Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ޖުޑިޝަރީގެ މިނިވަންކަމަށް ސިޔާސީ ހިޔަނި

މިނިވަން ޖުޑިޝަރީއަކަށް ދިވެހިން ކުރީ ވަރަށް ފޮނި އުއްމީދުތަކެކެވެ. އެކަން ޙާޞިލްކުރުމަށްޓަކައި ގިނަގުނަ މަރުހަލާތަކެއްވެސް ކަނޑައްތުކޮށްފި އެވެ.

އެންމެ ކުރީއްސުރެން ފެށިގެންވެސް ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމުގައި ފަނޑިޔާރުގެއަކީ އެންމެ މުހިއްމު އެއް އުންސުރެވެ. އެންމެ ކުރީ ޒަމާނުގައި، ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމުގެ ތެރޭގައިވެސް، ފަނޑިޔާރު މަނިކުފާނުގެ މިނިވަންކަން އޮތީ ދަމަހައްޓާފަ އެވެ.

އެހެންނަމަވެސް، އެކި ޒަމާންތަކުގައި އައިސްފައިވާ ބަދަލުތަކުގެ ތެރެއިން ދުސްތޫރީ ވެރިކަމަކަށް 1932 ގައި ރާއްޖެ ފުރޮޅިގެންދިޔަފަހުން، ފަނޑިޔާރުގޭގެ މިނިވަންކަމަށް ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން އައި ގޮންޖެހުންތައް ފެންނަން އެބަހުއްޓެވެ. ބޮޑު ބަހުސްތަކަކަށްފަހު 2008 ގައި ވުޖޫދަށް ގެނައި ޤާނޫނު އަސާސީއަކީ ގިނަ ބަޔަކު އުއްމީދުކުރި ފަދަ ޒަމާނީ، ހުރިހާ މިންގަނޑަކަށް ފެތޭ ވަރަށް ޖުޑިޝަރީގެ މިނިވަންކަމާއި ފަރުދުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ޤާނޫނު އަސާސީއެކެވެ.

ޖުޑިޝަރީގެ މިނިވަންކަމާ މެދު އާ ސުވާލުތަކެއް

މީގެ އިތުރުން، އާ ޤާނޫނު އަސާސީއާއިއެކު ސުޕްރީމް ކޯޓެއް ވުޖޫދަށް އައިސް، އެ ކޯޓަކީ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިޞާސް ލިބިގެންވާ ކޯޓަކަށްވުމާއި، ޤާނޫނުގައި އޮތްކަމެއް ސާފުކުރުމަށް ސީދާ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހަށްވެސް ލިބިގެންދިޔަ އެވެ.

ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައި ތިން ބާރު ސާފުކޮށް ވަކިކޮށް، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރަކީ ކޯޓުތަކުގެ ބާރެއް ކަމަށް ކަނޑައެޅުނެވެ. މިކަން އިތުރަށް ތަފްޞީލުކުރުމުގެ ގޮތުން، ޤާނޫނު އަސާސީގެ 6 ވަނަ ބާބުގައި، 141 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ފަރުދުން ހިމެނޭގޮތުން ދައުލަތުގެ އެއްވެސް ފަރާތަކުން ކޯޓުތަކުގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެން ނަމަވެސް، ކޯޓުތަކުގެ މިނިވަންކަމާމެދު މިއަދު އަލުން ސުވާލު އުފެދެނީ ކީތްވެތޯ އެވެ؟ އެއީ ޤާނޫނު އަސާސީގައި ހުރި އުނިކަމަކުން އުފެދިގެން އުޅޭ ސުވާލެއްބާ އެވެ؟

މި ސުވާލުތަކުގެ ޖަވާބު ލިބިފައިވަނީ، މިނިވަންކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް ޤާނޫނު އަސާސީގައި ތަރުތީބުވެފައިވާ ގޮތުންނެވެ. އެއީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ ދަށުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އެކަށައެޅިގެންވާގޮތުން އުފެދިގެން އުޅޭ ތަޣައްޔަރުވުމެކެވެ. ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ސިޔާސީ ފަރާތްތަކާއި އަމަލީގޮތުން ހަރަކާތްތެރިވާ ޤާނޫނީ ވަކީލުން ހިމެނުމުގެ ސަބަބުން އުފެދިގެން އުޅޭ ގޯހެކެވެ.

