދާކުރަންޖެހުނު މުހިއްމު އެތައް ޒިންމާއެއް އޭނާއާ މަތިކުރެވުނެވެ. އެގޮތުން 1503 ވަނަ އަހަރު ޕޯޕް ޖޫލިއަސް 2 މަޤާމަށް އައްޔަންކުރި ރަސްމިއްޔާތުގައި ފްލޮރެންސްގެ ނާއިބެއްގެ ގޮތުގައި ވަޑައިގެންނެވީވެސް މަކިއަވެލީއެވެ. މި ދުވަސްވަރު ފްލޮރެންސްއިން ކުލީ ސިފައިންގެ މައްޗަށް ބަރޯސާވާވުން ނިމުމަކަށް ގެނެސް މިލިޝިއާއެއް އުފެއްދުމުގެ މަޝްވަރާއެރުވި ބޭފުޅަކީވެސް މަކިއަވެލީއެވެ.

ނަމަވެސް 1512 ވަނަ އަހަރު ފްލޮރެންސްގެ ޖުމްހޫރިއްޔާ ނިމުމަކަށް ގެނެވި މެޑީޗީ އާއިލާގެ އަތްމައްޗަށް ބާރުތައް ފުރޮޅިގެން ދިޔައެވެ. އެ ބަދަލަށްފަހު މަކިއަވަލީ ހައްޔަރުކުރެއްވި ޖަލަށްލެވި އޭނާއަށް ގިނަ އަނިޔާ ދެވުނެވެ. އެއަށްފަހު އޭނާ ނުހަނު ލޯބިވެވަޑައިގެންނެވި ފްލޮރެންސުން ބޭރުކޮށް އަރުވައިލެއްވުނެވެ.

މަކިއަވެލީގެ މަޝްހޫރު ފޮތް "ދަ ޕްރިންސް" ހަދިޔާކުރެއްވީ އެއިރު ފްލޮރެންސްގެ ވެރިއަކަށް ހުންނެވި ލޮރެންޒޯ ޑި ޕިއޭރޯ ޑެ މެޑީޗީއަށެވެ. ބުނެވޭ ގޮތުގައި އެ ފޮތް ތައުލީފުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މެޑީޗީ އާއިލާގެ އަދި ޚާއްޞަކޮށް ލޮރެންޒޯގެ ރުހުން ހޯއްދެވުމެވެ. ނަމަވެސް އެކަމެއް ނުކުރެއްވުނެވެ. އޭގެ އަހަރުތަކެއް ފަހުން ކާޑިނަލް ގޫލިއޯ ޑެ މެޑީޗީއަށް މަކިއަވެލީ ތަޢާރަފުކުރެއްވީ ފްލޮރެންސްގެ އެންމެ މުއްސަނދި އެއް ޢާއިލާގެ ވެރިޔާ ލޮރެންޒޯ ސްޓްރޮޒީއެވެ. ކާޑިނަލް ގޫލިއޯގެ ވެރިކަމުގައި މަކިއަވެލީއަށް އެކި މިންވަރުގެ ޒިންމާތައް ހަވާލުކުރިއެވެ.

މަކިއަވެލީ ދުނިޔެ ދޫކުރެއްވީ 1527 ވަނަ އަހަރުގައި އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައި އެ އާލާސްކަންފުޅުގައެވެ. އޭނާ ދުނިޔެ ދޫކުރެއްވިތާ އެތައް ސަތޭކަ އަހަރެއް ފަހުންވެސް އޭނާ ލިޔުއްވި ފޮތްތަކާއި ދުނިޔެއާ ހިއްސާކުރެއްވި ފިކުރުތަކުގެ އަސަރާއި ބާރު ހީނަރުވުމެއްނެތި ކޮންމެ ޖީލެއްގައިމެ ފެންނަމުން ފާޅުވަމުންދެއެވެ.

"ދަ ޕްރިންސް": އިންސާނީ ޠަބީޢަތުގެ އަލީގައި ލިޔެވުނު ޢަމަލީ އިރުޝާދުނާމާ

މަކިއަވެލީގެ ކުރިންވެސް ސިޔާސީ މުފައްކިރުން ފޮތްތައް ލިޔުއްވާފައިވެއެވެ. ގުރީސްގެ ފަލްސަފާވެރިޔާ ސޮކޮރޭޓްސްއިން ފެށިގެން މަސީޙީ މުފައްކިރުން އަދި އިސްލާމީ މުފައްކިރުންވެސް ސިޔާސީ ފޮތްތައް ލިޔުއްވާފައިވެއެވެ. ގުރީސްގެ ޤަދީމީ ފަލްސަފާގައި ސިޔާސީ ވެރިންގެ އަމަލުތަކުގެ މިސްރާބު އަމާޒުކުރާ ސަމުގާއަކީ "ވާޗޫ" ނުވަތަ ހެޔޮ ޞިފަތަކެވެ. އެއީ އަޚުލާޤީ އަދި ސުލޫކީ ގޮތުންވެސް ހެޔޮ ޞިފަތަކެވެ. ކަންކަން ނިންމުމުގައި ބަލަންޖެހެނީ ކަން އޮންނަންވީ އެންމެ ރަނގަޅު ގޮތަށެވެ.

