Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

އެކްޓިވިސްޓުންނާއި ސިޔާސީ ވެރިންނަށް ތަހުގީގު ބަޔާންތައް ލިބުން: ޚުޠޫރަތްތެރި ކަމެއް

ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އަދި ޢަލީ ވަޙީދު
ދައުލަތުން ތަހުގީގުކުރަމުންދާ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ތަހުގީގަށް ދޭ ބަޔާންތަަކަކީ އެ ތަހުގީގު ހިންގާ އިދާރާތަކަށް ލިބޭ ލިޔެކިޔުމެވެ. ފަހަރުގައި ރައްޔިތުން މަޖިލިހުގެ ކޮމިޓީއަކުން އެދިގެން އެ ބަޔާންތައް އެ ކޮމިޓީއަކާ ހިއްސާކޮށްފާނެއެވެ. ނަމަވެސް އެއީ ދައުލަތުގެ މިފަދަ މުއައްސަސާތަކުން ބޭރުވެ، ސިޔާސީ ވެރިންނާއި، ރައްޔިތުން މަޖިލިހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންގެ އަތަށް އަރަންޖެހޭ އެއްޗެއްތޯއެވެ؟ މިއީ މިވަގުތު ކޮށްލަންޖެހޭ ސުވާލެކެވެ. ހަމައެހެންމެ މިފަދަ ބަޔާންތައް އެގޮތަށް ލީކުވާން ފަށައިފިނަމަ އެކަމުން ޖިނާއީ ޢަދުލުގެ ނިޒާމަށް ކުރިމަތިވެދާނެ ނުރައްކަލާމެދު ފުންކޮށް ވިސްނައިލުމަކީވެސް އޮތް ކަމެކެވެ.ޢަލީ ވަޙީދުގެ ބަޔާން ރައީސް ނަޝީދަށް ފެނިވަޑައިގަތުން
ބޮޑު ކުށެއްގައި ތުހުމަތުވާ ފަރާތެއްގެ ބަޔާން، ކަމާ ބެހުމެއް ނެތް ބޭފުޅަކަށް ފެނިވަޑައިގެންފައިވާ ކަމުގެ ފުރަތަމަ ވާހަކަ މީޑިޔާއަށް ތިލަވީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަޤާމުން ދުރުކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކުންނެވެ. ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ 6 ދަޢުވާއަކާ ގުޅިގެން ރައީސް ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވަޓްސްއަޕް ގުރޫޕަކަށް ކުރެއްވި މެސެޖުތަކެއްގައެވެ.
މި މައްސަލާގައި ޢަލީ ވަޙީދުގެ މައްޗަށް ދައުވާކުރާކުރުމާމެދު އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖިނާއީ ދަޢުވާ އުފުލުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު މައްސަލަތަކުގައި ދަޢުވާކުރެއްވުމުގައި ތަފާތުކުރައްވާ ކަމުގެ ތުހުމަތުވެސް އަމާޒުކުރެއްވިއެވެ. އެހެންނަމަވެސް މި ވާހަކަފުޅުތަކުގެ ތެރެއިން އެންމެ މުހިއްމު އަދި ޚުޠޫރަތްތެރި ވާހަކަފުޅަކީ ޢަލީ ވަޙީދުގެ ބަޔާން ވިދާޅުވިކަން ރައީސް ނަޝީދު ހާމަކުރެއްވުމެވެ. ރައީސް ނަޝީދު އެ ވިދާޅުވި ބަޔާން އެމަނިކުފާނަށް ލިބިވަޑައިގަތީ ކިހިނަކުން ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
މި މައްސަލައަކީ ތަހުގީގުކޮށް ނިންމައި ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުއްވުމުން، އެ މައްސަލާގައި ދައުވާކުރަން ފެނިވަޑައިގަންނަވާ ކަމުގައި ނިންމަވައި ޕީޖީ ދަޢުވާކުރެއްވުމަށް ކުރިމިނަލް ކޯޓަށް ފޮނުއްވާފައިވާ މައްސަލައެކެވެ. އެހެންކަމުން ތަހުގީގު ބަޔާންތައް ރައީސް ނަޝީދަށް ލިބިވަޑައިގަތީ ޕީޖީގެ ފުށުންތޯ ބެލުމަށް ޕީޖީ އޮފީހުގައި ސުވާލު ދެންނެވުމުން އެ އޮފީހުގެ މީޑިޔާ ސްޕޯކްސްޕާސަން ވިދާޅުވެފައިވަނީ އެފަދަ ކަމެއް އެ މުއައްސަސާގެ ތެރެއިން ނުހިނގާކަމުގެ ކަށަވަރުކަން ދެއްވާ ކަމުގައެވެ.
