Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ބުނިގޮތަށް ކަންތައް ނުކުރަން އިބޫސަރުކާރަށް ދެއްކޭނެ ބަހަނާއެއްނެތް

ރިޔާސީ ވަޢުދުގެ ޖާދޫގެ ތެރެއިން ވެރިކަންލިބުނު

އިބޫއަށް ރައީސްކަމާއި ފައިސަލްއަށް ނައިބުރައީސްކަން ދީފިނަމަ ރައްޔިތުން އެދޭގޮތަށް ކަންކުރާނޭ ގޮތުގެ ޖާމިނުކަންވަނީ ދީފައެވެ. އެކަންކަމަކީ އެންމެންގެ ކުރިމަތީގައި ހާމަކަންބޮޑުކޮށް ހިގާދިޔަ ކަމެކެވެ. ރިޔާސީވައުދުގެ ގޮތުގައި "މިއީ ބުނާނަދުރޭ" ގެ ސިފައިގާ ކުރި އަހުދުތަކުގެ ކުލަ ރީތިވެފައި ބަސްމަގުވެސް އެހާމެ ޗާލެވެ. އެހެންކަމުން ރައްޔިތުންގެ ތެރޭގައިވި އާދައިގެ ފަރުދުންނާއި، ޒަޢީމުންނާއި، މާލުވެރި މަހުޖަނުންނާއި، ޢިލްމުވެރި ޢާލިމުންގެ ހިތްތައްވެސް އިބޫ ބަޔާންކުޅަ ޖަޒީރާގެ ދިރިއުޅުމަށް ހިތްލެބި އެގޮތްވަނީ އިޚްތިޔާރު ކޮށްފައެވެ. އެހެންކަމުން އަހުދުތަކާއި ވައުދުތައް ޖަރީކޮށް ހާމަކުރުމަށް ބޭއްވުނު ބިޔަބޮޑެތި ދަރުބާރުގައި އަތްޖަހަމުންދިޔައި ކިރިޔާހަމަ ކޮނޑުހުޅަށް ރުއްގަލުބޭސް ކުރަން ނުޖެހިއެވެ.އެޖެންޑާ ނަވާރައިގެ ހުވަފެންދެކެން ރައްޔިތުން ބޭނުންވޭ

ޤައުމުގެ ރިޔާސަތަށް އައުމަށް އިބޫކުޅަ ވަޢުދުތަކާއެކު ހަމަ ލޮނދިކަނދު މަތީގައި ވެރިކަން އަތަށްއެރިއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ހޯދުމަށް ގަދަޔަށް ފޫގަޅައި މަސައްކަތް ފެއްޓިއެވެ. ވައުދުނާމާގެ އެޖެންޑާއާއެކު ރައްޔިތުންގެ ކުރިމައްޗަށް މުޅިކޯލިޝަން ނުކުތެވެ. ގޮނޑިތައް ތިމަންނައަށް ނުވަތަ ތިމަންމެންނަށް ދޭށޭ އޭގެ މުގާބިލުގައި "ބުނިކޮންމެކަމެއް" ކޮށްދޭނެކަމުގެ ޖާމިނުކަން ދެމުން ލައްކަ ހުވަފެންވަނީ ދައްކާފައެވެ. އެޖެންޑާ ނަވާރައިގެ ސަބަބުން ދިވެހިންނަށް ލިބެންއޮތް ކުރިއެރުމާއި ޢަދުލުއިންޞާފުގެ ފޮނިމީރުކަމުގެ ތަރާނާތަކުން ރައްޔިތުންގެ ހިތްތަކަށް ތަސައްލީ ގެނެސްދިނެވެ. ފަހަތުގައި ފޮރުވިފައިވާ ކެހިވެރި ނުވަތަ ބަދަލުހިފުމުގެ ރޭވުންތަކެއް އޮތްތޯ ނެތްތޯ ބެލުމެއްނެތި ޞާލިޙުމީހާ އެދުނުގޮތަށް ރައްޔިތުން ރަނުންރަނަށް ކަންކަން ފުރިހަމަ ކޮށްދިނެވެ. ރައްޔިތުންގެ މަޖިލީހުގެ އަށްޑިހަ ފަސްގޮނޑިންކުރެ ފަސްދޮޅަސްފަސް ގޮނޑި އިބޫސަރުކާރަށް ހިބަކޮށްދިނެވެ. މިހިބަކޮށް ދިނުމާއެކު މުޅިދައުލަތުގެ ހުރިހާބާރެއް އިބޫގެ އަތަށްލިބި ހިތުހުރި ގޮތަކަށް ކަންތައް ކުރުމުގެ ޖާގަ ލިބުނީއެވެ.ބިޔަބަޖެޓާއެކު ޚަޒާނާ ހިތަކަށް ލިބުނު

