އެމޭޒަންގެ މުއައްސިސު އަދި އެ ކުންފުނީގެ ސީއީއޯ ޖެފް ބޭޒޯސްގެ ކުރީގެ އަނބިމީހާ މެކެންޒީ ސްކޮޓުގެ މިލްކިއްޔާތުގެ ތެރެއިން 4.2 ބިލިއަން ޑޮލަރު ބަހައިލަން އޭނާ ނިންމައިފިއެވެ.
މި ފައިސާ ބަހައިލަން ނިންމާފައިވަނީ އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާގެ ބޮޑު ބައެއް އެކި ކަންކަމަށް އެހީވުމަށް ދޭން ނިންމާފައިވާ ޕްލޭނެއްގެ ދަށުންނެވެ. މި ފައިސާ ބެހުމަށް ނިންމާފައިވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ 384 ޖަމްޢިއްޔާއެއްގެ މެދުގައެވެ.
މި އަހަރުގެ ޖުލައި މަސްތެރޭގައި މެކެންޒީވަނީ 1.7 ބިލިއަން ޑޮލަރު 116 ޖަމްޢިއްޔާއެއްގެ މެދުގައި ބަހާފައެވެ. ޖުލައި މަހު މީޑިޔަމްގައި ޝާއިޢުކުރި ލިޔުމެއްގައި މެކެންޒީ ބުނެފައިވަނީ އޭނާގެ ތަނަވަސްކަމުގެ ބޮޑު ބައެއް ހަދިޔާކުރުމަށް ނިންމައި އެކަން އިއުލާނުކުރި ކަމުގައެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށާއި، މުޅި ޚަޒާނާ ހުސްވަންދެން އެކަމުގައި ދެމިހުންނާނެ ކަމުގައިވެސް އޭނާ ބުންޏެވެ.
މިފަހަރުވެސް މީޑިޔަމްގައި މެކެންޒީވަނީ ލިޔުމެއް ޝާއިޢުކޮށްފައެވެ. އެ ލިޔުމުގައި ފައިސާ ލިބުނު ޖަމްޢިއްޔާތަކުގެ ތަފުސީލުތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަސީލަތްތައް މަދުވުމުގެ ދަތިކަން ކުރިމަތިވެފައިވާ މުޖުތަމަޢުތަކަށް މާލީ ޚިދުމަތް ފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި، ހަވާސާވެފައިވާ މީހުންނަށް ތައުލީމު ފޯރުކޮށްދޭ ޖަމްޢިއްޔާތަކާއި، މަދަނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ފަރާތްތަކެވެ.
ފައިސާ ދިނުމުގައި އެންމެ ބޮޑު އަސަރެއް ނެރެވޭ ޖަމްޢިއްޔާތަކަށާއި، ފައިސާ ލިބުމުގައި ދަތިކަން ކުރިމަތިވެފައިވާ ޖަމްޢިއްޔާތަކަށް އިސްކަން ދިން ކަމުގައި އޭނާ ޝާއިޢުކުރި ލިޔުމުގައި ބުނެފައިވެއެވެ.
މެކެންޒީއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 20 ވަނާގައި ހިމެނޭ މީހާއެވެ. އޭނާގެ މުޅި ތަނަވަސްކަން ގާތްގަނޑަކަށް 60.7 ބިލިއަން ޑޮލަރަށް އަރާނެ ކަމުގައި ބްލޫމްބާގް މަޖައްލާއިން ލަފާކުރެއެވެ. 2019 ވަނަ އަހަރު ބޭޒޯސް ގާތުން އޭނާ ވަރިވުމާއެކު އޭނާއަށްވަނީ އެމޭޒަންގައި ބޯޒަސްގެ އޮތް ހިއްސާގެ ހަތަރުބައިކުޅަ އެއްބައި ލިބިފައެވެ.