މިހިސާބުން އުފެދޭ ސުވާލަކީ މި ބަޔާން ރައީސް ނަޝީދަށް ލިބިވަޑައިގަތީ ފުލުސް އިދާރާއިންތޯ ނުވަތަ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ޖޭއެސްސީ މެދުވެރިކުރައްވައި ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ހެއްކެއް ބެއްލެވީތޯއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އަލީ ވަޙީދުގެ ބަޔާން ވިދާޅުވުމުން އެމަނިކުފާނު ހުންނެވީ އަޖައިބުވެވަޑައިގެންފައެވެ. އަޖައިބުވެވަޑައިގަތީ ކީއްވެ ކަމެއް ވިދާޅުނުވެއެވެ.އަދީބުގެ ބަޔާން އެކްޓިވިސްޓަކު ލީކުކޮށްލުން
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ވަރަށް ގިނަ ތަހުގީގީ އިދާރާތަކަށް އެކި މައްސަލަތަކާ ގުޅިގެން ބަޔާން ދެއްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން އަދީބުގެ ގެންދަވަނީ ފުލުހުންނާއި އޭސީސީއާއި ރިޔާސީ ކޮމިޝަނުން ހިންގަމުންދާ ތަހުގީގުތަކަށް އެއްބާރުލުން ދެއްވަމުންނެވެ. އެއީ އިޢުތިރާފުވުމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހައްދަވައިގެން ކުރައްވާ ކަމެކެވެ. މި ކަމުގައި ޕީޖީ އޮފީހުގެ ދައުރެއްވެސް އޮވެއެވެ.
މިއަދު ފެނުނު މަންޒަރަކީ އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް އަދީބު ދެއްވާފައިވާ ބަޔާނުން މިންވަރެއް ސޯޝަލް މީޑިޔާއަށް ލީކުކޮށްލި މަންޒަރެވެ. އެއީ މިއަދު ހެނދުނު މަޖިލިހުގައި ހިނގި ކަމަކާ ގުޅިގެން ކުރި ލީކެއް ކަމުގައި ބެލެވެއެވެ. ރައީސް ނަޝީދު ކޯފާވެ، ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފުގެ ނަންފުޅު އިއްވަވައި މަޖިލިހުގެ ތަޅުމުން ބޭރުކުރެއްވީއެވެ. މައްސަލަ ޖެހުނީ ފުލުހުންގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެންނެވެ. ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން ވަކިކުރާ އިސްލާހަށް ޝަރީފު ތާއީދުނުކުރެއްވީއެވެ.