ވެރިކަމުގެ ބާރުގަދަ ތަޅުދަނޑިޔާއި، މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ލިބުމަށްފަހު އިބޫސަރުކާރަށް ދެން ބޭނުންވަނީ ފައިސާއެވެ. ބުނިކަމަކަށް ބުނިވަރަކަށް ބަޖެޓަށް އެދަނީ އޯކޭ ޖަހައިދެމުންނެވެ. އަދި ސުޕަރމެޖޯރިޓީ އޭގެ ނާރެހުގައި އޮވެ ޚަޒާނާ ބަހައި ހުސްކޮށްލިޔަސް އޯކޭވެގެން ތިބެ އެދަނީ ބަރާބަރަށް ބަޓަނަށް ފިތައިދެމުންނެވެ. އެކިއެކި ފަރާތްތަކާއެކު މާލީ ޑީލްތައް ހެދުމަށް ހުރަހެއްނެތެވެ. ދަރަންޏަށް ފައިސާ ހޯދަންވީއެވެ. ހަރުމުދާތައް ރަހުނުކޮށްގެން ރައްޔިތުންގެ ބޮލުގައި ބިޔަބޮޑެތި ދަރަނިތައް އެޅުވިޔަސް އެއީ މައްސަލައެއް ކަމަށް ބުނާނެފަރާތެއް ނެތެވެ. ދައުލަތުގެ ކުންފުނިތަކުގެ މުދަލާއި ފައިސާ ވެރިމީހާ ބޭނުންގޮތަކަށް ތަޅާބުރުއްސިއަސް ޗުއްޕުވެސް ބުނާނެފަރާތެއް ނެތެވެ. އަމުދުން ބަޅާބާއީ އެހުރީ ނޫންހެއްޔެވެ. އެއޮށްބިޔަބޮޑު އިންޑިޔާ އިބޫސަރުކާރު އެދޭ ކޮންމެކަމަކަށް ހޭވައްލާއޭ ބުނާ ހިސާބުގައި އޮތްއިރު ދެން ކަންބޮޑުވާންވީ ކޮންކަމަކާ ހެއްޔެވެ. ޖިޒީދީގެން ވިޔަސް ބަޅާސާހަބުގެ ފޫބުޑަށްވަދެ އޭނާގެ އުނގުގައި އޮވެ އަރާމުނިދީގައި އިބޫއަށް ނިދުމުގެ ފުރުޞަތު އެބައޮތް ނޫންހެއްޔެވެ.ޖަޒީރަތަކަށް ރަށްވެހި ފަތިސް ލިބެންޖެހޭ ހެއްޔެވެ!