އެއްވެސް ހާލެއްގައި ދުޞްތޫރުގެ ދެން ހުރި މާއްދާތަކުން ކަށަވަރުކުރަން ބޭނުންވާ މިނިވަންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާއަށް ސިޔާސީގޮތުން ވަކިއަތަކަށް ޖެހިފައި ތިބޭ މެމްބަރުންނާއި، ރައީސުލްޖުމްޙޫރިއްޔާ އައްޔަންކުރާ މެމްބަރުންނާއި، ކެބިނެޓުގައި އިންނަވާ ބަންޑާރަނާއިބުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އުފެދިފައިވާ ކޮމިޝަނަކުން ލިބޭނީ ކޮން މިނިވަންކަމެއްތޯ އެވެ؟ ޝައްކެއްވެސް ނެތްގޮތުގައި މިކަން މިހެން އޮތްހާ ހިނދަކު މިނިވަންކަން ވެގެންދާނީ ވަރަށް ސަބްޖެކްޓިވް ކަމަކަށެވެ.

ޙައްލު އޮތްގޮތް

ޤާނޫނު އަސާސީގެ 7 ވަނަ މާއްދާ އާއި 141 ވަނަ މާއްދާގައި ފަނޑިޔާރުގޭގެ މުސްތަޤިއްލު ވާހަކަ ކިތަންމެ ވަރަކަށް ލިޔުނަސް އަދި ނުފޫޒުފޯރުވައިގެން ނުވާނެކަމަށް އެންމެހާ ފަރާތްތަކަށް އިންޒާރުކުރިޔަސް، ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އޮތްގޮތުން އެ މިނިވަންކަން ކަށަވަރުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ޤާނޫނު އަސާސީގެ މި މާއްދާ އިޞްލާޙުކޮށް، ޖޭއެސްސީއިން ސިޔާސީ އެންމެހާ ފަރާތްތަށް ވަކިކުރަންޖެހެ އެވެ. ޖުޑިޝަރީގެ މިނިވަންކަމަށް އޮތް މި ދާއިމީ ނުރައްކާ ނިމުމަކަށް ގެނައުމަށް އެމްޑީޕީއިން ވައުދުވުމުން އެކަމަށް ބޭނުންވާ މަޖިލީހުގެ މެޖޯރިޓީވެސް އޮތީ އެ ޕާޓީއަށް ދީފަ އެވެ. އިތުރަށް ދައްކާނެ ބަހަނާއެއް އަދި ޙުއްޖަތެއް ނުވަތަ ދަލީލެއް މިކަމުގައި ނެތްކަން ކަށަވަރެވެ.

ކޮންމެ ވެރިކަމަކާއިއެކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބާރުތައް ތަރުތީބުވާ ގޮތަކަށް ކޯޓުތަކަށް ބިރުވެރިކަން ވަދެގެންދާނެކަމީ ޙަޤީގަތެކެވެ. ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން މިއަދު އެއްގޮތަކަށްވެސް ފިލައިގެން ނުދެ އެވެ. ކުރީގެ ޖަސްޓިސް މިނިސްޓްރީއިން ފަނޑިޔާރުގެ ބެލެހެއްޓިއިރުވެސް ނެތް ބިރުވެރިކަން މިހާރު ޖޭއެސްސީގެ ތެރެއިން ފަނޑިޔާރުގެއަށް ކުރިމަތިކުރެ އެވެ. ޖޭއެސްސީގައި މިހާރު އެ ތިބީ އެތަކެއް ޖަސްޓިސް މިނިސްޓަރުންނެވެ.