މަސީޙީ ދީނުގެ ފަލްސަފާވެރިންގެ ލިޔުއްވުންތަކަށް ބަލާއިރު ޤިއްދީސް ތޯމަސް އަކުއިނާސް އަދި ޤިއްދީސް އޮގަސްޓީން ފަދަ މުއައްލިފުންގެ ލިޔުއްވުންތަކުގައި ސިޔާސީ މަސައްކަތުގެ ނާރެހެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ހެޔޮ ރަނގަޅު ގޮތްތަކަށް ކަންކުރުމެވެ. އިސްލާމީ ޙަޟާރަތުގެ މުފައްކިރުންގެ ތެރެއިން ނިޡާމުލް މުލްކާއި އަލްމާވަރުދީ ފަދަ ބޭފުޅުންގެ ސިޔާސީ ފަލްސަފާގެ އަސާސަކީވެސް އެއީއެވެ. ދީނުގެ އަޞްލުތަކާއި އުޞޫލުތަކުގެ ތެރެއިން ހެޔޮ ގޮތުގައި ކަންކުރުމެވެ. ކަން އޮންނަންވީ ރަނގަޅު ގޮތަށް ކަންކުރުމެވެ.

ޕެލޭޓޯގެ "ރިޕަބްލިކް"އާއި ޤިއްދީސް އޮގަސްޓީންގެ "ސިޓީ އޮފް ގޯޑް" ފަދަ ފޮތްތަކާއި މަކިއަވެލީގެ "ދަ ޕްރިންސް" ތަފާތުވަނީ އެ ފޮތުގެ އަސާސް ތަފާތުވުމުންނެވެ. ކަން އޮންނަންވީ ގޮތުގެ މައްޗަށް އެ ފޮތްތައް ލިޔެވިފައިވާއިރު، މަކިއަވެލީގެ ފޮތުގެ އަސާސަކީ ކަން އޮތް ގޮތެވެ. ޙަޤީޤީ ޙާލަތެވެ. ހުވަފެނީ ދުނިޔެއެއް ނުވަތަ ކަންވުމަށް އެދެވިގެންވާ ގޮތެއް ނޫނެވެ. މި ދެންނެވި ސަބަބަށްޓަކައި މަކިއަވެލީގެ ފޮތަކީ މި ޒަމާނުގެ ޕޮލިޓިކަލް ސައެންސްގެ ތައުސީސީ ފޮތް ނުވަތަ ބިންގާ ކަމުގައި ގިނަ މުފައްކިރުން ޞިފަކުރައްވައެވެ.

މަކިއަވެލީ ފޮތުގައި ވެރިންނާ މުޚާޠަބުކުރައްވަނީ ވެރިންގެ ޠަބީޢީ ބޭނުންތަކަށް ރިޢާޔަތްކުރައްވައިގެންނެވެ. ވެރިކަން ދެމެހެއްޓުމާއި ބާރު ނެގެހެއްޓުމަކީ ވެރިންގެ ޠަބީޢަތުގައި އެ މީހުން އެންމެ ބޭނުންވާ ކަންތަކެވެ. ހަމައެހެންމެ ވެރިން ރައްޔިތުންނާ މުއާމަލާތްކުރަންވީ ގޮތް ބަޔާންކުރައްވަނީ ރައްޔިތުންގެ ޠަބީޢަތަށް ރިޢާޔަތްކުރައްވައިގެންނެވެ. އެހެންކަމުން މުޅި ފޮތުގެ ނާރެހަކީ އިންސާނީ ޠަބީޢަތް ކަމުގައި ބުނެވިދާނެއެވެ.