ރަށްތަކުގެ ތަރައްޤީއަށް އަދި އަލިކަމެއް ލިބެންއޮތީ ފަތިހުގެއިރު އަތަށްއެރީމައޭ ބުނަން ފަށައިފިއެވެ. އެހެނަސް ރައްޔިތުންނަށް މިހާރު ހަމަހޭވެރިކަން ވާންފަށައިފިއެވެ. މޮޔައެއްގެ އަތަށް ކަނޑިއެއް ދެވުނުކަމުގެ އިހުސާސްވާން ފަށައިފިއެވެ. އެހެންކަމުން ރައްޔިތުންގެ ފަރާތުން އިބޫސަރުކާރަށް ރުޅިމޫނު ދައްކަން ފަށައިފިއެވެ. ބައެއްފަހަރު އެމީހުންގެ ތެރެއިންވާ މީހުންވެސް ޕްރޮގްރެސިވް ވިސްނުން އިޚްތިޔާރުކޮށް އިބޫސަރުކާރަށް މިހާރު ފުރަގަސްދީފައި ވާކަމަށް ބުނަން ފަށައިފިއެވެ. ރަށްވެހިފަތިހުގެ ވާހަކައަށް ރައްޔިތުން ލެންބުމަށްކުރާ ކަންކަމުގެ ރައްދުގައި އިބޫސަރުކާރުގެ ނާގާބިލު ކަމުން ނަތީޖާމުޅިން ޒީރޯކަމަށް ފާޅުގައި ބުނަންފަށައިފިއެވެ. އެހެންކަމުން ފަތިހުގެ ކުރިން ޖަހަމުންއައި މުނާޖާގަޑީގެ ކަށިހުއްޓާލައި، ފަތިސް ޕާކުކޮށް ކޮވިޑްސެންޓަރަށް ވައްދައި ޕާކުކޮށްފިއެވެ. ރަށްވެހިފަތިހުގެ ނަމުގައި ބާއްވަން އުޅުނު، ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރީ އީސީގެބާރުވެރިކަން އެޗްޕީއޭ މެދުވެރިކޮށް އިބޫގެ އަތަށް ނަގައިގެންނެވެ.ވެރިކަން ހިފަހައްޓަން ވިއްދާ މައި ކައްތިރިއަކީ ކުރީސަރުކާރު

ވީވަޢުދުތަކާއެކު ވެރިކަން ލިބި، އިބޫސަރުކާރުން ކުރަންބުނި ކަންތައް ކުރަންޖާގަ ލިބިއްޖެއެވެ. ވައުދުތައް ފުއްދުމަށް ބޭނުންވި ޤާނޫނީ ބާރުވެރިކަންވެސް ލިބިއްޖެއެވެ. ބަޖެޓާއި މާލީ އިންތިޒާމަށްވެސް ފަހިކަން އޮތީ ފިސާރިބޮޑުތަނުން ތަނަވަސްވެފައެވެ. ވެރިކަމުގެ ތިންވަނަ އަހަރަށް އޮޅިގިރާ ކޮށްފިއެވެ. ތިންވަނަ އަހަރަށް ކުރިމަތިލީ ވަގުތު ރައްޔިތުން އިބޫސަރުކާރަށް ދީފައިވަނީ "އެފްރިޕޯޓް" އެވެ. މިހާދަށުން މުޅިން ފެއިލްވުމުގެ ރިޕޯޓެއް ލިބިފައިވާ އިރު އެންމެ ކުޑަމިނުން އެހެންވީ ތިމާމެން ނާގާބިލުވުމުގެ ސަބަބުން ކަމުގައި ޤަބޫލު ކުރުމުގެ ހިއްވަރުވެސް އިބޫސަރުކާރުގެ ކިބަޔަކު ނެތެވެ. ނުކުރެވޭ ކޮންމެކަމެއްގެ ނުވަތަ ގޯސްކޮށް ތިމާމެންކުރާ ކޮންމެ ކަމެއްގެ ފޫޅު "ކުރީސަރުކާރު" ބޮލަށް ކަނޑާލައެވެ. ކަމުންރެކި ނަމުން ޞާލިޙު ވުމަށްޓަކައިވެސް ތޯއްޗެކެވެ. އެހެނެއްކަމަކު ކުރީސަރުކާރުން ހޯދާފައިވާ ކާމިޔާބުތަކާއި ކޮށްފައިވާ ފައިދާހުރި ރަނގަޅު ކަންކަމުން ފައިދާނަގައި އަމިލައަށް މެޑެލްތައް ލިބިގަތުން އޯކޭއެވެ. ފެންނަމުންދަނީ ކާޅު ހާލިހެދީމާ ކޮވެލި ބިސްއަޅާ ބީދައިން ކަންތައްކުރަން އުޅޭތަނެވެ.ސަރުކާރުގެ އޮރިޔާން ނިވާކުރާ ފޭރާމަކީ ކޮވިޑްނަވާރަ