ބޭނުންވާއިރަށް ބޭނުންވާ ފަނޑިޔާރަކާއިމެދު ބޭނުންގޮތަކަށް ފިޔަވަޅު އެޅިގެންދެ އެވެ. ތަޙްޒީބީ ރާއްޖޭގައި ވަކާލާތުކުރި ވަޒީފާގެ ރައްކާތެރިކަން އޮތީ ކިހާ ހިސާބެއްގައި ކަމާއިމެދު ސީރިއަސް ސުވާލުތައް މިހާރު އުފެދެ އެވެ. ތަޙްޤީގުތައް ކުރަނީ ނަމެއްގަ އެވެ. އެންމެ ކުޑަމިނުން ތިމާގެ ދިފާޢު ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހަނިކޮށްފަ އެވެ. ޑިސިޕްލިނަރީ ފިޔަވަޅު އަޅަނީ ކޮންކަމެއް ކޮށްގެންކަމެއް އެކަކަށްވެސް ނޭނގެ އެވެ.

ޢާއްމު ވިސްނުމުން ވިސްނާނަމަ، މީހަކު ގޯހެއް ހަދާފައިވާނަމަ މައްސަލަތައް ބަލަން ފަނޑިޔާރަކާއި ހަވާލުކޮށްގެން ނުވާނެ އެވެ. އެއީ ފުރަތަމަ ނިންމަންޖެހޭނީ ގޯސްކަމެއް ކަމަށްވާތީ އެވެ. އޭނާގެ މައްޗަށް އުފެދުނު ތުޙުމަތަށް ޖަވާބުދީ ބަރީޢަވާންޖެހެ އެވެ.

އެހެން ނަމަވެސް، އެހެން ވާތަން ނުފެންނަކަން ރައީސް ޢަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ގާޟީ ހައިލަމް އާއިމެދު ޢަމަލްކުރިގޮތުން ފެނިގެންދިޔަ އެވެ. މައްސަލަ ބަލަން ފެށިއިރުވެސް އޭނާގެ މައްޗަށް ތުޙްމަތުތަކެއްކޮށް ޑިސިޕްލަނަރީ ފިޔަވަޅު އޮތީ ރަޖިސްޓާކުރެވިފަ އެވެ. އިސާހިތަކު އަޑުއެހުން ނިމުނުތަނާހެން، ޙުކުމް އަންނަ ގޮތާއިމެދު ސަރުކާރަށް ޝައްކުވި ހިސާބުން، ދެން ފެނިގެންދިޔައީ އޭނާ ވަކިކުރިތަނެވެ. ވަކި ޙުއްޖަތެއް ކުރިމަތިކުރި ނަމަވެސް، ބަލަމުންދިޔަ މައްސަލައިން ޙުކުމްކުރުމުން އެއްފަރާތްވާފަދަ ކަމެއް ކާޓޫނެއް ހިއްސާކޮށްގެން ވީކަމަކަށް އެކަކުވެސް ޤަބޫލެއް ނުކުރެ އެވެ.

އަޞްލު ޙަޤީގަތަކީ، ފަނޑިޔާރުގޭގެ މައްޗަށް ސަރުކާރުގެ އިތުބާރު ގެއްލިގެން ދިއުމެވެ!
އެހެންކަމުން، ޙައްލު އޮތީ ގޯސް އުފަންވާ ދޮރުލައްޕައިގެންނެވެ. ޝަރުޢީ ޤާއިދާއެއްގައިވެ އެވެ. "ސައްދުއް ޒަރާޢިއު" ނުވަތަ ގޯސް ކަންތަކަށް އޮންނަ މަގު ބަންދުކުރުމަކީ ޝަރުޢީ ޤާއިދާއެކެވެ. މިހާރު އެ ދޮރަކީ ޖޭއެސްސީ އެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ ފަސާދައަށް އޮންނަ މަގު ބަންދުކުރުމެވެ.

ތެދު ނިޔަތް ނެތުން

ޖުޑިޝަރީގެ މިނިވަންކަމަށް އޮތް ނުރައްކަލުގެ އެންމެ ސާފު މިސާލު ފެނިގެންދިޔައީ، މަޝްހޫރުވެގެންދިޔަ ޢަބްދުﷲ ގާޟީގެ މައްސަލައިންނެވެ. ރައީސް މުޙައްމަދު ނަޝީދުގެ އޯޑަރަށް ގާޟީ ހައްޔަރުކުރެވުނު ހިސާބުންނެވެ.