ފޮތުގެ ޚުލާޞާއެއް: ހުރިހާ އަމަލެއްގެ ފަހަތުގައި އޮންނަނީ ޟަރޫރަތު

މަކިއަވެލީގެ ފޮތުގައި އަމީރުން ދެބައަކަށް ބައްސަވައެވެ. އެއީ ވާރުތައިން ވެރިކަން ލިބިވަޑައިގަންނަވާ އަމީރުންނާއި އަމިއްލައަށް ވެރިކަން ހޯއްދަވާ އަމީރުންނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަން ހޯދަން އުދަގޫވި މިންވަރަކުން ވެރިކަން ދަމަހައްޓަން ފަސޭހަވެއެވެ. ސަބަބެއް ކަމުގައި ވިދާޅުވަނީ އަލަށް ވެރިކަން ލިބިވަޑައިގަންނަވާ ބޭފުޅެއް ދެކެ އާންމުން ގަންނަ ބިރަކީ ވާރުތައިން ވެރިކަން ލިބިވަޑައިގަންނަވާ އަމީރަކު ދެކެ ރައްޔިތުންވާ ލޯތްބަށްވުރެ ބާރުގަދަ އިހުސާސަކަށް ވުމެވެ.

އެގޮތުން މަކިއަވެލީ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަދަދާއި ތާއީދު އޮންނާނެ ކަމަށް ކުރާ ވަޢުދަށް އިތުބާރުކުރާ ވެރިންނަކީ ނާކާމިޔާބުވާނެ ވެރިންނެވެ. ނަމަވެސް ވެރިޔާގެ އަދަބު އަބަދުވެސް ކޮންމެ ވަގުތެއްގައިވެސް ބައްދަލުކޮށްފާނެ ކަމުގައި އިހުސާސްވަނިވި ވެރިންނަކީ ކާމިޔާބު މީހުންނެވެ. ވެރިންގެ ފަރާތުން އަންނަ އަދަބަކީ ކޮންމެހެން އަނިޔާވެރި އަދަބެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. ޓޯނީ ބްލެއާ ސަރުކާރުގައި ކެބިނެޓު ދޭތެރެއަކުން ފުރޮޅައިލުއްވާ ލުއްވުމަކީ އޭނާގެ ނިންމުންތަކަށް ވަޒީރުން ސިހުންކުރެއްވުމަށް ކުރެއްވި ކަމެއް ކަމުގައި އޭނާގެ ސިޔާސީ މުޝީރު ވިދާޅުވެފައިވެއެވެ. މިއީވެސް މިދެންނެވި މަގުން ކަންކުރުމުގެ އުކުޅެކެވެ.

މަކިއަވެލީގެ ނަޒަރުގައި އަމީރުންގެ ނިންމުންތަކުގެ ފަހަތުގައި އޮންނަނީ އަބަދުވެސް ޟަރޫރަތެވެ. ނުވަތަ އިނގިރޭސި ބަހުން ދަންނަވަނީނަމަ، "ނެސެސިޓީ"އެވެ. އެހެން ޙާލަތްތަކުގައި އަޚުލާޤީ ގޮތުން ނުރަނގަޅު ކަންކަން ކަމުގައި ބެލެވޭ އަމަލުތައް މަކިއަވެލީގެ ނަޒަރުގައި ރަނގަޅު ކަންކަން ކަމުގައިވަނީ ޟަރޫރަތު އެކަމަށް ނިޔާކުރާތީއެވެ. އެހެންކަމުން މަކިއަވެލީ ވަކި ފަރުވާތަކެއް ހުށަހެޅުއްވުމުގެ ބަދަލުގައި ހުށަހުޅައްވަނީ ވަރަށް ފުޅާ ޢާންމު ހައްލުތަކެވެ. އެއީ ޙާލަތާއެކު އެ ފަރުވާއާއި ހައްލުގެ ތަފުސީރު މުޅިން ބަދަލުވަނިވި ކަންކަމެވެ.

މަކިއަވެލީގެ ފޮތުގައިވެސް "ވާޗޫ" ނުވަތަ ހެޔޮ ޞިފަތަކަށް އަލިއަޅުވައިލައްވައެވެ. އޭނާގެ ނަޒަރުގައި އެއީ ކޮންމެ ވެރިއެއްގެވެސް އަމިއްލަ ކަމެކެވެ. އެ މީހެއްގެ ހެޔޮ ޞިފަތައް ބިނާވަނީ އެމީހެއްގެ މައްޗަށެވެ. މަކިއަވެލީ ދެކެވަޑައިގަންނަވާ ގޮތުގައި ވެރިން އެންމެ ފުރަތަމަ ބަރޯސާވާންޖެހޭ ހެޔޮ ޞިފައަކީ ހަނގުރާމައިގެ ފަންނުތަކުގެ ޞިފަތަކެވެ. އެއީ ފަޚުރަކީ ވެރިން އޭގެ ޒާތަށްޓަކައި ޙާޞިލުކުރުން އަދައިގެން މަސައްކަތްކުރަންޖެހޭ ކަމެކެވެ. ސަލާމަތާއި އަމްނަށްވުރެވެސް މުހިއްމީ ފަޚުރެވެ. "ގްލޯރީ"އެވެ.