ދެން ފެނުނީ ރައީސް ނަޝީދު ޖަލުގައި ހުންނެވި ދުވަސްވަރު ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލުކުރުމަށް ހުށަހެޅުނު އިސްލާހު މަޖިލިހަށް ހުށަހެޅުމާ ގުޅޭ ގޮތުން އަދީބު ދެއްވި ބަޔާނެއްގައި ދެއްކެވި ވާހަކަފުޅު ސޯޝަލް މީޑިޔާއަށް ލީކުވި ތަނެވެ. ލީކުކުރީ އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓެކެވެ. ރައީސް ނަޝީދާ އަރިސްވެސް މީހެކެވެ. ރައީސް ނަޝީދަކީ މަޖިލިހުގެ ރައީސަށްވުމުން ފަހަރުގައި އެފަދަ ބަޔާނެއް ހޯއްދެވިދާނެއެވެ. ބެއްލެވިދާނެއެވެ. ނަމަވެސް އެކްޓިވިސްޓެއްގެ އަތަށް މިފަދަ ބަޔާންތައް ދިއުމަކީ ސަމާލުވާންޖެހޭ ކަމެއް ނޫން ހެއްޔެވެ؟ޢަދުލުގެ ނިޒާމަށް ކުރާނެ އަސަރު
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރުވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހެކިބަސް ހޯދުމުގައި ހުރި ގޮންޖެހުންތަކެވެ. ހެކި ބަސް ދިނުމަށް ގިނަ ބަޔަކު އެންމެ ބޮޑަށް ފަސްޖެހެނީ ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުންނަށް ހެކިވެރިޔަކު ހެކިބަސް ދީފިކަން އެނގުމުން ދެން ކުރިމަތިވާ ކަންކަމުގެ ސަބަބުންނެވެ. ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި, އެންމެނަށް އެންމެން އެނގޭ ތަނެއްގައި، ހެކިބަސް ދިނުމަކީ އަމިއްލަ ދިރިއުޅުމާއި ފުރާނައާއި ޢާއިލާވެސް ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އޮންނަ ކަމެކެވެ.
މިފަދަ ޙާލަތުގައި އޮތް މައްސަލައެއްގައި ތަހުގީގީ އިދާރާތަކަށް އެކި ފަރާތްތަކުން ދޭ ބަޔާންތައް ސޯޝަލް މީޑިޔާގައި ލީކުވެ، ޖިނާއީ ޢަދުލުގެ ނިޒާމުގައި ބައިވެރިވުމެއް ނެތް ސިޔާސީ ފަރާތްތަކުގެ އަތްޕުޅަށް ބަޔާންތައް އަރާނަމަ، ޖިނާއީ ޢަދުލުގެ ނިޒާމަށް އިތުބާރުކުރަން ފަސޭހަވާނެ ހެއްޔެވެ؟ "ދިޔަރެސް"އާ ވާހަކަދެއްކެވި ޤާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މިފަދައިން ހެކިބަހާއި ބަޔާންތައް ލީކުވާނަަމަ ނިޒާމާމެދު ރައްޔިތުންގެ އޮތް އިތުބާރު ގެއްލި، ހެކި ބަސްދިނުމަށް މިހާރަށްވުރެ ބޮޑަށް މީހުން ޖެހިލުންވާނެއެވެ.
ދައުލަތުގެ ޢަދުލުގެ ނިޒާމަށް އިތުބާރު ޤާއިމުކުރެވޭނީ ހަމައެކަނި ވަކި ފަނޑިޔާރުންތަކެއް ކޯޓުތަކުން ބޭރުކޮށްގެންނެއް ނޫނެވެ. ތަހުގީގުގެ މަރުހަލާއިން ފެށިގެން ޝަރީޢަތް ހިނގުމުގެ މަރުހަލާއާ ހަމައަށް އެ މަރުހަލާތަކާމެދު އޮންނަ އިތުބާރު ނެގެހެއްޓިގެންނެވެ. ހެކިވެރިންގެ ހެކިބަހާއި މައްސަލަތަކާ ގުޅިގެން މުއްތަހަމުން ދޭ ބަޔާންތަކަކީ އިރިއިރުކޮޅާ ސޯޝަލް މީޑިޔާއަށް ލީކުވާ އެއްޗެއްސަށް ވުމުން، އެ އިތުބާރެއް ނޯންނާނެއެވެ.
މި ލިއުމާއި ގުޅޭ