އެކަމުގެ ތެރޭގައި ކަންހިނގާފައިވާގޮތް އެނގިގެން ދިއުމަކީ، ތާރީޚަށްޓަކައި މުޙިއްމުކަމެކެވެ. ރައީސް ނަޝީދުގެ ވެރިކަމަށް ފާޑުކިޔަމުންދިޔަ އެންމެންހެން، އެ މަނިކުފާނުގެ ޢަމުރުފުޅަށް ހައްޔަރުކުރި އެވެ. އެންމެ ހަފްތާއެއްގެ ތެރޭގައި 5 ފަހަރު އަޅުގަނޑުވެސް ހައްޔަރުކުރި އެވެ. ރައީސް ޔާމީން އާއި އޮނަރަބަލް ޤާސިމް އިބްރާހީމްވެސް ހައްޔަރުކުރި އެވެ. މި އެންމެންނަކީވެސް، ރައީސް ނަޝީދުގެ ވެރިކަމުގައި ޗާޓުން ބޭރުން އެ މަނިކުފާނު ހިންގެވި އަނިޔާވެރި ޢަމަލްތަކުގެ ޝިކާރައަކަށްވީ މީހުންނެވެ.

އަޅުގަނޑުމެން އެންމެންވެސް ހަބޭސްކޯޕަސްއަށް ވާހަކަދައްކައި، ހައްޔަރުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ވަކާލާތުކުރީމެވެ. އަބްދުﷲ ގާޟީ އަޅުގަނޑުގެ ޝަރީޢަތުގެ އަޑުއެހުން ނިންމަވައި، ހައްޔަރުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައެޅިތާ 24 ގަޑިއިރު ނުވަނީސް ފުލުސް އޮފީހަށް ހާޟިރުކޮށް ހައްޔަރުކުރެވުނެވެ. އެއިގެފަހުން އަނިޔާވެރިކޮށް، ނިޒާމުގެ ތެރެއިން ގެއްލުވާލައިގެން އެތަކެއް ދުވަހެއް ވަންދެން ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުން، ޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެންދިޔައީ އެވެ.

ހަމަ އެ ދުވަސްވަރު، ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި ސުޕްރީމް ކޯޓް ހިންގުމަށް ކައުންސިލްއެއްވެސް ޢައްޔަންކުރަން އުޅުމުން، ރައީސް ނަޝީދަށް ޖުޑިޝަރީ އޮންނަގޮތް ނޭނގޭކަމާއި މިނިވަން ޖުޑިޝަރީއެއް ތަޙައްމަލް ނުވިކަން ސާފުކޮށް ފެނިގެންދިޔަ އެވެ.
މިއަދު އަނެއްކާވެސް އާ ބާރުތަކާއިއެކު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނަކީ ޖޭއެސްސީގެ ޑިފެކްޓޯ ޖަސްޓިސް މިނިސްޓަރެވެ. ނުވަތަ ތަމްޞީލުކުރައްވާގޮތުން ބޮޑުފަނޑިޔާރުމަނިކުފާނުގެ ލަޤަބުވެސް އެރުވުމަކީ ކުށަކަށް ނުވާނެ އެވެ.

މިދިޔަ 2019 ވަނަ އަހަރުގެ މަޖްލިސް އިންތިޚާބު އެމްޕީޑީއިން ކާމިޔާބުކުރީ މިނިވަން، ތަޙްޒީބު ޖުޑިޝަރީއެއް ކަށަވަރުކޮށްދޭނެ ކަމުގެ ވަޢުދު ހިމަނައިގެންނެވެ. ހަމަ އެއާއިއެކު، އޭގެ ކުރިން 2018 ގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙްވެސް ސާފު ޢިބާރާތުން ވިދާޅުވެފައިވަނީ، ޖޭއެސްސީ އޮތްގޮތް ކަމުނުދާ ކަމަށެވެ. އެކަން އިޞްލާޙްކޮށް، މިނިވަން ޖުޑިޝަރީއެއްގެ ވަޢުދު އެ މަނިކުފާނުވެސް ވެވަޑައިގަތެވެ.

