Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މިފްކޯ އުވައިލަންޖެހޭ އަދި ފެލިވަރު ބަންދުކުރަންޖެހޭ: ރައީސް ނަޝީދު

ސަރުކާރުގެ މަސް ބަންދުކޮށް ބޭރުކުރާ ކުންފުނި މިފްކާ އުވައިލަންޖެހޭ ކަމަށާއި، އަދި މިފްކޯގެ މަސް ބަންދުކުރާ ކާރުޚާނާ ފެލިވަރު ބަންދުކުރަންޖެހޭ ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިއަދު އޮތް މަޖިލިހުގެ ޖަލްސާއަށް މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ހުށަހެޅުއްވި ޤަރާރާ ގުޅިގެން ވާހަކަދައްކަވަމުންނެވެ. މަސްވެރިން ބާނާ މަސް ކިރުން ލަސްވުމާއި، މަސް ކިރުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާތީ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ހުށަހެޅުއްވި ޤަރާރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޭދޮށުގައި މަސް ޕްރޮސެސްކޮށްގެން އަމިއްލަ ފަރާތްތަކުން ވިއްކައިގެން ނޫނީ ފައިދާއެއް ނުލިބޭނެކަން އެނގިވަޑައިގަންނަވާ ކަމުގައެވެ. އަދި މިފްކޯއަކީ އުވައިލަންޖެހޭ ކަމާއި، ފެލިވަރު ބަންދުކުރަންޖެހޭ ކަމަކީވެސް ކުރިއްސުރެ އެނގިވަޑައިގަންނަވާ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ މަސްވެރިންނަށް އެކަށީގެންވާ މިންވަރުގެ އަގެއް އެމީހުން ބާނާ މަހަށް ލިބޭނީ މަސްވެރިކަން ކޮން ގޮތަކަށް ރާވާލައިގެންތޯ ކުރެވޭ ސުވާލަކީ ޒަމާންވީ ބަހުސެއް ހިނގާ މައުޟޫޢެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ 1970 ގެ ތެރޭގައި މަސް ދޯނިފަހަރުގައި އިންޖީނު ހަރުކުރުމުގެ ކުރިން ދިވެހިން މަސް ބާނައިގެން މަސް ކައްކައި، މަސް ހިއްކައިގެން ބޭރުކުރާތާ 800 އަހަރަށްވުރެ ގިަނ ދުވަސް ހޭދަވެފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"މި ރާއްޖޭގެ އިޤުތިޞާދު މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އެތައް ޒަމާނެއް ވަންދެން ހުރި"، ދިވެހިރާއްޖޭގެ އިޤުތިޞާދު ގިނަ ދުވަސްތަކެއް ވަންދެން ބަރޯސާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަން ފާހަގަކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖެއިން ބާނާ މަހުގެ 70 އިންސައްތަ ބޭރުކުރަނީ "ރޯ މެޓީރިއަލް"ގެ ގޮތުގައި ކަމަށެވެ. އަދި ޕްރޮސެސްނުކޮށް ކަމުގައެވެ. ރަނގަޅު ދުވަހެއްގައި އެ މަަހުގެ އަގަކަށް އެއް ޓަނަށް ލިބެނީ 1،200 ޑޮލަރު ކަމަށާއި، ޕްރޮސެސްކޮށްފައި ބޭރުކުރުމުން އެންމެ ގޯސް ދުވަހެއްގައިވެސް 2،500 ޑޮލަރު ލިބޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި މަސް ރައްކާކުރާ ތަންތަނާއި މަސް ކާރުޚާނާތައް ހިންގަނީ ބޮޑު ގެއްލުމުގައި ކަމަށާއި، އެހެންވަނީ ސަރުކާރުން އެތަންތަން ހިންގާތީ ކަމުގައި ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ފަރާތްތަކަށް މަސްވެރިކަން ހުޅުވައިލުމުން އެ ކުންފުނިތަކުން މަސް ބަންދުކޮށް މަސް ބޭރުކުރާ ކަމަށާއި، އެ ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭންނުޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން މިފްކޯ އުވައިލަންޖެހޭ ކަމަށާއި އަދި ފެލިވަރު ބަންދުކުރަންޖެހޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ މިހާތަނަށް ހަދާފައިވާ ހުރިހާ ދިރާސާއަކުން ފެންނަ ޙަޤީޤަތް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