އެޖެންޑާ ނަވާރައޭ ކިޔާ ހުވަފެނީ މައުޟޫއަކުން ރައްޔިތުންގެ ހިތްތައް އުފަލުން ފުރާލަދޭނެ ކަމަށް ބުނަމުންދިޔައެވެ. އެއެޖެންޑާގެ ސަބަބުން އިންޞާފު ޤާއިމުވެގެންދާނޭ ކަމަށް ބުންޏެވެ. ސިޔާސީ ނުފޫޒުން ފަނޑިޔާރުގެ ސަލާމަތްކޮށް މިނިވަން ފަނޑިޔާރުގެއެއް އުފައްދާނެކަމަށް ބުންޏެވެ. ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނުގެ ވަބާއިން ގައުމު މިންޖުވާނޭ ކަމަށް ބުންޏެވެ. އެޖެންޑާ ނަވާރައަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ރައްޔިތުން މުއްސަނދި ކުރުވާނެ އެއްޗެއްކަމަށް ބުންޏެވެ. އަދި ޢުމްރާނީ ކުރިއެރުމަކީ ކޮންކްރީޓް ނޫންކަމާއި އެވެރިން ގެންގުޅުނު އެޖެންޑާއިން ބުރިޖުތަކާއި އެއަޕޯޓްތަކާއި ރިސޯޓްތަކާއި މަގުތަކާއި ނަރުދަމާތަކާއި އިންޖީނުގެތަކާއި ބޯޅަދަނޑުތައް އަޅާނެކަމަށް ބުންޏެވެ. މިނޫނަސް މިފަދައެތައް ހުވަފެންތަކެއް ދެއްކިއެވެ. އަންނަނީ، ކުރިޔަށްދާނެ، އަދިލަހެއްނުވޭ ފަދަ ލަފުޒުތައް އެއީ ޑިފެންސްލައިނަށް ކުޅޭ ކުޅުންތެރިން ކަމަށް ހަދައިގެން ސިޔާސީމެޗްތައް ކުޅޭ މަންޒަރު ބެލުމަށް ރައްޔިތުން ފޫހިވެއްޖެކަން ސަރުކާރަށް އެނގިއްޖެއެވެ. އިބޫސަރުކާރުން ކުރަންބުނި ކަންކަން ނުކުރިކަމުގެ ވާހަކަތައް ސިޓިންރޫމްތަކާއި، ހޮޅުއަށިތަކުން ޖާގަހޯދައިފިއެވެ. އަދި ބައެއްފަހަރު ސަރުކާރުން ފަންޑުކުރާ ބައެއް މީޑިޔާތަކަށްވެސް ބޭއިޚުތިޔާރުގައި މިޒާތުގެ ވާހަކަތައް ދެއްކޭތަން އަންނާން ފަށައިފިއެވެ. މިކަމުން ސަލާމަތްވާން ހަމަރަނގަޅަށް "ކީރިތި ކުރެއްވުން" ފިޔަވާ ހަރުދަނާ ކަމެއްކުރެވޭ ތަނެއް ނުފެނެއެވެ. ކޮވިޑްގެ ދަތިހާލަތޭ ބުނެ ބޯދަމައިގަތުމަށް ލައްކަވާހަކަ އެބަދައްކައެވެ. އެކަމަކު މިކަމުގައިވެސް ވާގޮތަކީ ވައްކަމާއި ޚިޔާނާތުގެ ބިޔަބޭޒާރުތައް ގިނަވެ ލަދުވެތި އެނޫންވެސް ޖަރީމާތަކާހުރެ އިތުރަށް އޮރިޔާން ވުމެވެ.އަމިއްލައަތުން ޤައުމު ބީވެގެންދާއިރުވެސް ހޭވެރިކަމެއްނެތް