އެހެން ނަމަވެސް، ކަންހިނގާދިޔައީ އެ ވަޢުދުތަކާ މުޅިން ދެކޮޅަށެވެ. ޤާނޫނަތަކަށް ބޮޑެތި ބަދަލުތައް ގެނެސް، ކޯޓުތަކުގެ އިދާރީ ބާރުތައް ހިމެނޭގޮތަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި، ކޯޓުތަކުގެ ރެޖިސްޓްރާއިން ސީދާ ޖެއެސްސީއަށް ޖަވާބުދާރީވާގޮތަށް ވަނީ ހަދައިފަ އެވެ. އެއާއިއެކު، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަވާލުކުރާނެގޮތާއި، ތަރުތީބުކުރާނެގޮތް ހިމެނޭގޮތުން ބޮޑެތި ބާރުތަކެއް މިހާރުވަނީ ރަޖިސްޓްރާއަތަށް ހަވާލުކޮށް، އެއީ ޖޭއެސްސީއަށް ސީދާ ޖަވާބުދާރީވާންޖެހޭ މީހަކަށް ބަދަލުކޮށްފަ އެވެ. މާނައަކީ، ޖޭއެސްސީގެ ދުރުމީން ނެއްޓިގެން ކޯޓުތަކުގެ އިދާރީ އެއްވެސްކަމެއް ހިންގޭ ގޮތް ނެތުމުގެ އިތުރަށް، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއަށް ސީދާގޮތުން ސިޔާސީ ނުފޫޒު ފޯރުވާނެގޮތް ހަމަޖެހިގެންގޮސްފައިވުމެވެ.

ޙުކުމް ވިއްކުމާއި ނުވިއްކުން

މިހާރު ޙުކުމް ވިއްކޭނީ ތިމަންނާއަށް އެނގިގެންކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ކޯޓުތަކަށް އެ މަނިކުފާނުގެ މުތްލަޤް ނުފޫޒް އޮތް މިންވަރު ކަށަވަރުވެއްޖެ އެވެ.

ޙުކުމް ވިއްކިއަސް އަދި ނުވިއްކިއަސް ވަކި ފަރުދަކަށް އެނގެންޖެހެނީ ކީއްވެތޯ އެވެ؟ އެއީ ފުލުހުންގެ މަސްއޫލިއްޔަތެއް ނޫންބާއެވެ؟ އެހެންވެއްޖެނަމަ، ގޯސްވެގެން މިއުޅެނީ ކޮންކަމެއް ނުވަތަ ނިޒާމެއްކަން މިހާރު އޮޅިއްޖެ އެވެ. އިއްޔެ ގޯސްވީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަތްޕުޅުގައި ބާރުތައް އޮވެގެން ކަމަށްވާނަމަ، މިއަދު ރައީސް ނަޝީދުގެ އަތްޕުޅުގައި އެ ބާރުއޮތުމުން އެކަން ރަނގަޅުވީގޮތެއް ނޭނގުނެވެ. އެއީ އަނެއްކާ މާ މަތިން ވަޑައިގަތް ބޭކަލަކަށްވީތޯ އެވެ؟ ނުވަތަ ރޫޙާނީ ބާރެއް ލިބިގެންވާ ކަމަށް ދަޢުވާކުރަނީ ނޫންބާ އެވެ؟ މާލޭގައި ނުވަތަ ރާއްޖޭގައި ކުރީ ޒަމާނުގައި އެފަދަ ކަންކަމަށް ދަޢުވާކޮށް މީހުން މަގުފުރެއްދި ބޮޑުން ތިބި ވާހަކައަޑުއަހަމެވެ. އެކަމަކު މިޒަމާނުގައި މިއީ އާ ކަމެކެވެ.