މަކިއަވެލީގެ ނަޒަރިއްޔާގައި ސިޔާސީ މީހުންގެ ކިބައިގައި ހުންނަ ވާޗޫއަކީ ވެރިކަން ދެމެހެއްޓުމަށް އޮންނަ ވަސީލަތެކެވެ. ވެރިކަން ދެމެހެއްޓުމަށް ޓެކުސް ނެގުމަކީ ރައްޔިތުންގެ ނުރުހުން އަމާޒުވެދާނެ ކަމެކެވެ. ނަމަވެސް އެއީ ޟަރޫރަތެކެވެ. އަނިޔާވެރިވުމަކީ ނުވަތަ ނުލަފާވުމަކީވެސް ނުރުހެވޭ ޞިފައަކަށްވެދާނެއެވެ. ނަމަވެސް އެއީވެސް ވެރިކަން ނެގެހެއްޓުމަށް ޟަރުރީ ކަމެކެވެ. ހެޔޮ ގޮތުގައި އެކަން ބޭނުންކުރެވޭނަމަ އެއީ މައްސަލައެއް ނޫނެވެ. އަދި ވެރިއެއްގެ ހެޔޮ ޞިފަތަކުގެ ބޭނުމަކީ އޭނާގެ ޝުހުރަތު ރަނގަޅު ކުރުމެވެ. އެއީވެސް ވެރިކަން ނަގަހައްޓަން ބޭނުންކުރާ އާލަތެކެވެ.

ވާޗޫ ނުވަތަ ހެޔޮ ޞިފަތަކުގެ ބޭނުމެއް ކަމުގައި މަކިއަވެލީ ދެކެވަޑައިގަންނަވާނީ އިންސާނުންގެ ކަންކަމުގެ މައްޗަށް އޮންނަ ނަސީބުގެ ބާރު ކުޑަކުރުމެވެ. އެގޮތުން އިންސާނީ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައިގެ މައްޗަށް ބާރުފޯރުވަނީ ނަސީބު ކަމުގައި މަކިއަވަލީ ދެކެވަޑައިގަންނަވައެވެ. މަކިއަވެލީގެ "ވާޗޫ"ގެ މަފުހޫމަކީ އިހުއްސުރެ އިސްތިޤުރާރުވެފައިވާ އިޢުތިޤާދުގެ މައްޗަށް ބިނާވެފައިވާ ހެޔޮ ޞިފަތަކާ އެކީގައި ވުޖޫދުވާ "ކޯ އެގްޒިސްޓު"ވަނިވި ޞިފަތަކެކެވެ.

މަކިއަވެލީގެ ނަޒަރިއްޔާގެ އަސަރު

މަކިއަވެލީގެ ނަޒަރިއްޔާގެ އެންމެ މުހިއްމު އެއް އަސާސަކީ ސިޔާސަތާމެދު ދެކޭ ގޮތަށް އައި ބޮޑު ބަދެލެވެ. ސިޔާސަތުގެ ނާރެހުގެ ގޮތުގައި އަޚުލާޤިއްޔަތާއި ހެޔޮ ޞިފަތައް އޮތް އޮތުން ނިމުމަކަށް އައިސް، ބާރަކީ ސިޔާސަތުގެ ނާރެސް ކަމުގައި އެންމެން އިއުތިރާފުވުމެވެ. މި ޒަމާނުގެ މުފައްކިރުން ވިދާޅުވާ ގޮތުގައި ސިޔާސީ މަސައްކަތަކީ ބާރު ހޯދުމަށާއި ދެމެހެއްޓުމަށް ކުރާ މަސައްކަތެކެވެ.

އަނެއް ކަމަކީ މިއަދު ސިޔާސީ މީހުން އެ މަސައްކަތުގައި ގެންގުޅޭ އުސްލޫބުތަކުގެ އަސާސްތައް މަކިއަވެލީގެ ފޮތުގައި އެކުލެވިފައިވުމެވެ. އެއީ ބިރުގެ ބޭނުންކުރުމެވެ. ދެއްކުންތެރިކަމުގެ ތެރެއިން ލޯބި ޙާޞިލުކުރުމުގެ ސަޤާފަތެވެ. މަކިއަވެލީގެ ފޮތުން އެންމެ ނުފޫޒު ގަދަ މަފުހޫމެއް ކަމުގައިވީ ކުރު ޢިބާރާތެކެވެ. އެއީ ކަންކަމުގެ މަޤުޞަދުތަކާއި ޙާޞިލުކުރަން އެދޭ އަމާޒުތައް ރަނގަޅު ނަމަ، އެކަމަށް ބޭނުންކުރާ ވަސީލަތް ބަރީއަވާނެ ކަމުގައި ވިދާޅުވި އިބާރާތެވެ.

މި ލިއުމާއި ގުޅޭ