Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ސުކޫކަށް ފައިސާ ނުދެއްކިއްޖެނަމަ ދަރުމަވަންތަ ހޮސްޕިޓަލަށް ވާނީ ކިހިނެއް؟

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބިޔަ ބަޖެޓަށް ފައިނޭންސް ކުރަން ސަރުކާރުން ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކެއް ބޭރުގެ ފަރާތަކަށް ވިއްކަން ނިންމާފައެވެ. މި ސުކޫކު ވިއްކުމަށް ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަން ނިންމާފައެވެ.
ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން އުޅެނީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ކަމަށް ބުނެފައެވެ. ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރާކަމަށާއި އެ ހޮސްޕިޓަލުގެ ކޮންޓްރޯލް އެހެން ފަރާތަކަށް ދޫކޮށްނުލާކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ސުކޫކު ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިއާއި އެކު ގިނަ ބަޔަކު ވަނީ އެ ސުކޫކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރަށް އަނބުރާ ނުދެއްކިއްޖެނަމަ ހޮސްޕިޓަލަށް ވާނީ ކިހިނެއްތޯ ސުވާލު އުފައްދަމުންނެވެ.
ސުކޫކަކީ ކޮބަ؟
ސުކޫކަކީ އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ބާވަތުގެ ބޮންޑެއް ނުވަތަ މާލީ އިންސްޓްރޫމެންޓެކެވެ. ބޮންޑާއި ހިލާފަށް، ސުކޫކުގައި ރިބާގެ މުއާމަލާތެއް ނުހިމެނެއެވެ. ބޮންޑެއް ވިއްކައިފިނަމަ، އެ ވިއްކާ ފަރާތުން، ގަންނަ ފަރާތަށް ކުރިން އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓަރެސްޓުގެ ގޮތުގައި ފައިސާ ދައްކަންޖެހެއެވެ. ސުކޫކުގައި މިބައެއް ނޯވެއެވެ. ސުކޫކު ވިއްކާ ފަރާތުން، ވިއްކާނީ ސެޓްފިކެޓެކެވެ. އަދި އެ ސެޓްފިކެޓް ވިއްކައިގެން ލިބޭ ފައިސާ އިންވެސްޓު ކުރާނީ ފައިސާ ލިބޭ ހަރުމުދަލަކަށެވެ. އެ މުދަލުން ލިބޭ ފައިދާ ވަކި މުއްދަތެއް ވަންދެން ސުކޫކް ހޯލްޑަރުން (ސުކޫކު ސެޓްފިކެޓް އަށް އިންވެސްޓް ކުރި ފަރާތްތަކަށް) ދައްކަން ޖެހޭނެއެވެ. އަދި އެ މުއްދަތު ހަމަވުމުން، އެ ހަރުމުދާ (އެސެޓު) ވިއްކާލުމަށްފަހު ސުކޫކު ގަންނަން އިންވެސްޓަރުން ކުރި ހަރަދުވެސް އަނބުރާ ދޭންޖެހޭނެއެވެ.ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަނީ ކިހިނެއް؟
ސަރުކާރުން ވިއްކުމަށް މަސައްކަތްކުރަނީ 300 މިލިއަން ޑޮލަރުގެ ސުކޫކެވެ. މި ސުކޫކު ވިއްކުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި ގުޅިގެންނެެވެ. މި މުއާމަލާތް ހިންގުމަށް ސަރުކާރުން ފުރަތަމަ އުފައްދަނީ ސްޕެޝަލް ޕާޕޯސް ވެސަލް (އެސްވީޕީ) އެކެވެ. ވަރަށް އާދައިގެ ބަހުން ބުނާނަމަ މިއީ ސީދާ ސުކޫކު ވިއްކުމަށް އުފައްދާ ވަކި ޤާނޫނީ ހައިސިއްޔަތެއް ލިބިދޭ ކުންފުންޏެކެވެ. 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކަން، 300 ޑޮަލަރުގެ 51 އިންސައްތައަށްވުރެ އަގުހުރި މުދަލެއް އެސްވީޕީގެ ދަށަށް ބަދަލުކުރަން ޖެހެއެވެ. ސަރުކާރުން އެކަމުގައި ބޭނުން ކުރަން ނިންމާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލެވެ.