ރައީސް ނަޝީދަކީ މިހާރު 2008 ގައި އިންތިޚާބުވި ރައީސްގެ ލަޤަބަށްވުރެ ފުޅާ ހައިޞިއްޔަތެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ޖޭއެސްސީގެ މެމްބަރު އަދި ކޯޓުތަކުގެ ޓޭކާދާރު އެވެ.

އެމްޑީޕީން މިއަދު ޤަބޫލްކުރާ ހަމަ ސާފެވެ. ވެންޓިލޭޓަރު ވައްކަން އަހަރެމެންގެ ބެލުމުގެ ދަށުން ކުރިކަން ރައްޔިތުންނަށް ރައްކާތެރި އެވެ. ދަރަނި އަހަރެމެންގެ ޕާޓީން ނަގާކަމީ ރައްޔިތުންގެ ނަސީބެވެ. މަސްވެރިންގެ މަސްކޮޅަށް ހަމައަގު ނުލިބި، ނުކިރިގެން އުޅެންޖެހުނީ އަހަރެމެންގެ ވެރިކަމެއްގައިވީ ހަމަ ރައްކަލަކަށެވެ. ޖޭއެސްސީގައި އެމްޑީޕީގެ މެމްބަރުންނާއިއެކު ރައީސް ނަޝީދު އިންނެވުމުން ދިވެހިން ޝުކުރުގެ ސަޖިދައަށް ތިރިވާންވީ އެވެ. މިފަދަ އެތައް ކަމެއްގެ ވާހަކައެވެ.

މިވަރަށް ރައްޔިތުން ތިބީ ބުއްދިގޯސްވެފައިކަމަށާއި، ތިމާމެންގެ ނޭފަތުކުރިއަށްވުރެ ދުރަށް ވިސްނައިގަތުމަށް ޢާޖިޒްވެފައިވާ ބަޔާކާއިއެކު ކުރަން އޮންނާނީ ކޮންބަހުސެއްތޯ އެވެ؟ މިއީ ކޮން ފޮތަކުން އުނގެނިގެން އައިސްތިބި ބައެއްކަމާއިމެދު ސުވާލެއުފެދިއްޖެ އެވެ. މިއީ ހަމަ ޡާހިރު ގޮތްބާ އެވެ؟
ހަމަ ޔަޤީނުންވެސް ތަޙްޒީބު ދުނިޔެއަށް މިއީ ހުތުރު ވާހަކަތަކެކެވެ. ސިޔާސީވެރިންގެ ބާރު އެއްވެސްގޮތަކަށް ފޯރުވާ ޖުޑިޝަރީއަކީ މިނިވަން ޖުޑިޝަރީއެއް ނޫންކަމުގެ އިތުރަށް، ބެންގަލޯ ޕްރިންސިޕަލް އޮފް ޖުޑިޝަލް ކޮންޑަކްޓް، އައިބީއޭގެ މިނިމަމް ސްޓޭންޑަރޑްސް އޮފް ޖުޑިޝަލް އިންޑިޕެންޑެންސް، އަދި ކޮންސަލްޓޭޓިވް ކައުންސިލް އޮފް ޔޫރަޕިއަން ޖަޖަސްގެ މެގްނަރކާޓާ އޮފް ޖަޖަސް ފަދަ އެތަކެއް މިންގަނޑުތަކެއްގައި ޤައިދުވެފައިހުރި އުޞޫލުތައް ޤަބޫލްކުރަން އެމްޑީޕީއިން މިއަދު ފަސްޖެހޭ ސަބަބު ސާފެވެ.

