Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަންހެން ޑްރައިވަރު ޓެކްސީ ކުރާ ކާރަށް އަނެއްކަވެސް ގެއްލުންތަކެއް ދީފި

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފި އެވެ.

އައިންތު މިއަދު ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައިވާ ގޮތުން އޭނާ މިހާރު ޓެކްސީ ކުރާ ކާރު ޑްރަގް ކޯޓު ކުރިމަތީގައި ޕާކްކޮށްފައި ވަނިކޮށް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ކާރުގެ ބިއްލޫރިތައް ތަޅާލާފައެވެ.

ރޭ 8:30 ގައި ކާރު ޕާކުކުރުމަށް ފަހު ކާރަށް އަރަން ދިޔައީ މިއަދު ހެނދުނު ހައެއް ޖެހިއިރު ކަމަށާއި، ދިޔައިރު އޭނާގެ ކާރުގެ ބިއްލޫރިތައް ތަޅާލައި ކަވަރަށް އެކި ވަރުގެ ގެއްލުން ދީފައި ހުރިކަމަށް އައިންތު ބުނެފައިވާ ކަމުގައި "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ރޭ ދަންވަރު އެކެއް ޖެހިފަހުން ބަޔަކު އައިސް ކާރުގެ ބިއްލޫރިތައް ތަޅާލިކަމަށާއި އެކަން ފުލުހުންނަށް އެންގި ކަމަށް ޑްރަގް ކޯޓު ބަލަހައްޓަން އިން ބިދޭސީ ގާޑުމިހާ ބުނެފައިވާ ކަމަށް ވެސް އައިންތުއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވއެވެ.

2017 ވަނަ އަހަރުން ފެށިގެން ޓެކްސީ ކުރަމުން އަންނަ އައިންތު ބުނެފައިވާ ގޮތުގައި އެނާ ޓެކްސީ ކުރާ ކާރަށް 2018 ވަނަ އަހަރުން ފެށިގެން ބަޔަކު ގަސްދުގައި ގެއްލުންދިން މިއީ ފަސް ވަނަ ފަހަރެވެ. އަދި މިކަމުގައި ޝައްކުވާ ބަޔަކު ތިބި ކަމަށާއި އޭގެ ތެރޭގައި އޭނާގެ ކުރީގެ ފިރިމީހާ އާއި ދެ ޑްރައިވަރުން ހިމެނެއެވެ. މިދިޔަ އަހަރު ކާރު ދުއްވާފައި ދަނިކޮށް ހިފަހައްޓައި އޭނާގެ ކުރީގެ ފިރިމީހާ ވަނީ އޭނާގެ ކާރަށް ގެއްލުންދީފައި ކަމަށާއި ޝައްކުކުރެވޭ ދެ ޑްރައިވަރުން ޓެކްސީ ކުރުމުގައި އުޅޭ އިރު އޭނާއާ ދިމާކޮށް ގުޅައި އިންޒާރު ދޭ ކަމަށް އައިންތު ބުނެފައިވެއެވެ.

އައިންތުއާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުންގެ ފަރާތުން މި މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. އަދި ގިނަ ފަހަރު ފުލުހުން ބުނަނީ އެކަށީގެންވާ ހެއްކެއް ނުލިބޭ ކަމަށެވެ.

ރޭގެ ހަމަލާއާ ގުޅިގެން ފުލުހުންނަށް ބަޔާން ދީފައިފައިވާ ކަމަށް އައިންތު ބުނެފައިވެއެވެ. އަދި މިފަހަރު ކާރު ޕާކުކޮށްފައި އޮތް ސަރަހައްދުގައި ސީސީޓީވީ ހުރުމުން މިކަން ކުރާ ބަޔަކު ހޯދޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމުގައި އައިންތު ބުނެފައިވެއެވެ

މި ކަމުގެ ދާއިމީ ހައްލެއް ހޯދަން ފުލުހުންގެ އެހީތެރިކަމާއި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމުގައި އައިންތުގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