ބޭރުގެ އިންވެސްޓަރުންނަށް ސުކޫކު ވިއްކާނީ މި އެސްޕީވީއިންނެވެ. އަދި ސުކޫކު ވިއްކައިގެން ލިބޭ ފައިސާ ބޭނުންކޮށްގެން އެސްޕީވީއިން ދަރުމަވަންތަ ހޮސްޕިޓަލް ގަންނާނީއެވެ. އަދި އެއަށްފަހު އަލުން އަނބުރާ ސަރުކާރަށް ހޮސްޕިޓަލް ކުއްޔަށް ދޫކުރާނީއެވެ. އެއަށްފަހު ސަރުކާރުން އެއްބަސްވެފައިވާ ގޮތެއްގެ މަތިން ކުއްޔަށްވާ ފައިސާ އެސްޕީވީއަށް ދޭނީއެވެ. އަދި އެސްޕީވީއިން ސުކޫކު ހޯލްޑަރުންނަށް އެ ފައިސާ ދައްކާނީއެވެ. މި ފައިސާ ވެގެންދާނީ ސުކޫކު ހޯލްޑަރުން ކުރި އިންވެސްޓެމެންޓަށް ލިބޭ ފައިދާއަށެވެ. ސުކޫކުގެ މުއްދަތު ހަމަވުމުން ސަރުކާރުން އަލުން ފައިސާދީ އެސްޕީވީއިން ދަރުމަވަންތަ ހޮސްޕިޓަލް ގަންނާނީއެވެ. އަދި އެސްޕީވީއިން އެ ފައިސާ ސުކޫކު ހޯލްޑަރުންނަށް ދޭނެއެވެ. ފާހަގަކޮށްލަން ޖެހޭގޮތުގައި މި މުއާމަލާތުގައި ހަރުމުދަލުގެ ގޮތުގައި ބޭނުން ކުރާ ދަރުމަވަންތް ހޮސްޕިޓަލުގެ ކޮންޓްރޯލް އޮންނާނީ މި އެސްޕީވީގައެވެ. އެހެން ނަމަވެސް، ސަރުކާރުން ކުލީގެ ގޮތުގައި އެސްޕީވީއަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިއްޖެނަމަ ހާލަތު ބަދަލުވާނެއެވެ.ސުކޫކަށް ފައިސާ ނުދެއްކިއްޖެނަމަ؟
ސުކޫކަށް ފައިސާ ނުދެއްކި ޑިފޯލްޓު ވާނީ ވަރަށް ނާދިރު ހާލަތެއްގައި ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެފަދަ ހާލަތެއް އަތުވެއްޖެނަމަ ކަންވާނެ ގޮތަކީ ވެސް އެނގުން މުހިންމު ކަމެކެވެ. މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އިސްލާމިކް ބޭންކަރެއްކަމަށްވާ އަޒްމީން ރަޝީދު ވިދާޅުވި ގޮތުގައި އެހާލަތުގައި ސަރުކާރަށް ދެކަމެއް ކުރަން މަޖުބޫރު ވާނެއެވެ. އެއް ކަމަކީ ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ދިނުމުގެ އަގު ބޮޑު ކުރުމެވެ. އަދި ދެވަނަ ކަމަކީ އެތަނުގެ މުވައްޒަފުންގެ މުސާރަ މަދުކޮށް، އަދިވެސް އެހެނިހެން ހަރަދުތައް ކުޑަކުރުމެވެ. އެހެން ވެއްޖެނަމަ ހިދުމަތުގެ ފެންވަރު ދަށްވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އަަޒްމީން ވިދާޅުވެފައިވެއެވެ.
އަދި، ސުކޫކު ހޯލްޑަރުންނަށް ދޭންޖެހޭ ފައިސާ ނުދެއްކި ދިގުލައިގެންދާނަމަ، ދަރުމަވަންތަ ހޮސްޕިޓަލް އެހެން ފަރާތަކަށް ކުއްޔަށް ދޭން ނުވަތަ ވިއްކާލަންވެސް ޖެހިދާނެއެވެ. އެހާލަތް އަތުވެއްޖެނަމަ ސަރުކާރަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންޓްރޯލް ގެއްލޭނެއެވެ. އަދި ހޮސްޕިޓަލް ޕްރައިވެޓް ފަރާތެއްގެ އަތްމައްޗަށް ގޮސް، ސިއްހީ ހިދުމަތް ދިނުމުގެ އަގު ބޮޑުވުމަކީވެސް އެކަށީގެންވާކަމެކެވެ. އާންމުގޮތެއްގައި މިކަހަލަ ހާލަތްތަކުގައި ޕްރައިވެޓް ފަރާތްތަކުން އެފަދަ ހަރުމުދާ ކުއްޔަށް ހޯދަން ބޭނުންވަނީ ދިގު މުއްދަތަކަށެވެ. އެހެން ކަމުން ސަރުކާރަށް ހޮސްޕިޓަލުގެ ކޮންޓްރޯލް ދިގު މުއްދަތަކަށް ގެއްލިގެން ދިޔުމަކީ ވެދާނެކަމެކެވެ.ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރީތަ؟
ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަނީ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެމުން ސަރުކާރުން ވަނީ ހޮސްޕިޓަލް ރަހުނު ނުކުރާ ކަމަށް ބުނެފައެވެ. އެއްގޮތަކުން ބުނާނަމަ އެއީ ތެދެކެވެ. ސަރުކާރުން ސީދާ ހޮސްޕިޓަލް ރަހުނުކޮށްގެން ލޯނެއް ނަގަނީއެއް ނޫނެވެ. އަދި މި މުއާމަލާތަކީ އޭގެ ޒާތުގައިވެސް ރަހުނެއް ބޭނުންވާނެ މުއާމަލާތެއް ނޫނެވެ. އެހެން ނަމަވެސް، ސުކޫކު ވިއްކަން ހޮސްޕިޓަލް ބެނުން ކުރުމަކީ އެތަން ރަހުނު ކުރުމާއި ދާދި އެއްކަހަލަ ކަމެކެވެ. ލޯނެއް ނަގަން މުދަލެއް ރަހުނުކޮށް، އެ ލޯނު ނުދެއްކިއްޖެނަމަ ރަހުނު ކުރި މުދާ ވިއްކައި ލޯނު ދިން ފަރާތަށް ފައިސާ ދޭން ޖެހެއެވެ. ހަމަ އެގޮތަށް ސުކޫކަށް އިންވެސްޓު ކުރާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ސަރުކާރަށް ނުދެއްކިއްޖެ ހާލަތެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ވިއްކައިގެން ނުވަތަ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީގެން ނަމަވެސް އެ ފައިސާ ސުކޫކު ހޯލްޑަރުންނަށް ދޭންޖެހެއެވެ. އެކަމަކު އެހާލަތަށް ކަންތައްތައް ދިޔުމަކީ ނާދިރު ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