އޮޅުވައިނުލެވޭނެ ޙަޤީގަތް

ބޭނުންވަނީ މިނިވަން ޖުޑިޝަރީއެއްނަމަ، ހަމައެކަނި ބެންގަލޯ ޕްރިންސިޕަލްގެ 1.1 މާއްދާގައި ބުނާގޮތަށް ފަނޑިޔާރުން މަޞްޢޫލިއްޔަތު އަދާކުރަން ފުރުޞަތުދިނަސް މިނިވަން ޖުޑިޝަރީއެއް ލިބޭނެ އެވެ. އެގޮތުން، ހުރިހާ މާނައެއްގައި މިނިވަންވެ، އެއްވެސް ބާވަތެއްގެ ނުފޫޒެއްނެތި މަޞްޢޫލިއްޔަތު އަދާކުރާ ބަޔަކަށްވުމާއި އަދި އެއިގެ ތެރެއިންވިޔަސް ނުވަތަ ބޭރުންވިޔަސް އަންނަ އެއްވެސް ބާވަތެއްގެ ނުފޫޒެއް، ބިރެއް، ނުވަތަ އިންޑިއުސްމެންޓެއް، އަދި އިންޓަފިއަރެންސެއް ސީދާކޮށްވެސް ނުވަތަ ނުސީދާކޮށްވެސް އެއްވެސް ހިސާބަކުން އެއްވެސް ސަބަބަކާއިހުރެ ނެތި މަޞްޢޫލިއްޔަތު އަދާކުރާ ބަޔަކަށް ވާންޖެ އެވެ.

ޖުޑިޝަރީ މިނިވަންކުރަން ބޭނުންވާނަމަ އެ އަސާސްތަކާއި ދެކޮޅުހަދައި ބަހަނާއެއް ނުދައްކާނެ އެވެ.
އެ ބުނާ އިންޑިއުސްމަންޓް މިހާރު ފަނޑިޔާރުންނަށް ހުށަހެޅޭތަން ދެބަސްނުވެވޭ މިންވަރަށް، ހާމަކަންބޮޑުކޮށް ފެނިގެންދެ އެވެ. ސިޔާސީގޮތުން މިއަދު ބާރުއޮތް ފަރާތުގެ ބިރު ޖުޑިޝަރީ އަށް އޮތްއޮތުން ސާފެވެ. ޖުޑިޝަރީ ހިންގަން މިއަދު ބޭނުންވަނީ ޖޭއެސްސީގައި ސިޔާސީމީހުން ތިބެގެންނެވެ. އެއީ އެމްޑީޕީގެ އެކްޓިވިސްޓުން އަދި ސިޔާސީލީޑަރުން ތިބެގެން ނުރައްކަލެއް ނާންނާނެތީއޭ ބުނަމުންނެވެ. ބައިނަލްއަޤްވާމީ ކޮންމެ މިންގަނޑެއްގައި ކޮންމެގޮތަކަށް ބަޔާންކޮށްފައި އޮތަސް، ސިޔާސީވެރިންގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑިޝަރީއެއް ނުދޭނެކަމަށާއި އަދި މިހާރު ޖޭއެސްސީ އޮތްގޮތް ރަނގަޅުކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ.

މިހާ ހިސާބުން މުޅި މަންޒަރު ސާފުވެއްޖެ އެވެ. އެމްޑީޕީއިން ބޭނުންވީ ޖުޑިޝަރީ ތެރެއަށް ހިފެހެއްޓުމެއްނެތް ނުފޫޒް ފޯރުވައި، ކޮންޓްރޯލް ނަގައި، އެ ގޮތް އެއީ މޮޅުގޮތްކަމަށް ދައްކާށެވެ. އެއާއިއެކު، މުޅި އެޖެންޑާ ހާމަވެ، ފަޟީޙަތްވެ، މިއަދު އެމްޑީޕީގެ ޡާހިރު އިންސާފުގެ ނިޒާމު އޮންނާނެގޮތް އެ ބޭފުޅުންގެ ދުލުން ބަޔާންކޮށް ބަރަހަނާވީ އެވެ. ކިތަންމެ ވަރަކަށް ދިފާޢުކުރަން އުޅުނަސް، ގޯސްއެއްޗެއް އަދި ގޯސްކަމެއް ދިފާޢެއް ނުކުރެވޭނެކަމާއި، ނިޒާމުތައް އޮންނަގޮތް ދިވެހިންނަށް އޮޅުވައި ނުލެވޭނެކަން ކަށަވަރެވެ!

މި ލިއުމާއި ގުޅޭ