އިޤްތިޞާދީ ގޮތުން ދައުލަތް އިނދަޖެހި ގައުމު ބަނގުރޫޓް ވެފައިވާކަމުގެ ހެކި ކޮންމެ ދިމާއަކަށް ބެލިނަމަވެސް ސާފުކޮށް އެހުރީ ފެންނާށެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އެވާހަކަ އެބަ ހާމަކުރެއެވެ. ސެންޓްރަލްބޭންކްގެ ގަވަރުނަރު އެކަމުގެ ކަންބޮޑުވުން ފާހަގަ ކުރެއެވެ. ރާއްޖޭގެ ވިޔަފާރިވެރިންނާއި ތަޖުރިބާކާރުން މިކަމަށް ހެކިވެއެވެ. މިފަރާތްތަކުން މިދައްކާ އެއްވެސް ވާހަކައަކަށް ބެލުމެއް ނެތެވެ. އިބޫސަރުކާރުން ރައްޔިތުންނަށް މިވިސްނައިދެނީ ޙާލަތު ހަމަ އޯކޭކަމުގައެވެ. މާބޮޑު ބޫމެއްއައިސް ރައްޔިތުން އުފަލުން ހެއްވާލާނެ ދުވަސް ވަރަށް ކައިރީގައި އޮތްކަން ދައްކައިގެންނެވެ.

ސަރުކާރުން މިދަނީ ސިއްރުސިއްރުން ހިންދުކަރައިގެ ނިވަލަށްވަދެ ރައްޔިތުން ޅޮސްއުނދޯއްޔަށް ލައިގެން ނިންދުވަމުންނެވެ. ދިވެހި ޤައުމުގެ އިސްތިޤުލާލު މިހާރުއޮތީ ދިއްލީ ބާޒާރުގައި ނީލަމަކަށް ހުށަޅިފައެވެ. އިންޞާފުގެ އަޑުއަހަން ޖެހެނީ ބޮމްބޭގެ ދަރުބާރު ތަކުންނެވެ. ރޭޕިސްތާނުގެ މަގުތަކުން ފެންނަކަހަލަ މަގުމަތީ ޖަރީމާތައް އިތުރު ވެއްޖެއެވެ. ދިވެހިޤައުމުގެ އަމަން ބެލެހެއްޓުމާއި މައިދޮރާށީގެ ތަޅުދަނޑި މިހާރުވަނީ މަލަބާރުންނާ ޙަވާލު ކުރެވިފައެވެ. މިކަމާއިގުޅުންހުރި ލިއުންތަކާއި ވާހަކަތައް އެވަނީ ދިވެހިންނަށް ސިއްރުކުރެވިފައެވެ. އަދި އެކަންކަން ދިވެހިންނަށް އެނގުމަކީ ޤައުމުގެ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ކަނޑައަޅާފައެވެ. ޤައުމަށް ލިބެންއޮތް މާބޮޑު މަންފާއެއް ނުލިބިދާނެކަމުގެ ހުއްޖަތް ދައްކަމުންނެވެ. ރައްޔިތުން ބިކަވެ މަގުމަތިވުން ވަރިހަމަ ވެއްޖެއެވެ. ދަރަނި އަދި އިސްތިޢުމާރީ ދަންތުރައެއްގައި ބަނދެވި ގައުމާއި ރައްޔިތުން ކަންބޮޑުވެ ނަފުސާނީ ބަލިމަގުކަމެއްގެ އަޖަލުގައިޖެހި ނެތިދާތަން ދެކޭނޭ ސަރުކާރެއް ނުވަތަ ވެރިއެއް މިއަދަކުނެތެވެ. ދިވެހި ޤައުމުގެ ރައްޔިތުން މިހާލަތުން ނަޖާކޮށްދެވޭ ވަރުގެ ހަމައެކަނިޒަޢީމު ފަޚާމަތުއްރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު އެއޮތީ ހުރަގޭގައި ސިޔާސީގޮތުން ގައިދު ކޮށްފައެވެ. އަންދާޤާނޫނުގެ ވަކިތަކުން އޮބިއަޅައި މިޒައީމުގެ ބޮލުގައި އަސްލެއްނެތް އިލްޒާމުތައް މަތިމައްޗަށް އަޅުވަމުން އެދަނީ ބަޅާބާއީގެ މަސްލަހަތަށް ޓަކައެވެ. ރައްޔިތުންގެ އަޑުއެހުމެއްނެތެވެ. ޤައުމަށްޓަކައި އަޑުއުފުލައިފިނަ ގަދަކަމުން ހައްޔަރަށް ނަގައި ވާނުވާޖަހައި ބަންދު ކުރަނީއެވެ.ކުރަންބުނި ކަންތައް ކުރާނަމަ މިހާސަރު ނުލިޔާނެ

އިބޫސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ދެއްކި ވާހަކަޔާއި އެއްގޮތަށް ކަންތައް ކުރުމަށްޓަކައި އެއްވެސް ހުރަހެއްނެތެވެ. ވެރިކަން ދެވިއްޖެއެވެ. މަޖިލީހުގެ ގޮނޑިތައް ދެވިއްޖެއެވެ. ބުނިވަރަކަށް ބަޖެޓްތައް ދެވިއްޖެއެވެ. ރައްޔިތުން ކިޔަމަންތެރިކަން އަދާކޮށްފިއެވެ. ވީވައުދުތައް ފުއްދައި ވެރިކަމުގެ އަހުދާއި އެއްގޮތަށް ކަންކުރުމަށް ވެރިކަމަށް ބޭނުންވާ ހުރިހާމަގެއް ވަނީ ތަނަވަސްވެފައެވެ. އެހެންވީއިރު ކަމެއްނުކުރެވިގެން ދެން ދައްކަން އޮންނާނީ ކޮންބަހަނާއެއް ހެއްޔެވެ. މިނިވަން ޢަދުލުވެރި ޝަރުޢީ ނިޒާމެއް ބިނާ ކުރާށެވެ. ދަރަނި ދަންތުރައިން މިންޖުވެފައިވާ އިޤްތިޞާދެއް އުފައްދާށެވެ. އަމިއްލަ ބާރުހިނގާ ސިޔާދަތުއޮތް ވެރިކަމެއް ކުރާށެވެ. ޢާންމު ޚިދްމަތްތައް ލުއިކޮށްދޭށެވެ. އަމަންއަމާންކަން ޤާއިމުކޮށްދޭށެވެ. ދުލާއި ޤަލަމުގެ މިނިވަންކަން ގައިދުނުކުރާށެވެ. އެއްވެއުޅުމުގެ މިނިވަންކަން ހަނި ނުކުރާށެވެ. ސިޔާސީ މިނިވަން ޙަރަކާތްތަކަށް ޖާގަދީ ފިއްތުންތައް ދޫކޮށްލާށެވެ. ބޯހިޔާވަހިކަން ހޯދައިދޭށެވެ. ވައްކަން ނުކުރާށެވެ. ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ނުހިންގާށެވެ. މަސްވެރިންނަށް ހައްގުވާ މިންވަރު ހޯދައިދޭށެވެ. ވަޒީފާގެ ބިރުނުދައްކާށެވެ. ރައްޔިތުންނަށް އަނިޔާވެރި ނުވާށެވެ. ދަރަންޏާއި ޖުރިމަނާގެ ދަލުގައި ރައްޔިތުން ނުޖައްސާށެވެ. އެންމެ އިސްކަމަކަށް އިސްލާމް ދީނުގެ ހަމަތައް ބަލައިގަނެ އެޝަރީޢަތަށް ކުޑައިމީސް ނުކޮށް އިސްލާމް ދީނުގެ ވަޙުދަތު ވަރުގަދަ ކުރާށެވެ. މިކަންކަން ނުކުރުމަށް އިބޫސަރުކާރަށް އެއްވެސް ބަހަނާއެއް ނެތެވެ.

މި ލިއުމާއި ގުޅޭ